މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނެންޝަލް ސެންޓަރާއެކު އިންޓަރނޭޝަނަލް ބެސްޓް ޕްރެކްޓިސްއާ އެއްގޮތްވާގޮތުގެ މަތިން ދެފުއްފެންނަ ރެގިއުލޭޓަރީ ފްރޭމްވޯކެއް ޤާއިމްކުރެވޭނެކަން އެމްއެމްއޭއިން ކަށަވަރުކުރާނެކަމަށް ގަވަރުނަރު އަޙްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.
ގަވަރުނަރު މިހެން ވިދާޅުވީ މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނެންޝަލް ސެންޓަރ، އެމްއައިއެފްސީ ގާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެމްއެމްއޭގެ ގަވަރުނަރު އަޙްމަދު މުނައްވަރު ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމުގައި މިހާތަނަށް އޮތީ ގުދުރަތީ ރީތިކަންކަމަށެވެ. ނަމަވެސް އެމްއައިއެފްސީ ގާއިމްވެގެންދިއުމުން ރާއްޖޭގައި ފައިނެންޝަލް ޓޫރިޒަމް ކުރިއެރުވުމުގެ ފުރުސަތު ފަހިވެގެންދާނެކަމަށެވެ.
މިމަސައްކަތަކީ ރާއްޖޭގެ އިޤްތިޞާދަށް ލިބިގެންދާނެ އިތުރު ކުރިއެރުމަކަށް ވެގެންދާނެކަން ގަވަރުނަރު ފާހަގަކުރެއްވިއެވެ. އަދި ވިޔަފާރިއާއި މާލީ ދާއިރާގެ، މިސަރަހައްދުގެ ހަބަކަށް ރާއްޖެ ހެދުމަށް ކުރަމުންދާ މަސައްކަތަށް ލިބިގެންދާނެ ކާމިޔާބަކަށް ވާނެކަމަށްވެސް ގަވަރުނަރު މުނައްވަރު ވިދާޅުވިއެވެ.
ގަވަރުނަރު ވިދާޅުވީ، ރާއްޖެއަށް މާލީ އަދި އިޤްތިޞާދީގޮތުން މިއަންނަ ބަދަލުގެ ފަހަތުގައި އެމްއެމްއޭއިން އަބަދުވެސް ދެމިތިބޭނެކަމަށެވެ. އެމްއައިއެފްސީއާއެކު އިންޓަރނޭޝަނަލް ބެސްޓް ޕްރެކްޓިސްއާއި އެއްގޮތްވާގޮތުގެ މަތިން ދެފުއްފެންނަ ރެގިއުލޭޓަރީ ފްރޭމްވޯކެއް ޤާއިމްކުރެވޭނެކަން އެމްއެމްއޭއިން ކަށަވަރުކުރާނެކަމަށްވެސް ގަވަރުނަރު ވިދާޅުވިއެވެ.
މިސެންޓަރުގެ އެންމެ މުހިންމު އެއް މަޤްސަދަކީ ފޮރިން އިންވެސްޓްމަންޓްތައް ރާއްޖެއަށް ގެނައުމާއި އެމީހުންގެ ޝައުގުވެރިކަން ރާއްޖެއަށް ދަމައިގަތުމެވެ. އަދި ޑިޖިޓަލް ބޭންކިންގެ ދާއިރާއާއި ޒުވާނުންނަށް ވަޒީފާގެ އިތުރު ފުރުސަތުތައް ފަހިކޮށްދިނުމަކީވެސް މިސެންޓަރުގެ އަމާޒެއްކަމަށް ގަވަރުނަރު އަޙްމަދު މުނައްވަރު ވިދާޅުވިއެވެ.
މާލެ ސަރަހައްދުގައި ދެމެހެއްޓެނިވި، މާލީ މިނިވަން ސެންޓަރެއްގެ ގޮތުގައި ތަރައްޤީކުރާ މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނެންޝަލް ސެންޓަރު ފަރުމާކުރެވިފައިވަނީ ދުނިޔޭގެ މާލީ މުއައްސަސާތަކާއި، ޑިޖިޓަލް ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެކަށޭނަ ގޮތަކަށެވެ.