ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 26 އުޅަނދަކަށް ރައްކާތެރިކަމާ އެކު ހުރްމުޒް ކަނޑުއޮޅި ހުރަސްކުރުމުގައި އެހީތެރިވެދީފައިވާކަމަށް އީރާނުގެ އިންޤިލާބީ ފައުޖު، އައިއާރުޖީސީން ބުނެފިއެވެ.
އައިއާރުޖީސީގެ ބަޔާނަކާ ޙަވަލާދީ އީރާނުގެ ދައުލަތުގެ މީޑިއާއިން ބުނީ، މި އުޅަނދުތައް ހުރްމުޒް ހުރަސްކޮށްފައިވަނީ އައިއާރުޖީސީގެ ކަނޑުގެ ސިފައިންގެ ހުއްދަ އާއެކު ހިމާޔަތުގެ ދަށުން ކަމަށެވެ.
މިދިޔަ ފެބްރުއަރީ 28ވަނަ ދުވަހު ޔަހޫދީންނާ ގުޅިގެން އެމެރިކާއިން އީރާނާ ދެކޮޅަށް ފަށާފައިވާ ޣައިރުޤާނޫނީ ހަނގުރާމައާ ގުޅިގެން، ރައްދުގައި އީރާނުން ވަނީ ދުނިޔޭގެ ތެލުގެ ސަޕްލައިގެ 20 އިންސައްތަ ދައުރުވާ ހުރްމުޒް ކަނޑުއޮޅި ބަންދުކޮށްފައެވެ.
ހުރްމުޒް ހުރަސްކުރާ އުޅަނދުތައް ބެލެހެއްޓުމަށް އީރާނުން ވަނީ، ޕަރޝިއަން ގަލްފް ސްޓްރެއިޓް އޮތޯރިޓީގެ ނަމުގައި އައު އިދާރާއެއް އުފައްދައިފައެވެ.
އެ އިދާރާއިން މިއަދު ބުނީ، އައިއާރުޖީސީގެ ހުއްދަ ނެތި އެއްވެސް އުޅަނދަކަށް ހުރްމުޒް ހުރަސްކުރުމުގެ ފުރުޞަތު ނުދޭނެ ކަމަށެވެ.
އީރާނުން ހުރްމުޒް ބަންދުކުރުމުގެ ރައްދުގައި އެމެރިކާއިން ވަނީ އީރާނުގެ ކަނޑުގެ ސަރަޙައްދު ވަށާލައި، އީރާނުގެ ބަނދަރުތަކަށް ހުރަސްއަޅައިފައެވެ.
ހަނގުރާމަ ނިމުމަކަށް ގެނެސް، ހުރްމުޒް އަލުން ހުޅުވައިލުމުގައި އެމެރިކާ އާއި އީރާނާ ދެމެދު ކުރަމުންދާ ނުސީދާ މަޝްވަރާތަކުގައި އަދި މާބޮޑު ކުރިއެރުމެއް ނުލިބެއެވެ.
އީރާނުން ތަކުރާރުކޮށް ބުނެފައިވާ ގޮތުގައި، ހަނގުރާމަ ނިމުމަކަށް އައި ނަމަވެސް، ހުރްމުޒްގެ ޙާލަތު ކުރިން އޮތް ގޮތަށް އިޔާދަނުވާނެ ކަމަށެވެ.
އީރާނުން ބޭނުންވަނީ، ހުރްމުޒްގެ ފުރިހަމަ ކޮންޓްރޯލް ނަގައި، އެ ކަނޑުއޮޅި ހުރަސްކުރާ އުޅަނދުފަހަރުން ޙާއްސަ ފީއެއް ދައްކަން ލާޒިކުރުމަށެވެ.
އީރާނުން ހުރްމުޒް ހުޅުވާނުލާނަމަ، އީރާނަށް އަނެއްކާވެސް ޙަމަލާދޭން ފަށާނެކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ދެއްވައިފައެވެ.
ނަމަވެސް، ހަނގުރާމަ އަލުން ފަށައިފިނަމަ، އެމެރިކާ ހައިރާންކޮށްލާވަރުގެ ރައްދެއް ދޭނެކަމަށް އީރާނުން ވެސް ދަނީ ބުނަމުންނެވެ.