ކުޅިވަރު

ސާފް ޗެމްޕިއަންޝިޕުގައި ބަންގްލަދޭޝްގެ ކޯޗަކަށް ކަބަރޭރާ


ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައިވެސް ބަންގްލަދޭޝްގެ ކޯޗަކަށް ހުންނާނީ ސްޕެއިންގެ ކޯޗު ހާވިއާ ކަބަރޭރާ ކަމަށް ހަމަޖައްސައިފިއެވެ.

ބަންގްލަދޭޝްގެ ފުޓްބޯޅަ ފެޑަރޭޝަނުން މި ގޮތަށް ނިންމީ 2026 ގެ ނިޔަލަށް އޭނާގެ އެއްބަސްވުން އައުކުރުމަށްފަހުއެވެ. މި މުއްދަތާ ހަމައަށް އޭނާ ގައުމީ ކޯޗުކަމުގައި ހުރެފިނަމަ ކަބަރޭރާ ވެގެންދާނީ ބަންގަލްދޭޝްގެ ގައުމީ ކޯޗުކަން އެންމެ ގިނަ ދުވަހު ކުރާނެ ކޯޗަށެވެ.

އޭނާ އަށް ބަންގްލަދޭޝްގެ ގައުމީ ކޯޗުކަން ދިނީ 2022 ވަނަ އަހަރު އެވެ. އޭގެ ފަހުން ދެ ފަހަރެއްގެ މަތިން އޭނާގެ އެއްބަސްވުން އައުކޮށްފައިވެއެވެ.

މި މުއްދަތުގައި އޭނާ އެންމެ ގިނަ އިން ބަލިކުރި ގައުމަކީ ދިވެހިރާއްޖެ އެވެ. އޭނާގެ ކޯޗުކަމުގައި ރާއްޖެ އަތުން 2023 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި މޮޅުވިއިރު ފީފާ ވޯލްޑް ކަޕް ކޮލިފައިންގައިވެސް ވަނީ މޮޅުވެފައެވެ. އަދި މި ދެ ގައުމު އެންމެ ފަހުން ކުޅުނު އެކުވެރިކަމުގެ މެޗުގައި ބަންގްލަދޭޝް ފުރަތަމަ މެޗުން މޮޅުވެފައިވަނިކޮށް ދެވަނަ މެޗުން މޮޅުވީ ވެސް އޭނާގެ އިރުޝާދުގެ ދަށުންނެވެ.

އުމުރުން 40 އަހަރުގެ ކޯޗަކީ ބަންގްލަދޭޝްގެ ގައުމީ ޓީމުގެ އިތުރުން 23 އަހަރުން ދަށުގެ ގައުމީ ޓީމަށްވެސް ކޯޗުކޮށްދީފައިވާ ތަޖުރިބާކާރެކެވެ.

ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި އޭނާއަށް ގައުމީ ކޯޗުކަންދޭން ބަންގްލަދޭޝްއިން ނިންމި ފާއިތުވެދިޔަ ތިން އަހަރު ހޯދާފައިވާ ރަނގަޅު ނަތީޖާތަކުގެ ސަބަބުންނެވެ. ސާފް ޗެމްޕިއަންޝިޕް ބާއްވާނެ ގައުމަކާއި މުބާރާތް ކުޅޭނެ ގޮތެއް ސާފުގެ އެގްޒެކެޓިވް ކޮމިޓީން ނިންމާނީ އަންނަ މަހު ނޭޕާލްގައި ބާއްވާ އެކްސްކޯ ބައްދަލުވުމުގައެވެ.