ކުޅިވަރު

މުޅި ރާއްޖެ ތަމްސީލުވާނެ ނިޒާމަކަށް މަސައްކަތް ކުރިއަށް އެބަދޭ: ރާފިޢު


ފުޓްބޯޅަ ހިމެނޭ ގޮތަށް ވާދަވެރިކޮށް ކުޅެވޭ ކޮންމެ ކުޅިވަރެއްގައި މުޅި ރާއްޖެ ތަމްސީލުވާނެ ނިޒާމަކަށް މަސައްކަތް ފަށައި، ބާރު ސްޕީޑުގައި އެކަން ކުރިއަށްގެންދާ ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ރާފިޢު ވިދާޅުވީ ފުޓްބޯޅަ އާއި ރާއްޖޭގެ އެހެން ކުޅިވަރުތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރުވާނެ ދިގު ރާސްތާ ޕޭލޭނެއް، ބޭރުގެ ތަޖުރިބާކާރުންގެ އެހީގައި އެކުލަވާލާފައިވާ ކަމަށެވެ.

ރާފިޢު ވިދާޅުވީ ކުޅިވަރުތަކުގެ ކުރިއެރުން މަޑުޖެހި، އެކި ފަހަރު އެކި ގޮތްގޮތަށް އެކަން ބަދަލުވާއިރު، ދެމެހެއްޓެނިވި ގޮތަކަށް ކަންކަން ކުރެވޭނީ ނިޒާމެއްގެ ދަށުން ކުޅިވަރު ކުރިއަރުވާނެ ޕްލޭނެއް ހަދައިގެން ކަމަށެވެ. އެހެންކަމުން ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމުގެ ދިގު ރާސްތާ ޕްލޭނެއް އެކުލަވާލައި، އެ ޕްލޭންގެ ދަށުން ކުރަން ޖެހޭ މަސައްކަތް ކުރިއަށްގެންދާ ކަމަށް ވިދާޅުވިއެވެ. އަދި އެ ޕްލޭންގެ ދަށުން ތަފްސީލީ މަސައްކަތުގެ ތެރެއިން ދަނޑުތައް ވަކި ފެންވަރަކަށް ގެނައުމުގެ މަސައްކަތްތައް މިހާރު ފަށާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

"
ފުޓްބޯޅަ ކުރިއަރުވަން އެ ޓްރޭނިންތައް ގެންދާނެ ގޮތުގެ ޕްލޭނެއް މުޅި ރާއްޖެ ހިމެނޭގޮތަށް އަޅުގަނޑުމެން ގެންދާނީ ކިހިނެއްތޯ؟، މި ހުރިހާ ކަމަކަށް ރިއާޔަތްކޮށްފައި މިހާރު މި ވަނީ އޭގެ ފްރޭމްވޯކެއް ހަދާފައި، އެކަން އެގްޒެކިއުޓް ކުރަން.
ޢަބްދުﷲ ރާފިޢު - ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު

ކުޅިވަރުގެ ދިގު ރާސްތާ ޕްލޭނުގައި ސްކޫލް މާހައުލުން ފެށިގެން ކޯޗުން ބިނާކުރުމާއި، ބޮޑެތި ގޭމްސްތައް ރާއްޖޭގައި ބޭއްވުމާއި، މޮޅެތި އެތުލީޓުން އުފެއްދުމަށް ކުރާނެ ކަންކަން ވަނީ ހިމަނާފައެވެ. އަދި ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކުގެ ހަރަކާތްތައް މިހާރަށް ވުރެ ފުޅާވެ، އަތޮޅުތަކުގައިވެސް ގަވާއިދުން ކަންކަން ހިންގުމަށްވެސް މި ޕްލޭނުގައި ވަނީ ބާރު އަޅާފައެވެ.