މުދައްރިސުން ތަމްރީނުކުރުމުގެ ޤައުމީ ޕްރޮގްރާމާ ގުޅޭ މަޢުލޫމާތު މަތީ ޘާނަވީއަށް ކިޔަވާ ދަރިވަރުންނަށް ދޭން ފަށައިފިއެވެ.
މިގޮތުން ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން، ސީއެޗްއެސްސީގެ ދަރިވަރުންނަށް ވަނީ މި ޕްރޮގްރާމްއާ ގުޅޭ މައުލޫމާތުތައް ހިއްސާކޮށްފައެވެ. މި ސެޝަންތައް މަތީ ޘާނަވީއަށް ކިޔަވައިދޭ އިތުރު ސްކޫލުތަކުގައި މިހަފްތާގައި ކުރިއަށްގެންދިއުމަށް  ހަމަޖެހިފައިވާކަމަށް ތަޢުލީމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. 
މުދައްރިސުން ތަމްރީނުކުރުމުގެ ޤައުމީ ޕްރޮގްރާމް ކުރިއަށްގެންދާނީ ޘާނަވީ މަރުޙަލާ ނިންމާ ދަރިވަރުންނަށް އަމާޒުކޮށްގެން، މުދައްރިސްކަމުގެ ދާއިރާއަށް ވަންނަ ދަރިވަރުންގެ ޢަދަދު އިތުރުކޮށް، ތަމްރީނުވެފައިވާ، ފެންވަރު ރަނގަޅު، ދިވެހި މުދައްރިސުންތަކެއް ބިނާކުރުމުގެ މަޤުސަދުގައެވެ. މި ޕްރޮގްރާމްގެ ދަށުން ދަރިވަރުން ތަމްރީނުކުރުމަށް ހަމަޖެހިފައިވަނީ، މުދައްރިސުން ލިބުން ދަތިވާ މާއްދާތަކާއި، ރަށްރަށް ފާހަގަކޮށް، އެ ކަންކަމަށް ޚާއްޞަ އިސްކަމެއް ދީގެންކަމަށް ތަޢުލީމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. 
		
			ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވައިދޭ މުދައްރިސުންނަކީ ދިވެހި މުދައްރިސުންނަށް ހެދުމަށްޓަކައި ގައުމީ ފެންވަރުގެ މުދައްރިސުން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް އިފުތިތާހުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. މިގޮތުން ދިވެހި މުދައްރިސުން ތަމްރީނުކުރުމުގެ ޚާއްސަ ޕްރޮގްރާމު އަންނަ މަހު އިފްތިތާހު ކުރައްވާނެކަމަށް ތަޢުލީމީ ވަޒީރު ޑރ.އިސްމާޢީލް ޝަފީޢު ވަނީ ވިދާޅުވެފައެވެ. 
ތަޢުލީމީ ނިޒާމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ، ފެންވަރު ރަނގަޅު މުދައްރިސުން ދާއިރާގައި މަދުވުމެވެ. އެގޮތުން ޖުމްލަ 2400 އަށްވުރެ ގިނަ މުދައްރިސުން ދާއިރާއަށް ބޭނުންވާކަމަށާއި ޕްރައިމަރީ ގްރޭޑްތަކަށް ކިޔަވައިދޭން 250 މުދައްރިސުން ބޭނުންވާކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވަނީ ވިދާޅުވެފައެވެ.