ޚަބަރު

ތެލަސީމިއާ ހުރި ކޮންމެ ކުއްޖަކާމެދު ހިތްތަކުގައި ވަނީ ލޯތްބާ އޯގާތެރިކަން: ރައީސް


  • 8 މެއި ފާހަގަކުރަނީ ދުނިޔޭގެ ތެލަސީމިއާ ދުވަހުގެ ގޮތުގައި

  • ތެލަސީމިއާ ކުދިންގެ ފަރުވާގެ ކަންކަން ހަރުދަނާކުރުމަކީ ސަރުކާރުގެ އަމާޒެއް

ތެލަސީމިއާ ހުރި ކޮންމެ ކުއްޖަކާމެދު އަޅުގަނޑުމެންގެ ހިތްތަކުގައި ވަނީ ލޯތްބާ އޯގާތެރިކަންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، މިއަދު ފާހަގަކުރާ ދުނިޔޭގެ ތެލަސީމިއާ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. ރައީސްގެ ޕޯސްޓުގައި ސަރުކާރުން އެކުދީންގެ ފުރިހަމަ ދުޅަހެޔޮކަމަށްޓަކާ މަސައްކަތްކުރަމުންދާކަމަށެވެ.


ތެލެސީމިއާ ކުދިންނާއި އެކުދިންގެ އާއިލާތަކުގެ ތަކުލީފުތައް ކުޑަކޮށްދެއްވައި އެ ކުދިންގެ ފަރުވާގެ ކަންކަން ފުރިހަމަކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކެމެކެވެ.

އެގޮތުން ސްކޫލްތަކުގެ ދަރިވަރުން ތެލެސީމިއާއަށް ސްކްރީން ކުރުމުގެ ޤައުމީ ކެންޕެއިނެއް މިދިޔަ ފެބްރުއަރީ މަހު ވަނީ ފަށާފައެވެ. މިއީ ތެލެސީމިއާ ހުންނަ ކުދިން އުފަންވާ ނިސްބަތް ދަށްކުރުމަށް ކުރިއަށް ގެންދާ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްގެ ދަށުން ފެށި ހަރަކާތެކެވެ. ހަމައެހެންމެ އަންނަ އަހަރުން ފެށިގެން ތެލެސީމިއާ ކުދިންނަށް ސަރުކާރުން އިނާޔަތެއް ދެއްވަން ފައްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

ކޮންމެ އަހަރެއްގެވެސް މެއިމަހުގެ 8 ފާހަގަކުރަނީ ދުނިޔޭގެ ތެލަސީމިއާ ދުވަހުގެ ގޮތުގައެވެ. މިފަދަ ދުވަހެއް ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކުރުމުގެ އެންމެ މުހިންމު ބޭނުމަކީ މިކަމާމެދު މުޖުތަމަޢު ހޭލުންތެރިކުރުވާ، އެކުދިންނަށް ބޭނުންވާ ފަރުވާއާއި ޞިއްޙީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބާރުއެޅުމެވެ.