ޚަބަރު

މެޑިސިން ސްކޫލްގެ ދަރިވަރުންގެ ޝުކުރު ރައީސަށް


  • ދަރިވަރުންގެ ކަންބޮޑުވުމަށް ރައީސް ވަނީ ހައްލު ގެނެސްދެއްވާފައި

  • އެމްއެންޔޫގެ ސްޓޫޑަންޓް ޔޫނިއަނުން ވަނީ ރައީސްއަށް ޝުކުރު އަދާކުރައްވާފައި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސީޓީގެ ސްކޫލް އޮފް މެޑިސިންގައި ތަޢުލީމު ޙާޞިލްކުރާ ދަރިވަރުންގެ ކިޔެވުން މިހާރެކޭވެސް އެއްގޮތައް ދަރުމަވަންތަ ހޮސްޕިޓަލުގައި ކުރިއަށްގެންދިޔުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެންގެވުމުން ޤައުމީ ޔުނިވަރސިޓީގެ ސްޓޫޑަންޓް ޔޫނިއަނުން އެކަމަށް ޝުކުރު އަދާކުރައްވައިފިއެވެ.

ޤައުމީ ޔުނިވަރސިޓީގެ ސްކޫލް އޮފް މެޑިސިންގެ ދަރިވަރުންގެ ތަޢުލީމީ ކަންކަމަށް ދަރުމަވަންތަ ހޮސްޕިޓަލްގައި ބޭނުންކުރަމުންދާ ޖާގަ ދޫކޮށްލަން ޖެހިދާނެކަމަށް އުފެދުނު ކަންބޮޑުވުންތަކަކާއި ގުޅިގެން، އެ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންއިން ވަނީ ރަޢީސުލްޖުމްހޫރިއްޔާއަށް މިދިޔަ މަހުގެ 23 ވަނަ ދުވަހު ސިޓީއެއް ފޮނުވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އެދިވަޑައިގަތުމުގެ މަތީން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޓްރެޓީޖިކް ކޮމިޔުނިކޭޝަން މިނިސްޓަރުވަނީ، ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކުގެ މަސްއޫލުވެރީންނާއި، ދަރިވަރުންގެ މަންދޫބުންނާއެކުބައްދަލުވުމެއް ބާއްވަވާފައެވެ.

ރައީސް އޮފީހުން ވިދާޅުވީ މި ބައްދަލުވުމުގައި ކުރެއްވި މަޝްވަރާތަކަށްފަހު، ދަރިވަރުންގެ ކަންބޮޑުވުންތަކަށް ޙައްލު ހޯއްދަވައިދެއްވާ، ދަރިވަރުންގެ ކިޔެވުމަށް އެއްވެސް ދަތިކަމެއް ނާންނާނެ ގޮތުގެ މަތީން ކަންކަން ހަމަޖައްސަވައިދެއްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ދެއްވިކަމަށެވެ.

މިކަމާއި ގުޅޭގޮތުން އެމްއެންޔޫގެ ސްޓޫޑަންޓް ޔޫނިއަނުން ބުނީ ރައީސްގެ މި ނިންމެވުމަށް އެ ޔުނިވަރސިޓީއާއި ދަރިވަރުންގެ ފަރާތުން ޝުކުރު އަދާކުރައްވާކަމަށެވެ. އަދި ރައީސް ހައްލު މި ގެނެސްދެއްވީ ވަރަށް ގިނަ ޒަމާންތަކެއް ވަންދެން ދަރިވަރުންގެ އޮތް ކަންބޮޑުވުމަކަށްކަމަށް ވަނީ ބުނެފައެވެ.

ދަރިވަރުންގެ ކިޔެވުމަށް އެއްވެސް ހުރަހެއް ނޭޅި ކިޔެވޭނެ މަގު ފަހިކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ މަސައްކަތައް އެމްއެންޔޫގެ ސްޑޫޑަންޓް ޔޫނިއަންގެ ފަރާތުން ވަނީ ތައުރީފުކޮށްފައެވެ. އަދި ދަރިވަރުންނަށް ކިޔެވުމަށް ވަސީލަތްތައް ފަހިކޮށްދެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތް ވަނީ ފާހަގަކުރައްވާފައެވެ.

ޤައުމީ ޔުނިވަރސިޓީގެ ސްކޫލް އޮފް މެޑިސިންގެ ދަރިވަރުން ތަޢުލީމު ޙާޞިލްކުރަން ބޭނުންވާނެ ޒަމާނީ ވަސީލަތްތަކާއެކު، ދިރާސާތައްވެސް ކުރެވޭނެ ޚާއްޞަ ތަޢުލީމީ ބިނާއެއް ކުރުމަށް މިހާރުވެސް ދަނީ މަސައްކަތްކުރައްވަމުންނެވެ. އަދި އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގައި ބަލިމީހުންނަށް ޖާގައާއި އެނދު އިތުރުކޮށް، ޞިއްޙީ އައު ޚިދުމަތްތައް މި ދެ ހޮސްޕިޓަލުގައި ތަޢާރަފްކުރެއްވުމުގެ މަސައްކަތްވެސް ޖާގައާއި ވަސީލަތްތައް ތަންދިން އެންމެ އެކަށޭނަ ގޮތަކަށް ހަލުވިކަމާއެކު ކުރަމުންދާކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.