ޚަބަރު

10 ދުވަސް ފަހުން ނޭޕާލްގެ މަރުވިކަމަށް ބެލި އަންހެނަކު ދިރިހުއްޓާ ފެނިއްޖެ


ނޭޕާލަށް ކުރިމަތިވި ނުރައްކާތެރި ފެންބޮޑުވުމުގެ ހާދިސާގައި މަރުވެފައިވާ ކަމަށް ބަލައި އާއިލާއިން ހިތާމަފާޅުކުރުމުގެ އާދަކާދަތައް ފެށިތާ 10 ދުވަސް ފަހުން، އުމުރުން ދުވަސްވީ އަންހެނަކު ވެއްޓިފައިވާ ގެއެއްގެ ތެރެއިން ދިރިހުއްޓާ ސަލާމަތްކޮށްފިއެވެ. ބެތްރާވަތީ އަވަށުގައި ހުރި އެ އަންހެން މީހާ ދިރިއުޅޭ ގެ ހުންނަނީ ހަތަރު ފަންގިފިލައަށް އިމާރާތް ކޮށްފައެވެ. ފެންބޮޑުވުމުގެ ހާދިސާގައި އެ އިމާރާތް ދަމައިގަނެ، ކިސަޑުގަނޑެއްގެ ތެރެއަށް ގެނބިފައިވާ ކަމަށް ނޭޕާލްގެ އިދާރާތަކުން ބުނެއެވެ. ނަމަވެސް، ޗަންދިކާ ކުމާރީ ޝްރެސްތާ ފެނިފައި ވަނީ ފެނާއި ކިސަޑުގެ ތެރޭގައި އޮތް ހަނި ޖާގައެއްގެ ތެެރެއިންނެވެ. އެ ސަރަޙައްދު ބަލައިފާސްކުރަމުން ދަނިކޮށް އޭނާ ސަލާމަތަށް އެދި ގޮވި އަޑު އިވުނު ކަމުގައި، ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުންދާ ޓީމެއްގެ މެންބަރަކު ބުންޏެވެ.

ސެޕްޓެންބަރު 5 ވަނަ ދުވަހު 45 މިނެޓުގެ އޮޕަރޭޝަނަކަށް ފަހު، ފުލުހުންގެ އޮފިސަރު މަހެންދްރަ ދަރްނާލްއާއި އޭނާގެ ޓީމުން ވަނީ ޝްރެސްތާ ސަލާމަތްކޮށް، އަސްކަރީ ހަސްފަތާލަށް ގެންގޮސް ފަރުވާދޭން ފަށާފައެވެ. އޭނާ ސަލާމަތްކުރިއިރު، އޭނާގެ ޢާއިލާއިން ވަނީ، އޭނާ މަރުވެފައިވާ ކަމަށް ބަލައި، ހިތާމަފާޅު ކުރުމުގެ އާދަކާދަތައް ފަށާފައެވެ. ބެތްރާވަތީގެ ބާޒާރާއި ޢާންމުން ދިރިއުޅޭ ގިނަ އިމާރާތްތަކަށް ފެންބޮޑުވުމާއި ކިސަޑު ފޭބުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އަދި، ގިނަ ގެތަކެއް ވަނީ ކިސަޑުތަކުން ފުރިފައެވެ. މީގެ އިތުރުން، އެ އަވަށުގެ ފިހާރައެއް ހުރި އިމާރާތެއްގެ ތެރެއިން މަރުވެފައިވާ 24 މީހެއްގެ ހަށިގަނޑު މީގެ ފަސް ދުވަސް ކުރިން ފެނިފައިވާ ކަމުގައި އޮފިޝަލުން ބުނެއެވެ.

ހިމާލަޔާ ފަރުބަދައިން 'ގްލޭސިޔަރ' އެއް ނުވަތަ ބޮޑު ގަނޑުފެންގަނޑެއް ކަނޑައިގެން ގޮސް، ކޯރުތަކުގައި ކުއްލިއަކަށް ފެންބޮޑުވުމާ ގުޅިގެން ހިނގި މި ނުރައްކާތެރި ހާދިސާގައި ނޭޕާލުން މަރުވި މީހުންގެ ޢަދަދު ވަނީ 1,300 އަށްވުރެ މައްޗަށް އުފުލިފައެވެ. އަދި، ގާތްގަނޑަކަށް 5،000 އެއްހާ މީހުން ވީނުވީއެއް ނޭނގި ވަނީ ގެއްލިފައެވެ. ސުންނާފަތިވެފައިވާ ރަސުވާ ޑިސްޓްރިކްޓާ އެތައް ސަތޭކަ މޭލެއް ދުރުގައިވާ ޗިތްވާން ފަދަ ސަރަޙައްދުތަކުގެ ކޯރުތަކުގެ އައްސޭރިފަށަށް މަރުވެފައިވާ މީހުންގެ ހަށިތައް ލައްގަމުންދާއިރު، އެ މީހުން ދެނެގަނެ، ވަޅުލުމަށް ނޭޕާލްގެ ކަމާގުޅޭ އިދާރާތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.

ފެންބޮޑުވުމުގެ ހާދިސާއާ ގުޅިގެން ނޭޕާލްގައި ފެނުން ކަރަންޓު އުފެއްދުމަށް ބިނާކޮށްފައިވާ ހައިޑްރޯޕަވަރ ސްޓޭޝަންތަކުގެ ހޮހަޅަތަކުގައި ވެސް 900 އެއްހާ މީހުން ތާށިވެފައިވާ ކަމަށް ބެލެވެއެވެ. އޭގެ ތެރެއިން ތިން މީހަކު، ސެޕްޓެންބަރު 4 ވަނަ ދުވަހު ވަނީ ސަލާމަތް ކުރެވިފައެވެ. މީގެ އިތުރުން، ދިރިހުއްޓާ ސަލާމަތް ކުރެވިފައިވާ އިތުރު މީހުންގެ ތެރޭގައި އަށް އަހަރުގެ ކުޑަކުއްޖަކު ވެސް ހިމެނެއެވެ.