ތަރައްްޤީ

އައިހެވަން މަޝްރޫޢު: ރާއްޖޭގެ ކުރިމަގަށް މުހިއްމު ބިޔަ މަޝްރޫޢެއް


ސަރުކާރުން މިހާރު ހިންގަވަމުން އަންނަ އިޤްތިޞާދީ ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރެއިން އެންމެ މުހިއްމު އެއް މަޝްރޫޢަކީ އައިހެވަން މަޝްރޫޢެވެ. މި މަޝްރޫއުގެ ޢަމަލީ މަސައްކަތްތަކާއެކު ރާއްޖެއަށް ބޮޑު ޢާމްދަނީއެއް ލިބިގެންދާނެކަން ސަރުކާރުން ވަނީ ރައްޔިތުންނަށް ޔަޤީންކޮށްދެއްވާފައެވެ. އައިހެވަން މަޝްރޫޢުގެ ބައެއް "ކޮމްޕޯނެންޓްތަކަށް" ސަޢޫދީ ޢަރަބިއްޔާއިން ފަންޑްދޭން އެއްބަސްވެފައިވާކަމަށް ފިޝަރީޒް މިނިސްޓަރ ޑރ. މުޙައްމަދު ޝައިނީ ވިދާޅުވިއެވެ.

އައިހެންވަން މަޝްރޫޢަކީ ރައީސް ޢަބްދުﷲ ޔާމީންގެ އިޤްތިޞާދީ ތަޞައްވުރުގައި ހިމެނޭ އެންމެ ބޮޑު އެއް މަޝްރޫޢެވެ. ރައީސް ޔާމީންގެ ތަޞައްވުރަކީ، އަހަރަކު އެތައް ޓްރިލިޔަން ޑޮލަރެއްގެ މުދާބަރުކޮށްގެން ރާއްޖެ ކައިރިން ދަތުރުކުރާ އިންޓަރނޭޝަނަލް ޝިޕިންގލައިންގެ މައިމަރުކަޒަކަށް ދިވެހި ރާއްޖެ ހެއްދެވުމެވެ. ހުޅަނގާއި އިރުމަތީގެ މުދާތައް ބަދަލުކުރެވޭ މަރުކަޒަކަށް ރާއްޖެ ވުމެވެ.

އައިހެވަން މަޝްރޫޢު ހިންގުމަށް އިހަވަންދިއްޕޮޅަކީ އެކަށީގެންވާ ތަނެއްތޯ ބެލުމަށް ދުނިޔޭގެ އެންމެ ބޮޑު އެއް ކޮންސަލްޓަންސީ ފާރމްކަމުގައިވާ އެމެރިކާގެ ބޮސްޓަން ކޮންސަލްޓިން ގްރޫޕް، ބީސީޖީއިން އިހަވަންދިއްޕޮޅުގައި ވަނީ ދިރާސާ ކޮށްފައެވެ. އެފަރާތުން ދިރާސާތައް ކުރިއަށްގެންގޮސްފައިވަނީ ސަރުކާރުން ހުށަހަޅާފައިވާ މައިގަނޑު ކޮމްޕޯނެންޓްތައް އިހަވަންދިއްޕޮޅުގައި އެންމެ ރަނގަޅަށް ތަރައްޤީކުރެވޭނީ ކޮންގޮތަކަށްތޯ ބެލުމަށެވެ. އެގޮތުން، ބޯޓުފަހަރު ބަންނަ ކުންފުނިތަކާއި ބަންކަރިން އާއި ޑޮކިންގެ ޚިދުމަތް ދޭ ކުންފުނިތަކާ ވާހަކަދައްކައިގެން ވަރަށް ތަފްޞީލީ ދިރާސާތަކެއް ކޮށްފައިވެއެވެ. އެގޮތުން ޓްރާންޝިޕްމަންޓް ބަނދަރު ތަރައްޤީކުރެވޭނެ ސަރަޙައްދުތައް ކަނޑައެޅުމަށް އެސަރަޙައްދު ބަލާ ދިރާސާތަކެއް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެތެރޭގައި ކޮށްފައިވެއެވެ. އޭގެތެރޭގައި އެސަރަޙައްދުގައި ކަނޑުގެ އޮއިވަރާއި ވައި ހުރިގޮތާއި، ފަޅުތައް ބަލާހަދާފައިވެއެވެ. ޖޯގްރަފީގޮތުން އިހަވަންދިއްޕޮޅަކީ ރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު ފަޅު އޮތް ސަރަޙައްދެވެ.

އިހަވަންދިއްޕޮޅާއި ދާދިކައިރިން 50،000 ޓަނުގެ ބޮޑެތި ބޯޓުފަހަރު ދަތުރުކުރެއެވެ. ހަމައެކަނި ފަތުރުވެރިކަމަށް ރާއްޖެ ބަރޯސާވެފައި އޮންނަ އޮތުން ނިމުމަކަށް ގެނައުމަށް ސަރުކާރުން ރާއްވަވާފައިވާ އެންމެ ބޮޑު މަޝްރޫޢަކީވެސް އައިހެވަން މަޝްރޫއެވެ. މި މަޝްރޫޢުގެ މަސައްކަތްތައް މިހާރު އެނެއްކާވެސް ބާރު ސްޕީޑްގައި ކުރިއަށްދާ ކަމަށާއި އެގޮތުން މިހާރު ކުރިއަށްދަނީ ޢަމަލީ މަސައްކަތްތައް ފެއްޓެވުމުގެ ކުރިން ނިންމަވަންޖެހޭ ކަންކަމުގެ އެންމެފަހު މަރުޙަލާގެ މަސައްކަތްތައް ކަމަށް ފިޝަރީޒް މިނިސްޓަރ ޑރ. މުޙައްމަދު ޝައިނީ ވިދާޅުވިއެވެ. އެގޮތުން މި މަޝްރޫޢުގެ ބައެއް ކޮމްޕޯނެންޓްތަކަށް ފައިސާދޭން ސަޢޫދީޢަރަބިއްޔާއިން އެއްބަސްވެފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ނަމަވެސް އެއީ ކޮން ކޮމްޕޯނެންޓްތަކެއް ކަމެއް މިނިސްޓަރ ވިދާޅުވެފައެއް ނުވެއެވެ.

އައިހެވަން ޕްރޮޖެކްޓްގެ ބިން ހިއްކުމުގެ މަސައްކަތް މިއަހަރު ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމް ވަނީ ވިދާޅުވެފައެވެ. ސަރުކާރުގެ ޢަމާޒަކީ ބޮޑު ޓްރާންސްޝިޕްމަންޓް ބަނދަރެއްގެ އިތުރުން އެއަރޕޯޓަކާއި ޔޮޓް މެރީނާއަކާއި ކްރޫޒް ހަބަކާއި ޑޮކްޔާޑް އަދި ބަންކަރިން ފެސިލިޓީއާއެކު އައިހެވަން ތަރައްޤީ ކުރެއްވުމެވެ.