ކުޅިވަރު

އަމޮރިމްގެ ކޯޗުކަމުގައި ރަޝްފޯޑް ޔުނައިޓެޑަށް ކުޅެން ބޭނުމެއް ނޫން


ކޯޗު ރުބެން އަމޮރިމްގެ ކޯޗުކަމުގައި މެންޗެސްޓާ ޔުނައިޓެޑަށް ކުޅެން ބޭނުންނުވާ ކަމަށް އެސްޓަން ވިލާގެ ފޯވާޑް މާކަސް ރަޝްފޯޑް ބުނެފިއެވެ. ނުރަސްމީކޮށް އޭނާ މިހެން ބުނީ މިހާރު ހިނގަމުންދާ ސީޒަން ނިމުމުން އަލުން ޔުނައިޓެޑަށް ބަދަލުވާންޖެހޭތީ އެވެ. އެއީ އޭނާއާއެކު ޔުނައިޓެޑުން ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރަށް ދެމިގެންދާތީއެވެ.

ޔުނައިޓެޑުން ރަޝްފޯޑް ބާކީ ކޮށްލީ އަމޮރިމްގެ ކޯޗުކަމާ ހަވާލުވުމަށްފަހު އެވެ. މިހެންވެ ޖެނުއަރީ މަހު އެސްޓަންވިލާއާ ގުޅުނެވެ. އަދި މިހާތަނށް އޭނާ ވަނީ އެ ޓީމަށް ފަސް ލަނޑު ކާމިޔާބުކޮށްދީފަ އެވެ.

އިނގިރޭސި މީޑިއާތަކުން ބުނަނީ ރަޝްފޯޑް ބޭނުންވަނީ އަންނަ ސީޒަނުގައި ޗެމްޕިއަންސް ލީގުގައި ކުޅޭ ޓީމަކަށް ބަދަލުވާށެވެ. އެ ފުރުސަތު ނުލިބިއްޖެނަމަ އޭނާ އިސްކަންދޭނީ އެސްޓަންވިލާގެ ކޮންޓްރެކްޓް ދާއިމީ ކުރުމަށެވެ. އަދި އޭނާ މިހާރު ދައްކާ ކުޅުމަށް ބަލާއިރު އެ ކުލަބުން ވެސް ތިބީ އިނގިރެސި ޒުވާން ފޯވަޑް މަޑުކުރުވަން ބޭނުންވެފައި ކަމަށެވެ.

ނަމަވެސް މިކަން ކުރެވޭނީ މެންޗެސްޓާ ޔުނައިޓެޑުން އެކަމަށް އެއްބަސްވާނަމަ އެވެ. އަދި ކޮންޓްރެކްޓް ދާއިމީ ކުރުމަށް އެ ކުލަބުން ވަކި އަގެއް ނުކިޔަ އެވެ.

އިނގިރޭސި ނޫސްތަކުން ބުނަނީ ކަންކަން ގޯސްވެފައި އޮތް ވަރުން އަމޮރިމް ވެސް ހުރީ އޭނާގެ ކޯޗުކަމުގައި އަލުން ރަޝްފޯޑަށް ޔުނައިޓެޑަށް ކުޅުމުގެ ފުރުސަތު ދޭ ގޮތަކަށްނޫން ކަމަށެވެ. މިހެންވެ ވެއްޖެނަމަ ކުޅުންތެރިޔާ އަށް ޔުނައިޓެޑްގެ ދޮރު އަބަދަށް ބަނަދުވުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

އުމުރުން މިހާރު 27 އަހަރުގެ ފޯވަޑް ވަނީ މެންޗެސްޓާ ޔުނައިޓެޑަށް 2015 ވަނަ އަހަރުން ފެށިގެން 287 މެޗު ކުޅެދީ 87 ގޯލު ޖަހައިފަ އެވެ. އަދި އިނގިރޭސި ގައުމީ ޓީމަށް ވެސް އޭނާ ވަނީ 62 މެޗުން 17 ގޯލު ޖަހައިފަ އެވެ.