އިންޑިއާއިން ދާއިމީ ގޮތަކަށް ކުޅުދުއްފުށި ސިޓީއަށް ޕެރިޝަބަލް މުދާ އެތެރެކުރެވޭ ގޮތް ހެދުމަށް މަސައްކަތް ކުރަމުންދާކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޑެޓްގެ ސީީއީއޯ މުޙައްމަދު ވަޖީހު އިބްރާހިމް ވިދާޅުވެއްޖެއެވެ. 
އެމްޕީއެލްއިން މިހާރު އަންނަނީ އިންޑިއާގެ ޓުޓިކޮރިން އިން އައްޑޫ ސިޓީއަށް ޕެރިޝަބަލް މުދާ އެތެރެކުރަމުންނެވެ. 
ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީހު އިބްރާހީމް ވިދާޅުވީ ކުޅުދުއްފުށި ސިޓީގެ ޕޯޓަށް މިވީ 19 ވަރަކަށް އަހަރުތެރޭ އެއްވެސް ތަރައްޤީއެއް އައިސްފައިނުވާކަމަށެވެ. އަދި އެތަން ހިންގަމުން އައިސްފައިވަނީ ގެއްލުމުގައި ކަމަށެވެ. އެހެންނަމަވެސް އެ ޕޯޓަކީވެސް ފައިދާ ލިބޭނެ ތަނަކަށް ހެދުމަށް މިހާރު މަސައްކަތްތައް ފަށާފައިވާކަމަށް ވަޖީހު ވިދާޅުވިއެވެ. 
އެގޮތުން ކުޅުދުއްފުށީ ޕޯޓުގައި ބޯޓު ޔާޑެއް ހިންގުމުގެ މަސައްކަތްތައް ފެށުމަށް ތައްޔާރުވަމުން އަންނަކަމަށާއި އެތަން ޚާއްސަކުރުމަށް ހަމަޖެހިފައިވަނީ ފައިބަރުން ބޯޓު ބަނުމަށްކަމަށް ވަޖީހު ވިދާޅުވިއެވެ. އަދި އެ ޕޯޓަށް ފަސޭހައިން ބޯޓުފަހަރު ގާތްކުރެވޭގޮތަށް ޖެޓީ ހެދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށްވެސް ވަޖީހު ވިދާޅުވިއެވެ. 
ވަޖީހު ވިދާޅުވީ ޕޯޓުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތުގެ ދަށުން ދާއިމީކޮށް ޕެރިޝަބަލް މުދާ ގެނައުމަށްވެސް މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން މިމަސް ނިމުމުގެ ކުރިން ނުވަތަ އަންނަ މަހުގެ ކުރީކޮޅު އިންޑިއާއިން ދާއިމީގޮތެއްގައި އެފަދަ މުދާ ގެނެވޭނެ އިންތިޒާމް ހަމަޖައްސަމުންދާކަމަށެވެ. އެހެންނަމަވެސް އެކަން ކުރާނީ ކުޅުދުއްފުށީ ސިޓީގެ ވިޔަފާރިވެރިންގެ މަޝްވަރާއާއެކުކަމަށްވެސް އޭނާ ވިދާޅުވިއެވެ. 
"އިންޑިއާއިން މުދާ ގެންނަން ފެށުމުން އެ ސަރަޙައްދުގެ ރައްޔިތުންނަށް އަގުހެޔޮކޮށް މުދާ ލިބޭނެ.  
ވިޔަފާރަވެރިން ބޭނުންނަމަ ކޮންމެ 10 ދުވަހަކުން ބޯޓުން މުދާ ގެންދާނެ ގޮތް ހަމަޖެއްސޭނެ."  މޯލްޑިވްސް ޕޯޓްސް ލިމިޑެޓްގެ ސީީއީއޯ މުޙައްމަދު ވަޖީހު އިބްރާހިމް ވިދާޅުވިއެވެ. 
		
			އިންޑިއާގެ ޓުޓިކޮރިންއިން އައްޑޫ ސިޓީއަށް އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތި ނުވަތަ ޕެރިޝަބަލް ކާގޯ އެންމެ ފުރަތަމަ ގެންނަމުން އައީ ލަކުޑި ބޯޓުތަކުގައެވެ. މި ބޯޓުތަކަށް ދަތުރުކުރެވެނީ އަހަރުގެ ވަކި ދުވަސްވަރެއްގެ ތެރޭގައި ކަމަށްވާތީ ދާއިމީ ގޮތެއްގައި މުދާ ގެނެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް އެމްޕީއެލްއާއި ހިތަދޫ ޕޯޓުން ވަނީ ކޮށްފައެވެ.
އެމްޕީއެލްއާއި ހިތަދޫ ޕޯޓުން ކުރި މަސައްކަތުން އިންޑިއާގެ ފައިނެސް ގްރޫޕް މެދުވެރިކޮށް މިދިޔަ ޖުލައި މަހުން ފެށިގެން ދަގަނޑު ބޯޓުތަކުގައި ދާއިމީ ގޮތެއްގައި ޕެރިޝަބަލް ކާގޯ ގެނެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. 
އެގޮތުން ފުރަތަމަ ބޯޓް 150 ޓަނުގެ މުދާހިފައިގެން އައްޑޫސިޓީއަށް ބަނދަރުކޮށްފައިވަނީ މި އަހަރުގެ ޖުލައި މަހުގެ 10 ވަނަ ދުވަހުއެވެ. އެމްޕީއެލްއިން ވިދާޅުވީ، ފުރަތަމަ ދުވަސްކޮޅު އައްޑޫއިން ތަރުޚީބު ނުލިބުނުނަމަވެސް މިހާރު އައްޑޫއިން މާކެޓް ލިބި ވިޔަފާރިވެރިންގެ ތަރުޚީބު ލިބެމުން އަންނަކަމަށެވެ.