ޚަބަރު

ސިޑްސްގައި ރާއްޖޭގެ އަޑު ގަދަވާނެ، އެންމެ ބޮޑަށް ވަކާލާތު ކުރާނީ މާލީ އެހީ ހޯދުމަށް: ޠާރިޤް


  • ރާއްޖެއިން އިންތިޒާމުކުރާ 3 ހަރަކާތެއް ކުރިއަށްދާނެ

  • ރާއްޖެއިން އެންމެ ބޮޑަށް ވަކާލާތުކުރާނީ މާލީ އެހީ ހޯދުމަށް

  • ކޮންފަރެންސް އޮންނާނީ މިމަހުގެ 27 އިން 30އަށް

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުދި ޤައުމުތަކަށް ލިބޭ ގެއްލުންތަކަށް މާލީ އެހީތެރިކަން ހޯދުމާއި ގުޅޭގޮތުން، ސްމޯލް އައިލެންޑް ޑިވެލޮޕްމަންޓް ސްޓޭޓްސް، ސިޑްސްގެ މިއަހަރުގެ ކޮންފަރެންސްގެ ތެރެއިން ފުޅާދާއިރާއެއްގައި މަޝްވަރާކުރައްވާނެކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާއި ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާ ސިޑްސް ކޮންފްރެންސާއި ގުޅޭގޮތުން މައުލޫމާތުދެއްވަމުންނެވެ.

ސިޑްސް ކޮންފަރެންސްއަކީ ކޮންމެ 10 އަހަރަކުން 1 އަހަރު ބާއްވާ ކޮންފަރެންސްއެކެވެ. މިއަހަރުގެ ކޮންފަރެންސްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒާއި ދައުލަތުގެ އިސް ވަފުދެއް ބައިވެރިވެވަޑައިގަންނަވާނެއެވެ.

މި ކޮންފަރެންސްއާއި ގުޅޭގޮތުން މައުލޫމާތުދެއްވަމުން މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާއި ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވީ، މިފަހަރުގެ ކޮންފަރެންސްގައި ކުދި ޤައުމުތަކަށް މޫސުމީ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތަކުން އަރައިގަތުމަށް މާލީ އެހީތެރިކަން ލިބޭނެ ގޮތް ފަހިކޮށް އިތުރު އެހީތެރިކަން ހޯދުމަށް މަޝްވަރާ ކުރައްވާނެކަމަށެވެ.

މި ކޮންފަރެންސްގެ ހަވާސާގައި ރާއްޖެއިން އިންތިޒާމުކުރާ 3 ހަރަކާތެއް ކުރިއަށްގެންދާނެކަމަށާއި، އޭގެތެރެއިން ނޭޝަނަލް ސައިޑް އިވެންޓްގައި ރާއްޖެއިން އަލިއަޅުވާލަނީ ރާއްޖޭގެ އެޑަބްޓޭޝަން މައްސަލަތަކާއި، ޚާއްސަކޮށް ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕް ބޭނުންކޮށްގެން ބޮޑެތި މޝްރޫޢުތައް ހިންގޭގޮތާއި ހިންގިފައި ހުރި މަޝްރޫޢުތަކުގެ މައްޗަށްކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ރާއްޖޭގައި ޓެކޮނޮލޮޖީ ބޭނުންކޮށްގެން ކަންތައްތައް ހަރުދަނާ ކުރާ ގޮތަކަށްވެސް މި ސައިޑް އިވެންޓުތަކުގައި އަލިއަޅުވާލާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ޠާރިޤް ވަނީ ކްލައިމެޓް ފައިނޭންސް ފަސޭހަކޮށް ލިބޭނެގޮތް ހެދުމަކީ އަމާޒެއް ކަމަށްވެސް ވިދާޅުވެފައެވެ.

"ކޮންމެ ކުދި ޖަޒީރާ ޤައުމަކީ މޫސުމަށް އަންނަ ބަދަލުތަކުން ވަރަށް ބޮޑަށް ގެއްލުން ލިބޭ ޤައުމެއް. އެހެންވީމަ ކްލައިމެޓް ފައިނޭންސް ފަސޭހަކޮށް ލިބޭނެގޮތް ހެދަންޖެހޭ. އަދި އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ފަންޑުންވެސް އެއީ ފަސޭހަކޮށް ލިބޭނެ ގޮތްތަކެއް ހަދަންޖެހޭ." މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާއި ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވިއެވެ.

ސިޑްސް ކޮންފަރެންސްއާއި ގުޅޭގޮތުން މައުލޫމާތުދެއްވަމުން ސްޕެޝަން އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް ޢަލީ ޝަރީފް ވިދާޅުވީ، މި ކޮންފަރެންސްގެ ތެރެއިން މިއަހަރު އެންމެ މުހިންމު ކަމެއްގެ ގޮތުގައި ވަކާލާތު ކުރާނީ ކުދި ޤައުމުތަކަށް ފައިސާ ދިނުމުގައި ގެންގުޅޭ އުސޫލުތައް ބަދަލުކުރުންކަމަށެވެ. ކުދި ޤައުމުތަކަށް ފައިސާ ދިނުމުގައި ބައިނަލްއަޤްވާމީ ފަރާތްތަކާއި، މަލްޓިރޭޓަރަލް ބޭންކުތަކުންވެސް އަދި އެހީދޭ އެހެން ޤައުމުތަކުންވެސް ގިނަފަހަރު ބަރޯސާވެފައި އޮންނަނީ ޖީއެންއައި އަދި ޖީޑީޕީ އިންޑެކްސްތަކަށްކަމަށް އޭނާ ވިދާޅުވިއެވެ.

"ކުދި ޖަޒީރާ ގިނަ ޤައުމުތަކަކީ ބިން ތިރި ޤައުމުތައް އެކަމަކު މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އަންނަ އިންޕެކްޓްތަކުން މުޅިއަކުން މި އިންޑެކްސްގައި އެންކައުންޓަރ ނުކުރެވިފައި ހުންނާތީ އަޅުގަނޑުމެން މި ދަންނަވަނީ ތީކީ އެންމެ ރަނގަޅު މިންގަނޑެއް ނޫނޭ މިނާކަށެއް. އެހެންވީމަ އޭތި އެބަޖެހެޔޭ ކޮންމެވެސް ވަރަކަށް ބަދަލުކުރަން. އަޅުގަނޑުމެންގެ ނާޒުކުކަންވެސް ތީގަ ގުނާފަ ފައިސާ ދިނުމުގައި ގޮތްތަކެއް ހުންނަން." ޢަލީ ޝަރީފް ވިދާޅުވިއެވެ.

މި ކޮންފަރެންސް ކުރިއަށްދާނީ މިމަހުގެ 27 އިން 30 އަށް އެންޓިގުއާ އެންޑް ބާބިއުޑާގައެވެ. ސިޑްސްގެ މެންބަރު ޤައުމުތަކުގެ ޢަދަދު 39 އަށް އަރައެވެ.