ކުޅިވަރު

ސާފް ޗެމްޕިއަންޝިޕް 2026 އަށް ފަސްކޮށްފި


ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް 2026 ވަނަ އަހަރު ކުޅެން ފަސްކޮށްފިއެވެ. މިކަން ރަސްމީކޮށް އިއުލާންކުރީ ދެކުނު އޭޝިއާގެ ފުޓްބޯޅައިގެ މައި ޖަމުއިއްޔާ (ސާފް) އިން ބުރާސްފަތި ދުވަހު ހަވީރުގެ ވަގުތެއްގައެވެ.

ސާފްއިން ބުނީ މި އަހަރުގެ މުބާރާތް ފަސްކުރީ މުބާރާތުގައި ބައިވެރިވާ ގައުމުތަކާއި މުބާރާތުގެ މާކެޓިން ޕާޓްނަރު ސްޕޯޓްސް ފައިވްއާ އެކު ކުރެވުނު މަޝްވަރާތަކަށް ފަހު ކަމަށެވެ. އަދި އެންމެންވެސް ބޭނުންވަނީ ރަނގަޅަށް ތައްޔާރުވެގެން ފެންވަރު ރަނގަޅު މުބާރާތެއް ބާއްވަން ކަމަށެވެ.

އަދި 2026 ވަނަ އަހަރަކީ ދުނިޔޭގެ ތައްޓަށް ކުޅޭ ފުޓްބޯޅަ މުބާރާތް ކަމަށްވާ ފީފާ ވޯލްޑް ކަޕް ބާއްވާ އަހަރު ކަމަށްވުމުން، ސާފް ޗެމްޕިއަންޝިޕް ބާއްވަން ކުރިއަށްވުރެ ބޮޑަށް ތައްޔާރުވެ، އަހަންމިއްޔަތުކަން ދޭން ޖެހޭނެ ކަމަށެވެ. އެ ޖަމާއަތުން މިހެން ބުނީ ވޯލްޑް ކަޕް ބާއްވާއިރު މުބާރާތުގެ ފޯރި ދަށްވިޔަނުދީ ހިފެހެއްޓުމުގެ ގޮތުންނެވެ. މުބާރާތުގެ މާކެޓިން ޕާޓްނަރު ސްޕޯޓްސް ފައިވްއިން ބޮޑަށް ބާރު އަޅަނީ ހޯމް އެންޑް އަވޭ އުސޫލުން މުބާރާތް ކުޅުމަށެވެ.

މިއީ މި އަހަރުގެ އެންމެ ފުރަތަމަ މުބާރާތް ކުޅެން ހަމަޖެއްސިގޮތެވެ. ނަމަވެސް އެ ނިންމުން ކުއްލިއަކަށް ބަދަލުކޮށް އަންނަ ޖޫން މަހު ސްރީ ލަންކާގައި މުބާރާތް ބާއްވަން ހަމަޖެއްސުމުން މާކެޓިން ޕާޓްނަރުން ވަނީ އެކަމާ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ.

މުބާރާތް ފަސްކުރި ސަބަބެއް ކަމަށް ނޭޕާލްގެ މީޑިއާތަކުން ތުހުމަތުކުރަނީ އިންޑިއާގެ އުތުރުގައި އޮންނަ ޕަހެލްގަމް ސްޓޭޓުގައި ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ކަމަށެވެ. ނަމަވެސް ނޭޕާލުން ބުނީ އެ ގައުމުގެ ގައުމީ ޓީމު މުބާރާތަށް ފޮނުވަން ތައްޔާރަށް ތިބި ކަމަށެވެ.

"ކުއްލިއަކަށް މި އެނގުނީ މުބާރާތް ފަސްކުރިކަން 2026 އަށް. މިއީ އަހަރުމެން ވިސްނި ވެސް ކަމެއްނޫން. ސާފް ޗެމްޕިއަންޝިޕަކީ އަހަރުމެން ވަރަށް ބޮޑަށް އިސްކަންދޭ މުބާރާތެއް. މުބާރާތް ފަސް ކުރުމަކީ ވަރަށް ބޮޑު ގެއްލުމެއް،" ނޭޕާލް ފުޓްބޯޅަ އެސޯސިއޭޝަނުން ބުނެފައިވ އެވެ.

ސާފް ޗެމްޕިއަންޝިޕް ނުބޭއްވޭތީވެ ލަންކާއިން މިހާރު ތައްޔާރުވަމުން ދަނީ އެ ގައުމުގައި ސާކް ގައުމުތަކަށް ދައުވަތު ދީގެން އިންވިޓޭޝަނަލް މުބާރާތެއް ބޭއްވުމަށެވެ. ސާފް ޗެމްޕިއަންޝިޕް ނަމުގައި މިހާތަނަށް ވަނީ 12 މުބާރާތް ކުޅެފައެވެ. ރާއްޖެއިން ވަނީ މި މުބާރާތް 2008 އާއި 2018 ގައި ކާމިޔާބުކޮށްފައެވެ.