ތަރައްްޤީ

ޓުއަރިޒަމް ފިލްމް ފެސްޓިވަލްގެ މީޑިއާ ޕާޓްނަރަކަށް ޕީއެސްއެމް


ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ "އިންޓަރނޭޝަނަލް ޓުއަރިޒަމް ފިލްމް ފެސްޓިވަލް"ގެ މީޑިއާ ޕާޓްނަރަކަށް ޕީއެސްއެމް ހަމަޖައްސަވާ، ސަން ހޮޓެލްސް އެންޑް ރިޒޯޓްސްއާއެކު އެއްބަސްވުމުގައި ސޮއިކުރައްވައިފިއެވެ.

މިއެއްބަސްވުމުގައި ސޮއިކުރެއްވީ ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އާމިނަތު ޝާޔަން ޝާހިދު، އަދި ސަން ހޮޓެލްސް އެންޑް ރިޒޯޓްސްގެ، ގްރޫޕް ބިޒްނަސް ޑިވެލޮޕްމަންޓް ޑިރެކްޓަރ އިޖީނާ ބޮޔަންކޯވާއެވެ.

މިމަހުގެ 10ން 12 އަށް ސަން ސިޔާމް އިރުފުށީގައި ބޭއްވުމަށް ހަމަޖެހިފައިވާ ފުރަތަމަ "އިންޓަރނޭޝަނަލް ޓުއަރިޒަމް ފިލްމް ފެސްޓިވަލް" ގައި 10 ދާއިރާއަކުން އެވޯޑް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި އެވޯޑަށް ދުއިސައްތައަށްވުރެ ގިނަ ފިލްމު ބައިވެރިކޮށް 45 ފިލްމެއް ނޮމިނޭޓްކުރެވޭނެއެވެ.

މި ފިލްމު ފެސްޓިވަލްގެ ތީމެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ "ފޮލޯވިން ދި އީކުއޭޓަރ".

މިއެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އާމިނަތު ޝާޔަން ޝާހިދު ވިދާޅުވީ، ޕީއެސްއެމްގެ ވަސީލަތްތައް މެދުވެރިކޮށް މިފިލްމް ފެސްޓިވަލްގެ ޙަރަކާތްތައް އާއްމުންނާއި ހަމައަށް ފޯރުކޮށްދެމުންދާނެކަމަށެވެ.

ސަން ހޮޓެލްސް އެންޑް ރިޒޯޓްސްގެ، ގްރޫޕް ބިޒްނަސް ޑިވެލޮޕްމަންޓް ޑިރެކްޓަރ އިޖީނާ ބޮޔަންކޯވާ ވިދާޅުވީ މި ފެސްޓިވަލްގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން މުޅި ދުނިޔެއަށް ޕްރޮމޯޓްކުރެވިގެންދާނެކަމަށެވެ.

ތިން ދުވަހަށް ކުރިއަށްދާ މިއިވެންޓްގައި އިންޑަސްޓްރީ ސެމިނަރތަކާއި މިއުޒިކަލް އިވެންޓްތައް ކުރިއަށްގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.