ތަރައްްޤީ

2 އަހަރު ތެރޭ މާލޭގެ ބޮޑެތި މަގުތައް މަރާމާތުކޮށް ނިންމަނީ


މާލޭ ސިޓީގެ މަގުތައް ހަލާކުވެ، މަގުތަމީގައި ހިނގާބިނގާވެ އުޅޭ މީހުންނަށާއި، ވެހިކަލްތައް ދުއްވާ ފަރާތްތަކަށް ބޮޑެތި އުނދަގޫތަކަކާއި ކުރިމަތިލާންޖެހެއެވެ.

މަގުތައް އެއްވަރުނުވުމާއި، ބައެއް މަގުތަކުގައި އަތުރާފައި ހުންނަ ގާތައް ނެއްޓިފައިހުރުމުގެ ޝަކުވާއަކީ މިހާރަކަށް އައިސް ޢާއްމުންގެ މެދުގައި ގިނަ ޝަކުވާތަކެކެވެ. ވަކިން ޚާއްޞަ ގޮތެއްގައި ވިއްސާރަ ދުވަސްވަރު މާލޭގެ ބޮޑެތި މަގުތަކުގައި ފެންބޮޑުވެ، ފެންގަނޑު ނުހިނދި  އޮންނަކަމުގެ ޝަކުވާކުރާ ފަރާތްތައްވެސް މަދެއް ނޫންނެވެ. މިފަދަ ކަންކަން ޙައްލުކުރެއްވުމަށްޓަކައި، ދޭތެރެ ދޭތެރެއިން މާލޭގެ ބައެއް މަގުތައް ވަގުތީގޮތުން މަރާމާތުކުރެއްވުމުގެ މަސައްކަތް ކުރައްވާ މަންޒަރު ފެނުނުނަމަވެސް، މިކަމަށް ދާއިމީ ޙައްލެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.

img:http://s4.psmnews.mv/images/660x400/14679854505383.jpg|މާލޭގެ މަގުމަތި- ފައިލް ފޮޓޯ: ޕީއެސްއެމް

ރާއްޖޭގެ އާބާދީގެ ތިންބައިކުޅަ އެއްބައި މީހުން ދިރިއުޅެނީ މާލޭގައި ކަމަށްވެފައި، މާލެއަކީ ޢިޖްތިމާޢީގޮތުންނާއި އިޤްތިޞާދީގޮތުން ތަރައްޤީވެފައިވާ ތަނަކަށް ހެއްދެވުމަކީ ސަރުކާރުގެ އަމާޒެކެވެ. އަދި މި އަމާޒަށް ވާޞިލްވުމަށްޓަކައި ސަރުކާރުން ގެންދަވަނީ ތަފާތު މަޝްރޫޢުތައް މާލޭގެ އެކި ސަރަޙައްދުތަކުގައި ހިންގަވަމުންނެވެ. މިގޮތުން ހިންގެވުމަށް ހަމަޖެހިފައިވާ އެންމެ ބޮޑު އެއް މަޝްރޫޢަކީ މާލޭގެ މަގުތައް މަރާމާތުކުރެއްވުމުގެ ބިޔަ މަޝްރޫޢެވެ. މަގުތައް މަރާމާތުކުރުމުގެ މަޝްރޫޢު ހިންގެވުމަށް ހަމަޖެހިފައިވަނީ ތަފާތު ފިޔަވަހިތަކަކަށް ބައްސަވާލައްވައިގެންނެވެ.

ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މި މަޝްރޫޢުގެ ދަށުން އެންމެ ފުރަތަމަ މަރާމާތުކުރެއްވުމަށް ހަމަޖެހިފައިވަނީ އިންޑަސްޓްރިއަލް ވިލެޖަށް ވަންނަ ހިސާބުކަމަށްވާ މޭރީ ބްރައުންގެ ހުޅަނގުން އޮންނަ ސަރަޙައްދުކަމަށެވެ. އެ ސަރަޙައްދު ތާރު އަޅުއްވައިގެން މަރާމާތުކުރެއްވުމަށް ނިންމާފައިވާއިރު، އެއާއެކު މާލޭގެ އެންމެ ބޭރުން ވަށައިގެން އޮންނަ ބޮޑުތަކުރުފާނު މަގުވެސް ތާރު އަޅުއްވައިގެން މަރާމާތުކުރެއްވުމުގެ މަސައްކަތް ފަށްޓަވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ، މި މަސައްކަތް ފެއްޓެވުމަށްޓަކައި އެކި ފަރާތްތަކާއެކު ކުރަންޖެހޭ މުޢާމަލާތްތައް ކުރެވި، ހައްދަވަންޖެހޭ ދިރާސާތައް ހެއްދެވުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށެވެ. އަދި މިއަހަރުގެ ތެރޭގައި އެ މަސައްކަތް ބަޔަކާ ޙަވާލުކުރައްވައި، ޢަމަލީ މަސައްކަތް ފަށްޓަވާނެކަމަށްވެސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

img:http://s4.psmnews.mv/images/660x400/14674548423305.jpg|މާލޭ ބޮޑުތަކުރުފާނު މަގު- ފައިލް ފޮޓޯ: ޕީއެސްއެމް

"މެރީބްރައުންނާއި ހިސާބުން ހުޅަނގަށް މި ޕްރޮޖެކްޓްގެ ދަށުން ހެދިގެންދާނެ. މާނައަކީ އެތަނުގައި މިހާރު އޮތް ޕޭވްމަންޓްތަކާއި، މަގުގައި ހުރި ގާތަކާއި ނެގި އަލުން ހެދިގެންދާނެ. އަދި އޭގެ އިތުރަށް ތާރުވެސް އަޅާފައި އޮންނާނެ. ދެން މާލެ ވަށާއި ބޮޑުތަކުރުފާނު މަގުވެސް އަޅުގަނޑުމެން ވިސްނާފައިވަނީ ތާރު އަޅާގޮތަށް. އެކަމަށްޓަކައި އެކިފަރާތްތަކާއި އެކު ކުރަންޖެހޭ މުޢާމަލާތްތަކާއި، ކުރެވެންޖެހޭ މަސައްކަތްތަކާއި ދިރާސާތައް އެބަހިގާ. އެހެންވީމަ އަޅުގަނޑުމެންގެ އަމާޒަކީ މި އަހަރު އެ މަސައްކަތްވެސް ބަޔާކައި ހަވާލުކުރެވި، މަސައްކަތް ކުރިއަށްގެންދިޔުން. މިހާރު ސަރުކާރުން އެކަމަށްޓަކައި ދެއްވަންޖެހޭ ހުއްދަތައްވެސް ހޯދުމުގެ މަސައްކަތް ކުރަމުން މިދަނީ" މިނިސްޓަރ މުޢިއްޒު ޕީ.އެސް.އެމްއާއި ވާހަކަދައްކަވަމުން ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ދަށުން ދެން ކުރައްވާނެ އެންމެ ބޮޑު މަސައްކަތަކީ މާލޭގެ އެންމެ ކާރޫބާރޫ ބޮޑު މަގުކަމަށްވާ މަޖީދީމަގު އެއްކޮޅުން އަނެއްކޮޅަށް މަރާމާތުކުރައްވައި ނިންމެވުމެވެ. އެގޮތުން މަޖީދީމަގުގެ ގާތައް އާކުރައްވައި، ދުވާރު ބަދަލުކުރައްވައި، ރަނގަޅު ޑްރެއިނޭޖް ސިސްޓަމްތަކެއްވެސް މިއަހަރު ތެރޭގައި ބަހައްޓަވާނެކަމަށް މިނިސްޓަރ މުޢިއްޒު ވިދާޅުވިއެވެ. މުޢިއްޒު ވިދާޅުވީ، މިކަމަށް ބޭނުންވާ އިތުރު ގަލާއި، މެޝިނަރީޒް ގެންނެވުމުގެ މަސައްކަތް މިހާރު ކުރައްވަމުން ގެންދަވާކަމަށެވެ. އަދި ލަސްތަކެއް ނުވެ، މި މަސައްކަތްވެސް ބަޔަކާ ޙަވާލުކުރައްވާނެ ކަމަށާއި، މަޖީދީމަގުގެ މަސައްކަތް ނިމުނުހާ އަވަހަކަށް ދެންހުރި ބޮޑެތި މަގުތައްވެސް މަރާމާތުކުރައްވައި ނިންމެވުމަށް ހަމަޖެހިފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

img:http://s4.psmnews.mv/images/660x400/1995.jpg|މާލޭގެ މަޖީދީ މަގު- ފައިލް ފޮޓޯ: ޕީއެސްއެމް

"އަޅުގަނޑުމެން ގާ ވެސް ހަމަ ގެންނަމުން މިދަނީ. އަދި އިތުރު ތަކެތިވެސް ގެންނަމުން މިދަނީ. އަޅުގަނޑުމެން ފަށަން ވިސްނާފައި މިއޮތީ މަޖީދީމަގުން. މަޖީދީމަގުގެ އެއްކޮޅުން އަނެއްކޮޅަށް ގާ ނަގާފައި، ބައިބައިބަޔަށް ނަގަމުން ނަގަމުން ގޮސް އެއްކޮށް އާކޮށްލާފައި، ޕޭވްމަންޓްވެސް ބަދަލުކޮށް، ރަނގަޅު ޑްރެއިނޭޖް ސިސްޓަމްވެސް އަލުން އަޅާ އެއްކޮށް ހެދުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ކޮށް ނިންމާނަން. އޭގެ އިތުރަށް ދެން ބޮޑެތި މަގުތަކުގެ މަސައްކަތްވެސް ފެށިގެންދާނެ މަޖީދީ މަގު ނިމުނީމައި" މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން، ވެހިކަލްތަކަށް ނުވަދެވޭގޮތަށް ބަންދުކުރައްވާފައިވާ މަގުތަކަކީ ޢާއްމުންނަށް ހިތްފަސޭހަ ތަންތަނަށް ހެއްދެވުމަށާއި، އެތަންތަނަކީ ޓުއަރިސްޓް އެޓްރެކްޝަނެއްގެ ގޮތުގައި ހެއްދެވުމަށް، އެފަދަ މަގުތައްވެސް ރީތިކުރުމުގެ މަސައްކަތް ފެށިގެންދާނެކަމަށް ހައުސިންގ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. 

ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް 2 އަހަރު ދުވަހުގެ ތެރޭގައި މާލޭގެ ހުރިހާ ބޮޑެތި މަގުތަކެއް ޒަމާނީ ފެންވަރަށް މަރާމާތުކުރައްވައި ނިންމެވުމެވެ.