ކުޅިވަރު

ނެޓްބޯލް އެސޯސިއޭޝަން ޗެމްޕިއަންޝިޕް: މެޓްރިކްސްއިން ތަށި ދިފާއުކޮށްފި


ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބޭއްވި 23 ވަނަ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ކާމިޔާބުކޮށް، ކުލަބު މެޓްރިކްސްއިން ތަށި ދިފާއުކޮށްފިއެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ރޭ ކުޅުނު ފައިނަލް މެޗު މެޓްރިކްސްއިން ކާމިޔާބުކޮށްފައިވަނީ ކުލަބު ގްރީން ސްޓްރީޓްސްއާ ވާދަކޮށް ފަސޭހަކަމާއެކު 73-39 ޕޮއިންޓުންނެވެ.

މި މޮޅާއެކު މެޓްރިކްސްއިން ތަށި ދިފާއުކުރިއިރު، އެންމެ ފަހުން 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ބޭއްވި މުބާރާތުގެ ޗެމްޕިއަންކަންވެސް މެޓްރިކްސްއިން ހޯދީ ފައިނަލުގައި ގްރީން ސްޓްރީޓްސް ބަލިކުރުމަށްފަހުއެވެ. އެ ފަހަރުގެ ފައިނަލް މެޗު މެޓްރިކްސްއިން ކާމިޔާބުކުރީ 58-54 ޕޮއިންޓުންނެވެ.

މި އަހަރުގެ މުބާރާތުގެ އެންމެ މޮޅު ހަތް ކުޅުންތެރިންނަށް ހޮވިފައިވަނީ މެޓްރިކްސްގެ އާމިނަތު ރަބާބް އިބްރާހީމާއި، މަރިޔަމް ޝިނާތާއި، ހަމްނާ އަބްދުލް ރަހްމާނާއި، އީމާ އަބްދުލް ސައްތާރާއި، އައިޝަތު ސަލީމާގެ އިތުރުން ގްރީން ސްޓްރީޓްސްގެ ލަޔާން އަލީ ރަޝީދު އަދި ކުޅުދުއްފުށި ޔޫތު އެންޑް ރެކްރިއޭޝަން ކުލަބު (ކޭވައިއާރްސީ) ގެ މަލާކް އިސްމާޢީލް މުޙައްމަދެވެ. މީގެ ތެރެއިން ރަބާބް ވަނީ ކުއީން އޮފް ދަ ސީރީސްގެ މަގާމު ހޯދާފައެވެ.

މި މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިއަކަށް ހޮވުނީ ސްޕޯޓްސް ކުލަބު ޝައިނިން ސްޓާގެ ސަދާ އިބްރާހީމެވެ. އަދި މުބާރާތުގެ އެންމެ މޮޅު ކޯޗަކީ މެޓްރިކްސްގެ ނީޝާ ހަލީމެވެ.

ފައިނަލް މެޗަށްފަހު "ޕީއެސްއެމް ސްޕޯޓްސް" އަށް ދިން އިންޓަވިއުއެއްގައި ނީޝާ ބުނީ މުބާރާތުގެ ޗެމްޕިއަންކަން ހޯދުނީ ފައިނަލާއި، ސެމީ ފައިނަލް އަދި ގްރޫޕް ސްޓޭޖުގައި ރަނގަޅު ނަތީޖާތަކެއް ހޯދުމާއެކުގައެވެ. އެކަމަކު ރަނގަޅު ކުރަން ޖެހޭ ކަންކަން އެބަހުރި ކަމަށާއި، އުއްމީދަކީ ދެން އަންނަ މުބާރާތެއްގައި މިއަށްވުރެ ތަފާތު ކުޅުމެއް ދެއްކުން ކަމަށްވެސް ވަނީ ބުނެފައެވެ.

މި އަހަރުގެ ނެޓްބޯލް އެސޯސިއޭޝަން ޗެމްޕިއަންޝިޕުގައި އަށް ޓީމެއް ވާދަކުރިއިރު، މި މުބާރާތް ކުރިއަށްގެންގޮސްފައިވަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ.