ކުޅިވަރު

5000 މީޓަރުގެ ގައުމީ ރިކޯޑާއެކު ޝަމްހާއަށް ލޯ މެޑަލް


އަންހެނުންގެ 5000 މީޓަރު ދުވުމުގެ ގައުމީ ރިކޯޑު އައުކޮށް، ޖަރުމަންގެ ވަސެންބަގްގައި އިއްޔެ ކުރިޔަށްދިޔަ ލޯންގް ޑިސްޓެންސް ޗެމްޕިއަންޝިޕުން ރާއްޖޭގެ އެންމެ ކާމިޔާބު އަންހެން ދުވުންތެރިޔާ ޝަމްހާ އަޙްމަދު ލޯ މެޑަލް ހޯދައިފިއެވެ.

އުމުރުން 42 އަހަރުގެ ޝަމްހާ އިއްޔެ ރޭސް ނިންމާފައިވަނީ 19 މިނެޓު 41.86 ސިކުންތުންނެވެ. މިއީ އެއް މަސް ދުވަހުގެ ތެރޭގައި އޭނާ މި ރިކޯޑު އައުކުރި ދެވަނަ ފަހަރެވެ. އެގޮތުން މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު ޖަރުމަނުގެ ގްރޭފާތުގެ ރެއިލްވޭ އޯޕަންގައި ވާދަކޮށް، ޝަމްހާ ވަނީ 5000 މީޓަރުގެ ރޭސް 19 މިނެޓު 42.45 ސިކުންތުން ނިންމާފައެވެ.

އިއްްޔެ ކުރިއަށްދިޔަ ރޭހުގައި ވާދަކޮށް ޝަމްހާ އަންހެނުންގެ 5000 މީޓަރު ދުވުމުގެ ގައުމީ ރިކޯޑު އައުކުރިއިރު، އޭނާ ވަނީ ލޯންގް ޑިސްޓެންސް ޗެމްޕިއަންޝިޕްގެ 40 އަަހަަރުން މަތީގެ ބައިގެ ތިންވަނަ ހޯދާފައެވެ.

މީގެ ކުރިން ސްޕްރިންޓް ރޭސްތަކުން ފެނިގެންދިޔަ ޝަމްހާ މިހާރު ފެނިގެންދަނީ ދިގު ރާސްތާ ދުވުންތަކުންނެވެ. އެ ގޮތުން ޖަރުމަނުގައި ދިރިއުޅެމުން އަންނަ ޝަމްހާ ވަނީ މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައި ޖަރުމަންގައި ބޭއްވި ރޯޑް ރަންގައި ރޭހުގައި ވާދަކޮށް، ފަސް ކިލޯމީޓަރު ރޭސް 20 މިނެޓަށް ވުރެ އަވަހަށް ނިންމި ދިވެހި ފުރަތަމަ އަންހެން ދުވުންތެރިޔާގެ ޝަރަފު ހޯދައިފިއެވެ. މީގެ އިތުރުން ޝަމްހާ ވަނީ މެރަތަން އާއި ހާފް މެރަތަންގެ ގައުމީ ރިކޯޑުވެސް މިދިޔަ އަހަރުތަކުގައި މުގުރާލާފައެވެ.