ޒުވާން ޚަތީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ތިނަވަނަ ބުރަށް މިހާތަނަށް 283 ޒުވާނުން ކުރިމަތިލާފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. ޒުވާން ޚަތީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ 3 ވަނަ ބުރަށް ކުރިމަތިލުމަށް ފުރުސަތު މާދަމާ ހަމަވާނެއެވެ.
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ލަފާފުޅާއި އިރުޝާދުގެ ދަށުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ އިސްނެންގެވުމުގެ މަތިން، ގްރޭޑް 10، 11 އަދި 12 ގައި އުޅޭ ދަރިވަރުންނަށާއި، ސްކޫލް ނިމިފައިވާ ދަރިވަރުންނަށް ހުކުރު ކުރުމުގެ ހުއްދަ ދިނުމަށްޓަކައި އިންތިޒާމުކޮށްފައިވާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމްގެ ބޭނުމަކީ ރާއްޖޭގެ އެކިއެކި ރަށްރަށުގައި އިމާމުން ލިބުމަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލު ހޯދުމެވެ. އަދި ޒުވާން ކުދިންގެ ހިތްތަކުގައި އިމާމުކަން ކުރުމާއި ޚުޠުބާ ކިޔުމަށް ޝައުޤުވެރިކަން އުފައްދައި، ދީނަށް ލޯބިކުރުން އެކުދިންގެ ހިތްތަކުގައި އާލާކުރުމަކީވެސް މި ޕްރޮގްރާމްގެ މަޤްޞަދެކެވެ.
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ 2 ޕްރޮގްރާމެއް މިހާތަނަށް ހިންގާފައިވާއިރު މީގެ ތިންވަނަ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލާފައެވެ. ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ މިޕްރޮގްރާމުގެ ތިންވަނަ ބުރުގައި ބައިވެރިވުމަށް އެދި މިހާތަނަށް 283 ޒުވާނުން ކުރިމަތިލާފައިވާކަމަށެވެ. ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ތިންވަނަ ބުރުގައި ބައިވެރިވުމުގެ މުއްދަތު ހަމަވާނީ މާދަމާއެވެ.
މިޕްރޮގްރާމަށް ބޮޑު ތަރުހީބެއް ލިބިމުން އަންނައިރު އަމާޒަކީ މިދައުރުގެ ތެރޭގައި 1 ހާސް ޒުވާން ޚަޠީބުން ނެރުންކަމަށް ވަޒީރު ޝަހީމް ވިދާޅުވިއެވެ.
ޒުވާން ޚަތީބުންނަށް ފުރުޞަތުތައް ފަހިކޮށްދެއްވުމަކީ، ދީނީ ކަންކަމަށް ޒުވާނުންގެ ހިތުގައި ލޯބި ޖައްސައި، ދީނީ ކަންކަމުގައި ކުރީ ސަފުގައި މަސައްކަތްކުރާ ޒުވާނުން އުފެއްދުމަށް ފައްޓަވާފައިވާ މުހިންމު މަސައްކަތެކެވެ.