ތަރައްްޤީ

އިންޑަސްޓްރިއަލް ވިލެޖް ފެހިކުރުމުގެ މަސައްކަތް އެމްއާރުޑީސީއަށް


މާލޭގެ އިރުދެކުނު ފަރާތުގައި ތަރައްޤީކުރައްވާ އިންޑަސްޓްރިއަލް ވިލެޖް ފެހިކުރުމުގެ މަސައްކަތް މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެމް.އާރު.ޑީ.ސީއާއި ޙަވާލުކުރައްވާފައިވާ ކަމަށް ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މާލޭ ސިޓީގެ ތޮއްޖެހުން ކުޑަކޮށް، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ހިތްފަސޭހަ މާހައުލެއް ޤާއިމުކޮށްދިނުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތުގެ ދަށުން މިވަގުތު އެންމެ ބާރު ސްޕީޑުގައި ކުރިއަށްގެންދަވާ އެއް މަޝްރޫޢަކީ ސިނާޢީ ސަރަޙައްދެއްގެ ގޮތުގައި މާލޭގެ މާލޭގެ އިރުދެކުނު ފަރާތުގައި ތަރައްޤީކުރައްވާ އިންޑަސްޓްރިއަލް ވިލެޖްގެ މަޝްރޫޢެވެ. މިއީ ދައުލަތުގެ ބަޖެޓުން ގާތްގަނޑަކަށް 160 މިލިއަން ރުފިޔާ ޚަރަދުކުރައްވައިގެން ކުރިއަށް ގެންދަވާ މާލޭގެ މަލަމަތި އަނެއްކާވެސް ބަދަލުކޮށްލުވާނެފަދަ ބިޔަ މަޝްރޫޢެކެވެ.

img:http://s2.psmnews.mv/images/660x400/14675640557862.jpg|އިންޑަސްޓްރިއަލް ވިލެޖްގެ މަސައްކަތް ކުރިއަށްދާ ސަރަހައްދު - ފޮޓޯ: ހައުސިންގ މިނިސްޓްރީ

އެމް.ޓީ.ސީ.ސީއާއި ޙަވާލުކުރައްވައިގެން ކުރިއަށްގެންދަވާ އިންޑަސްޓްރިއަލް ވިލެޖް ތަރައްޤީކުރެއްވުމަށް ބޭނުންވާ ބިން ހިއްކެވުމުގެ މަސައްކަތް ވަނީ ނިމިފައެވެ. އަދި މިހާރު ކުރެވެމުންދަނީ އެތަނުގެ ފަސްގަނޑު ޙިމާޔަތްކުރުމަށް ބޭނުންވާ ރިވެޓްމަންޓް ޖެހުމާއި، ބޭރު ތޮށި ރަނގަޅު ފެންވަރަކަށް މަރާމާތުކުރުމުގެ މަސައްކަތެވެ. އަދި ރަނގަޅު ފެންވަރަކަށް މަގުތައް ހެއްދެވުމުގެ މަސައްކަތް ފެށުމަށް ބޭނުންވާ ސާމާނާއި މެޝިނަރީޒް އަދި ވެހިކަލްތައް ގެނެސް، އެކަމުގެ ތައްޔާރީތައްވެސް މިހާރު ދަނީ ވަމުންނެވެ.

ޒަމާނީ ކޮންސެޕްޓަކަށް ފަރުމާކޮށްގެން ތަރައްޤީކުރާ އިންޑަސްޓްރިއަލް ވިލެޖް ހެދިގެންދާނީ ތިމާވެއްޓާވެސް ރައްޓެހިގޮތަކަކަމަށް ހައުސިންގ މިނިސްޓްރީން ހާމަކުރައްވައެވެ. ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އިންޑަސްޓްރިއަލް ވިލެޖް ފެހިކުރުމުގެ މަސައްކަތް އެމް.އާރ.ޑީ.ސީއާއި ޙަވާލުކުރައްވާފައިވާކަމަށެވެ. އަދި އެކުންފުނީގެ ފަރާތުން އެތަނަށް ބޭނުންވާ ބޮޑެތި ގަސް ހޯދުމުގެ މަސައްކަތް މިހާރު ކުރައްވަމުންގެންދަވާ ކަމަށެވެ. މަގު ހެދުމުގެ މަސައްކަތާއެކު، އިންޑަސްޓްރިއަލް ވިލެޖް ފެހިކުރުމުގެ މަސައްކަތްވެސް ޖުލައި 26 ނިޔަލަށް ނިންމާލެވޭނެކަމަށް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

img:http://s3.psmnews.mv/images/660x400/14675577912466.jpg|އިންޑަސްޓްރިއަލް ވިލެޖްގެ މަސައްކަތް ކުރިއަށްދާ ސަރަހައްދު - ފޮޓޯ: ހައުސިންގ މިނިސްޓްރީ

އިންޑަސްޓްރިއަލް ވިލެޖަކީ ސިނާޢީ އެކި ކަހަލަ ބޭނުންތަކަށް ޚާއްސަކޮށްގެން ތަރައްޤީކުރައްވާ ސަރަޙައްދެއްކަމުން، އެތަނުގައި ޕާކެއް ތަރައްޤީކުރުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅުއްވައެވެ. އެހެން ނަމަވެސް މިނިސްޓަރ ވިދާޅުވީ، އިންޑަސްޓްރިއަލް ވިލަޖަށް އެކި ބޭނުންތަކުގައި ޚިދުމަތް ހޯދަންދާ އާއްމުންގެ ހިތްހަމަޖެހުމަށް ޚާއްސަ ސަރަޙައްދުތަކެއްވެސް ހެދިގެންދާނެކަމަށެވެ.

މި މަޝްރޫޢު އެއްކޮށް ނިމުމުން، އިންޑަސްޓްރިއަލް ވިލެޖުގައި މާލެއިން ކުނި ބޭރުކުރާ ވޭސްޓް މެނޭޖްމަންޓް ސަރަޙައްދެއް ޤާއިމުކުރުމާއި، މާލެތެރޭގައި ހުރިއެކި ކަހަލަ ކެމިކަލް ގުދަންތަކާއި، ވޯކްޝޮޕް، ގަރާޖްފަދަ ތަންތަން ހިންގޭނެފަދަ މަލްޓި-ސްޓޯރީ ބިލްޑިންގ ތަކެއް ތަރައްޤީކުރެވިގެންދާނެއެވެ. މީގެ އިތުރުން، މާލޭގައި ބޭނުންކުރަމުންދާ ހެވީ ވެހިކަލްތައް ޕާކްކުރެވޭނެ ސަރަޙައްދެއް ޤާއިމުކުރުމާއި، ރެޑީމިކްސް ކޮންކްރީޓް ހެދޭނެ ސަރަޙައްދެއް ޤާއިމުކުރެވިގެންދާނެއެވެ.

އިންޑަސްޓްރިއަލް ވިލެޖް ތަރައްޤީކުރުމުގެ ދުވެލި އަވަސްކުރެއްވުމަށްޓަކައި، އެމް.ޓީ.ސީ.ސީގެ އިތުރުން، އެމް.އާރ.ޑީ.ސީއާއި ހައުސިންގ މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ޕަބްލިކް ވަރކް ސަރވިސަސްއިންވެސް މިހާރު ދަނީ މި މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދެއްވަމުންނެވެ.