ރޯދަ

ރަމަޟާން މަހަށް ރާއްޖެއިން ބޭރުން އިމާމުން ރާއްޖެ ގެންނަނީ


ރަމަޟާން މަހު ރާއްޖޭގެ މިސްކިތްތަކުގައި ޚަތިމްކޮށް، ޙިފްޟުކޮށް ތަރާވީޙް ނަމާދު ކުުރުމަށް ބޭރުގެ ނުވަދިހައެއްހާ އިމާމުން ގެންނެވުމަށް ހަމަޖެހިފައިވާ ކަަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

މީގެ އިތުރުން، މިއަހަރުގެ ރަމަޟާންމަހުވެސް ބޭރުގެ ވާއިޒުން ގެންނަވާ، ދީނީ ދަރުސްތައް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރަމަޟާން މަހުގެ ތަރާވީޙް ނަމާދުގައި، ޤުރުއާން ޚަތިމް ކުރުމަކީ، ރާއްޖޭގައި ވެސް އަދި އިސްލާާމީ ހުރިހާ ޤައުމުތަކެއްގައިވެސް އާންމުކޮށް ކުރަމުންދާ ކަމެކެވެ. ނަމަވެސް ރާއްޖޭގައި އެކަށީގެންވާ މިންވަރެއްގައި ޙާފިޡުން ނެތުމާއެކު، އިމާމުވެ ތަރާވީޙް ކުރުމުގައި ޚަތިމް ކުުރުމަށް، ބޭރުގެ އިމާމުން ގެންނަން ޖެހެއެވެ.

މިދިޔަ އަހަަރަށް ބަލާއިރު ބޭރުގެ 83 އިމާމުން ރާއްޖެ ގެންނަވާފައިވެއެވެ. މީގެ ތެރެއިން ދެ އިމާމަކު ފިޔަވާ ދެން ތިބި އިމާމުން ގެންނަވާފައިވަނީ، ރާއްޖޭގެ ބައެއް ޖަމްޢިއްޔާ ތަކާއި، ކައުންސިލްތަކުގެެ ބެއްލެވުމުގެ ދަށުންނެވެ. އެހެންނަމަވެސް މިއަހަރު ބޭރުގެ އިމާމުން ގެންނެވުމަށް ހަމަޖެހިފައިވަަނީ އިސްލާމިކް މިނިސްޓްރީގެ ފަރާތުންނެވެ. އެ މިނިސްޓްރީގެ ޓީމެއް އިމާމުން ހޯއްދެވުމަށްޓަކައި މިހާރު އިސްލާމީ ބައެއް ޤައުމުތަކުގައި ދަނީ މަސައްކަތް ކުރައްވަމުންނެވެ.

އިސްލާމިކް  މިނިސްޓަރ ޑރ އަޙުމަދު ޒިޔާދު ވިދާޅުވީ، އިމާމުން ބޭނުންވާ ކަމަށް 86 ކައުންސިލަކުން އިސްލާމިކް މިނިސްޓްރީއަށް ހުށައަޅާފައިވާ ކަމަށާއި، އެ އަދަދަށް އިމާމުން ހޯއްދެވުމަށް މަސައްކަތް ކުރައްވާކަމަށެވެ.

އިމާމުންގެ އިތުރުން، ދީނީ ދަރުސްތައް ދެއްވުމަށްވެސްް، ބޭރުގެ ވާއިޒުން ހޯއްދެވުުމަށް އިސްލާމިކް މިނިސްޓްރީން ދަނީ މަސައްކަތް ކުރައްވަމުންނެވެ. އިސްލާމިކް  މިނިސްޓަރގެ ނައިބު މުޙައްމަދު މުސްތަފާ ވިދާޅުވީ، އިމާމުންނާއެކު ވާއިޒުންވެސް ހޯއްދެވުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ.

ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން، އިސްލާމިކް މިނިސްޓްރީން ކުރިއަށްގެންދަވާ ޕްރޮގްރާމްތަކުގެ ތެރެއިން، ބޭރުގެ އިމާމުން ބޭނުންކޮށްގެން ކޮންމެ އަސްރު ނަމާދަކަށްފަހު މިސްކިތްތަކުގައި ޤުރުއާން ކިޔެވުމުގެ ޕްރޮގްރާމްތަކެއްވެސް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވެއެވެ.