ބަޔާން މިއުނިކުން ޖަރުމަނުގެ ބަޔާ ލެވަކޫސަންގެ ޑިފެންޑަރު ޖޮނަތަން ޓާ ލައްވައި ސޮއިކުރުވުމާ ގާތަށް ޖެހިލައިފިއެވެ.
އުމުރުން މިހާރު 29 އަހަރުގެ ކުޅުންތެރިޔާ މި ސީޒަން ނިމުމުން ލެވަކޫސަން ދޫކޮށްލާނެއެވެ. އެއްބަސްވުން އާނުކުރާނެކަން އޭނާ އެންމެ ފުރަތަމަ އިއުލާންކުރީ މިދިޔަ ސީޒަނަށްފަހުއެވެ.
މިއާއެކު އޭނާ ގަތުމަށް އެންމެ ފުރަތަމަ މަސައްކަތް ކުރީ ސްޕެއިނުގެ ބާސެލޯނާއިންނެވެ. ހިލޭ ޓްރާންސްފާއެއްގައި އެކުލަބަށް ބަދަލުމަށް އޭނާ އެއްބަސްވެފައިވާ ކަމަށްވެސް މީގެ ކުރިން ވަނީ އަޑުފެތުރިފައެވެ. ނަމަވެސް މިކަން މުޅިން ޔަގީނެއްނޫނެވެ. އަދި ބާސެލޯނާގެ ކުޅުންތެރިން ރަޖިސްޓަރ ކުރުމުގައި ހުރި މާލީ ދަތިތަކާކުރެ އޭނާއަށް އެކުލަބަށް ކުޅެވިދާނެ ކަމުގެ ޔަގީންކަމެއްވެސް ނެތެވެ.
ސްޕެއިނުގެ ރެއާލް މެޑްރިޑަކީވެސް ޓާއަށް ޝައުގުވެރިވާ ކުލަބަކެވެ. ނަމަވެސް އޭނާ ބާސެލޯނާއަށް ނުދެވޭނަމަ ކުޅޭނެ ކަމަށް މިހާރު ބެލެވެނީ ބަޔާން މިއުނިކަށެވެ. ސަބަބަކީ އޭނާގެ އެޖެންޓާ އެ ކުލަބާ ގާތް ގުޅުމެއް އޮތުމެވެ.
ޖަރުމަނުގެ ގިނަ މީޑިއާތަކުން ބުނާ ގޮތުގައި ބަޔާންއިން ދަނީ ޓާ ލައްވައި ސޮއިކުރުވުމަށް ވަރަށް ބޮޑަށް މަޝްވަރާ ކުރަމުންނެވެ. އަދި ކުޅުންތެރިޔާވެސް މި ވަގުތުހުރި އޭނާ އަށް ބަޔާންއިން ދޭން ބުނާ މުސާރައާމެދު ހިތްހަމަޖެހިފަ އެވެ. ނަމަވެސް މިއީ ކިހާ ފައިސާއެއް ކަމަށް އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.