ކުޅިވަރު

ބާސެލޯނާއިން ބޭނުންވަނީ ފަޓީ ވިއްކާލަން، އެޖެންޓް މަޝްވަރާ ފަށައިފި


ބާސެލޯނާއިން އެ ޓީމުގެ ޒުވާން ފޯވާޑް އަންސޫ ފަޓީ ވިއްކާލަން ބޭނުންވުމާއެކު، އޭނާގެ އެޖެންޓް ޖޯޖް މެންޑޭޒް މަޝްވަރާތައް ފަށައިފިއެވެ. ގާތްގަނޑަކަށް ބައި އަހަރަށްފަހު ފަޓީ ބާސެލޯނާއަށް މެޗެއް ކުޅެދިނީ މިދިޔަ ބުދަ ދުވަހުގެ ރޭގައެވެ. ސްޕެނިޝް ލީގުގައި ވިޔަރެއާލް އަތުން ބާސެލޯނާ 1-0 ގެ ނަތީޖާއަކުން މޮޅުވި މެޗުގައި އޭނާ ފުރަތަމަ އެގާރައިގައި ހިމެނުނު ނަމަވެސް، ފަހު ހާފުގައި ވަނީ ބަދަލުކޮށްފައެވެ.

ބާސެލޯނާ ދުށް އެންމެ މޮޅު ކުޅުންތެރިޔާ ލިއޮނެލް މެސީއަށް ފަހު އެކުލަބުގެ 10 ނަންބަރު ޖާޒީގައި ކުޅެމުން އަންނަ ފަޓީ އަށް އެކުލަބުގައި އެކަށީގެންވާ ކުޅުމެއް ނުދެއްކެ އެވެ. މިހެންވެ މި ސީޒަން ފެށުމުގެ ކުރިން ވެސް އޭނާ ވިއްކާލަން ކުލަބުން ބޭނުންވި އެވެ. ނަމަވެސް އެކަން ނުކުރެވުނީ ކުޅުންތެރިޔާ އެއްބަސްނުވުމުންނެވެ.

އުމުރުން 22 އަހަރުގެ ފޯވަޑް ވިއްކާލަން ބާސެލޯނާ އިން ބޭނުންވާއިރު އޭނާގެ ކޮންޓްރެކްޓް އާކުރުމުގެ ފުރުސަތު ވެސް މިހާރު ބާސެލޯނާ އަށް ވަނީ ފަހިވެފަ އެވެ. އެއީ ކުލަބުގައި މަދުވެގެން ތިން އަހަރު ކުޅެފައިވާ 24 އަހަރުން ދަށުގެ ކުޅުންތެރިންގެ ކޮންޓްރެކްޓް މުސާރައިގެ ލިމިޓަށް ގްރޭސް ޕީރިއަޑެއްލާފައި އައު ކުރުމުގެ ފުރުސަތު ސްޕެނިޝް ލީގުން މިހާރު ދީފައިވާތީ އެވެ.

އަންސޫ ފަޓީ މިހާތަނަށް ބާސެލޯނާ އަށް ކުޅެފައިވަނީ ޖުމުލަ 85 މެޗެވެ. ޖަހާފައިވަނީ 22 ގޯލެވެ. ސްޕޭނުގެ ގައުމީ ޓީމަށް 10 މެޗުން ދެ ގޯލު ޖަހާދީފައިވާ ފޯވަޑް ގަތުމަށް ސްޕޭނާއި އިނގިރޭސިވިލާތުގެ މެދު ފަންތީގެ ކުލަބުތަކުން ބޭނުންވެ އެވެ.

ޖޯޖް މެންޑޭޒް ބާސެލޯނާއާއެކު މަޝްވަރާތައް ފަށާފައިވާއިރު އޭނާ އަކީ އެކުލަބުގެ ވަރަށް ގިނަ ކުޅުންތެރިންގެ އެޖެންޓެއްވެސްމެ އެވެ. މިހެންވެ ލަމީން ޔަމާލް ފަދަ ކުޅުންތެރިންގެ އެއްބަސްވުން އައު ކުރުމަށް ވެސް ބާސެލޯނާއިން އޭނާއާ މަޝްވަރާ ކުރާނެ ކަމަށް ސްޕޭނުގެ މީޑިއާތަކުން ބުނެ އެވެ.