ކުޅިވަރު

ކުޅިވަރުގެ ރާސްތާ މި ވަނީ ބޮޑު ބަދަލަކާ ދިމާލަށް މިސްރާބުޖަހާފައި: ރާފިޢު


ރާއްޖޭގެ ކުޅިވަރުގެ ރާސްތާ ބޮޑު ބަދަލަކާ ދިމާލަށް މިސްރާބުޖަހާފައިވާ ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.

އޮލިމްޕިކް ގޭމްސްއަށް ކޮލިފައިވި ފުރަތަމަ ދިވެހި އެތުލީޓުގެ ޝަރަފު ޓޭބަލް ޓެނިސް ތަރީ ފާތިމަތު ދީމާ އަލީ ހޯދުމުން، އެކަމުގެ ޝަރަފުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރާފިޢު ވަނީ ރާއްޖޭގެ ކުޅިވަރުގެ މައިދާނުގައި މިހާތަނަށް ލިބިފައިނުވާ ޝަރަފެއް ހޯދަދިނުމުން، ދީމާއަށް ޚާއްސަ ޝުކުރެއްއަދާކުރައްވާފައެވެ.

މި ކާމިޔާބީގެ ފަހަތުގައި ވަރަށް މުހިންމު ސަބަބުތަކެއް ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. ރާފިޢު ވިދާޅުވީ ދީމާއަށް މި ކާމިޔާބީ ހޯދުނީ ގިނަ އަހަރުތަކެއް ވަންދެން ކުރި ބުރަ މަސައްކަތާއި، ވީ ގުރުބާނީތަކުގެ ނަތީޖާއިން ކަމަށެވެ. މީގެ އިތުރުން ވަޒީރުގެ ވާހަކަފުޅުގައި ވަނީ ލެޖެންޑަކަށް އެ އެތުލީޓަކު ވެގެންދާ ގޮތް ފާހަގަކުރައްވާފައެވެ.

"
ލެޖެންޑަކަށް ދުނިޔޭގައި ވަނީ ކުޅިވަރުގައި އޮންނާނެ 10 އިޔާ ރޫލް ކިޔާ ރޫލެއް. ލެޖެންޑަކަށް މީހަކު ވަނީ 10 އަހަރު ދުވަހު ކެނޑިނޭޅި މަސައްކަތްކޮށްގެން. 10000 ގަޑިއިރު އެކުރާ ކަމެއްގައި، އެ ކުޅޭ ކުޅިވަރެއްގައި ޝާމިލުވެގެން ދިޔާމަ.
ޢަބްދުﷲ ރާފިޢު - ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު

ރާފިޢު ވިދާޅުވީ ކުޅިވަރުގެ އައު އުސްމިންތަކަކަށް ދެވެން އޮތީ ވަރަށް ވަރުގަދައަށް މީހުން ބިނާކުރުމުގެ މަސައްކަތްވެސް ކުރެވިގެން ކަމަށެވެ. އަދި ރާއްޖޭގައި އެކި ކުޅިވަރުތައް އާލާކޮށް، އެ ކުޅިވަރުތަކުން ފާހަގަކުރެވޭ މޮޅެތި ހުނަރުވެރި ތަރިން އިތުރު ހަރުފަތަކަށް ގެންދިޔުމަށް ބޭނުންވާ ތަމްރީނުތައް ހަމަޖެއްސުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.

ރާފިޢު އިތުރަށް ވިދާޅުބީ ދީމާގެ މި ކާމިޔާބީގައި ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އަދި ސަރުކާރުން ބޮޑެތި މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި، އަދި މިއީ ދިމާގެ މައިބަފައިންގެ ވަރަށް ބޮޑު ގުރުބާނީއެއްގެ ނަތީޖާ ކަމަށެވެ.