ކުޅިވަރު

"ސީޑްސް" ޕްރޮގްރާމަށް ލ. ކުނަހަންދޫއިން ރަނގަޅު ތަރުހީބެއް


ކުރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން ފަށާފައިވާ "ސީޑްސް" ޕްރޮގްރާމަށް ލ. ކުނަހަންދޫއިން ލިބުނު ތަރުހީބު ބޮޑުކަމަށް ލ. އަތޮޅު ކުރިކެޓް ޑެވެލޮޕްމެންޓް ކޯޗު ލިރުގާމް ސައީދު (ލަރޭ) ބުނެފިއެވެ.

ކުރިކެޓުން ޒުވާން ޖީލެއް އުފެއްދުމުގެ ބޭނުމުގައި ސީބީއެމްއިން ފަށާފައިވާ "ސީޑްސް" ޕްރޮގްރާމު ރާއްޖޭގެ އެކިކަންކޮޅުތަކަށް ފުޅާކުރަމުން އަންނައިރު މިމަހުގެ އެއްވަނަ އަދި ދެވަނަ ދުވަހު މި ޕްރޮގްރާމުގެ އޯޕަންޑޭ ބާއްވާފައިވަނީ ލ. ކުނަހަންދޫގައެވެ. މިކަމާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެމުން ލަރޭ ބުނީ މި ޕްރޮގްރާމުގައި ރަށުގެ 55 ކުއްޖަކު ބައިވެރިވިކަމަށެވެ. މި އަދަދަކީ ރަށުގެ އާބާދިގެ ނިސްބަތުން ވަރަށް ރަނގަޅު އަދަދެއްކަމަށް އޭނާވަނީ ބުނެފައެވެ.

"ރަށުގެ އާބާދީއަކީ 956 މީހުން. އެހެންވީމާ މި ޕްރޮގްރާމުގައި ރަށުގެ 55 ކުއްޖަކު ބައިވެރިވުމަކީ ވަރަށް ރަނގަޅު އަދަދެއްކަމަށް އަޅުގަނޑު ދެކެން. މިރަށަކީ ކުޅިވަރުގެ ރަށެއް" 2011 ވަނަ އަހަރުން ފެށިގެން އެރަށަށް ކުރިކެޓުން ޚިދުމަތްކޮށްދެމުން އަންނަ ކޯޗު ބުންޏެވެ.

ލ. ކުނަހަންދޫއަކީ ކުޅިވަރަށް ޝައުގުވެރި އާބާދީއެއް އޮންނަ ރަށެއްކަން ފާހަގަކުރަމުން ލަރޭ ބުނީ ރަށުގެ ކުދިންގެ ފަރާތުން ކުޅިވަރަށް ފެންނަނީ އާދަޔާ ޚިލާފު ޝައުޤުވެރިކަމެއްކަމަށެވެ. މިކަމުގައި ކުރިކެޓެއް އެހެން ކުޅިވަރެއް އިސްތިސްނާނުވާނެކަމަށް ލަރޭ ފާހަގަކުރިއެވެ.

"މިރަށުގަ ކުޅިވަރުގެ އެއްބައިވަންތަކަމުގެ ރޫހެއް އޮވޭ. ވަކި ކުޅިވަރެއް ނޫން އިނގޭތޯ. ހުރިހާ ކުޅިވަރެއްގައިވެސް. މިސާލަކަށް ކުރިކެޓަށް ބަލާކަމަށްވަންޏާވެސް ކުދިންގެ ފަރާތުން ފެންނަ ޝައުގުވެރިކަން ވަރަށް ބޮޑު. މޫސުމަކަށް ބެލުމެއް ނޯންނާނެ. މިކުދިން ކުރިކެޓަށްދޭ ޝައުގުވެރިކަމަކީ މިކަމުގައި އަޅުގަނޑަށް ދެމިހުރެވޭ އެއް ސަބަބު" ރަށު ކުދިންގެ ފަރާތުން ކުރިކެޓަށް ހުރި ފޯރި ސިފަކުރަމުން ލަރޭ ބުނެފަވެއެވެ.

މީގެ އިތުރުން މިކަމުގައި ބެލެނިވެރިން ދޭ އެއްބާރުލުންވެސް ލަރޭ ފާހަގަކުރިއެވެ. އަދި ކުރިކެޓު ކުރިއެރުވުމަށް ސީބީއެމްއިން ކުރިއަށްގެންދާ "ސީޑްސް" ޕްރޮގްރާމާއެކު ކުނަހަންދޫއިންވެސް ގިނަ ކުދިންތަކެއް މިކުޅިވަރުން ވިދާލާނެކަމުގެ ޔަގީންކަން އެބައޮތްކަމަށް ލަރޭ ފާހަގަކުރިއެވެ. ރަށުގައި ތިބި ކުދިންނަކީ އާދަޔާ ޚިލާފަށް މޮޅު، ހުނަރުވެރި ކުދިންތަކެއްކަން ފާހަގަކުރަމުން ލަރޭ ބުނީ މުސްތަގުބަލުގައި ގައުމީ ޓީމުގެ ސްކޮޑުގައި އެންމެ ގިނަވާނީ ލ. ކުނަހަންދޫއަށް ނިސްބަތްވާ ކުދިންކަމަށެވެ.

"ވަރަށް ޓެލެންޓެޑް ކުދިން އެބަތިބި. މުސްތަގުބަލުގައި ގައުމީ ޓީމުގައި ގިނަވާނީ މިރަށުގެ ކުދިން. ގިނަ ގޮންޖެހުންތަކަކާއެކުވެސް މިކުދިން ކުރާ ހިތްވަރަށް ސާބަސްދޭ ވަރުވޭ. ރަނގަޅު ދަނޑެއް ރަށުގައި ނެތްއިރުވެސް މިކުދިންގެ ޝައުގުވެރިކަމަކަށް އެއްވެސް ބަދަލެއް ނާދޭ" އަންހެން ޑިވިޝަނުގެ ގައުމީ ކުރިކެޓު ތަށި 4 ފަހަރު ކުނަހަންދޫއަށް ހޯދަދިން ކޯޗު ބުނެފަވެއެވެ.

ކުރިކެޓް ތަރައްގީކޮށް ފުޅާކުރުމުގެ މަގުސަދުގައި ފަށާފައިވާ "ސީޑްސް" ޕްރޮގުރާމުގައި ބައިވެރިވުމުގެ ފުރުސަތު ގްރޭޑް 4 އިން ފެށިގެން ގްރޭޑް 7 އާ ދެމެދުގެ ކޮންމެ ކުއްޖަކަށްވެސް ހުޅުވިފައިވާކަމަށް ސީބީއެމްއިން މައުލޫމާތުދީފައިވާއިރު، މި ޕްރޮގުރާމުގެ ބައިވެރިންނަށް ކުރިއަށްގެންދާ ތަމްރީނުތައް ހުއްޓުމެއްނެތި ކުރިއަށްގެންދާނެކަމަށްވެސް ސީޑްސްގެ ކޯޑިނޭޓަރ ފާއިޒް ސަވާދުވަނީ ހާމަކޮށްފައެވެ. ސީބީއެމްގެ އަމާޒަކީ މި ޕްރޮގުރާމުގެ ދަށުން 5000 ކުދިން ކުރިކެޓަށް ތަމްރީނުކޮށް، މިކުދިންގެ ތެރެއިން މުސްތަގުބަލުގެ ގައުމީ ޓީމު އެކުލަވާލުމެވެ.