ކުޅިވަރު

ކުޅުންތެރިންގެ ތަމްރީނު ޕްރޮގްރާމުތައް ހިންގުމަށް މެލޭޝިއާއާއެކު އެއްބަސްވުމެއްގައި ސޮއިކުރަނީ


ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމުގެ ދިގު ރާސްތާ ޕްލޭންގެ ދަށުން ކުޅުންތެރިންނާއި، ކުޅިވަރާ ގުޅުންހުރި ދާއިރާތަކުން އެޑްމިނިސްޓްރޭޓިވް އޮފިސަރުން ތަމްރީނުކުރުމަށް މެލޭޝިއާއާއެކު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.

ދާދި ފަހުން މެލޭޝިއާގައި ކުރިއަށްދިޔަ 18 ވަނަ އޭޝިއަން ފެޑެރޭޝަން އޮފް ސްޕޯޓްސް މެޑިސިން ކޮންގްރެސް އަދި އަށްވަނަ އައިއެސްއެން އިންޓަރނޭޝަނަލް ސްޕޯޓްސް މެޑިސިން އެންޑް ސްޕޯޓްސް ސައިންސް ކޮންފަރެންސްގައި ރާފިޢު ބައިވެރިވެވަޑައިގެންނެވިއިރު، އެ ކޮންގްރެސްގައި ވަޒީރު ވަނީ ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމުގެ ދިގު ރާސްތާ ޕްލޭނާ ގުޅޭގޮތުން ތަފްސީލީ ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވައިދެއްވާފައެވެ.

އަދި ކޮންގްރެސްގެ ތެރެއިން ރާފިޢު ވަނީ މެލޭޝިއާގެ ބޮޑުވަޒީރުގެ އަނބިކަނބަލުން އަދި ފަސްޓް ލޭޑީ ޑރ. ވަން އަޒިޒަހް ވަން އިސްމާޢީލް އާއި ކުޅިވަރާ ބެހޭ ވަޒީރު ހަންނާހް ޔެއޯއާ ބައްދަލުކުރައްވައި، ރާއްޖޭގެ ކުޅިވަރު އިތުރަށް ކުރިއެރުވުމަށް ކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

އަންނަ ޖޫން މަހުގެ 10 ވަނަ ދުވަހު މާލޭގައި ފަށާ މޯލްޑިވްސް އޯޕަން 2024 - 10 ބޯލް ޗެމްޕިއަންޝިޕް ލޯންޗުކުރުމަށް ގައުމީ ބިލިއާޑް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަދައްކަވަމުން ރާފިޢު ވިދާޅުވީ ރާއްޖޭގެ ކުޅިވަރު އެހެން ހަރުފަތަކަށް ގެންދިޔުމަށްޓަކައި ވަރަށް ގިނަ ކަންކަން ކުރަން ޖެހިފައިވާ ކަމަށެވެ. އެގޮތުން ކުޅިވަރު ކުޅުންތެރިން އިތުރަށް ތަމްރީނުކުރުމާއި، ރިހިބެލިޓޭޓް ކުރުމާއި، ޕާފޯމެންސް ދެނެގަތުމަށް ދޭން ޖެހޭ ޚާއްސަ ހުނަރު ދަސްކޮށްދިނުމަކީ މި ވަގުތު ކުރަން ހުރި އެންމެ މުހިންމު ކަންކަން ކަމަށް ވިދާޅުވިއެވެ.

ރާފިޢު ވިދާޅުވީ ކުޅިވަރު ކުރިއެރުވުމުގެ ދިގު ރާސްތާ ޕްލޭން އެކުލަވާލެވި، އޮނިގަނޑު ނިންމައި، ތަފުސީލީ މަސައްކަތްތަކެއް މިހާރު ނިންމަމުންދާ ކަމަށެވެ.

"
އޭގެތެރޭގައި ބޭނުންވާ އިތުރު ވަސީލަތްތައް ގާއިމުކުރުމަށް، އެއީ އިންފްރާސްޓްރަކްޗާ ވިޔަސް، ގާއިމުކުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތަކާއި އަދި ސްޕޯޓްސްމަނުންނަށް ނުވަތަ އެތުލީޓުންނަށް ބޭނުންވާ އިތުރު ވަސީލަތްތައް ރިހިބެލިޓޭޓް ކުރުން ކަމުގައި ވިޔަސް، މިސާލަކަށް ސްޕޯޓްސް ނިއުޓްރީޝަން ނުނީ، ކަންޑިޝަނިން ކޯޗިން ޑިވަލޮޕްކުރުން ކަމުގައި ވިޔަސް، ސްޕޯޓްސް ސައިކޮލިޖީ ކަމުގަވިޔަސް.
ޢަބްދުﷲ ރާފިޢު - ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު

ރާފިޢު ވިދާޅުވީ އެންމެ ފަހުން މެލޭޝިއާގައި ކުރިއަށްދިޔަ ކޮންފަރެންސްގައި އެކަންކަމަށް ރިއާޔަތްކޮށް. ކަރުދާހެއް ހުށެހެޅުއްވި ކަމަށެވެ. އަދި އޭގެ އިތުރުން މެލޭޝިއާގެ ކުޅިވަރާ ބެހޭ ވަޒީރާއި، ފަސްޓް ލޭޑީއާ ބައްދަލުކުރައްވައި، ރާއްޖެއިން ބޭނުންވާ ކަންތައްތަކާއި، އެހީތެރިކަން ބޭނުންވާ ދާއިރާތަކުން މަސައްކަތް ކުރުމަށް އެއްބަސްވުމެއްގައި ވަރަށް އަވަހަށް ސޮއިކުރަން ނިންމާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

މި އެއްބަސްވުމުގައި ހުނަރު ބަދަލުކުރުމުގެ ޕްރޮގްރާމުތައް ހިމެނޭކަންވެސް ރާފިޢު ފާހަގަކުރެއްވިއެވެ. މިއީ ލިބުނު ވަރަށް ބޮޑު ކާމިޔާބެއްކަން ފާހަގަކުރައްވަމުން ރާފިޢު ވިދާޅުވާ ބޭރު ގައުމުތަކުން މިކަހަލަ ފުރުސަތު ހޯދައިގެން، އެ ތަންތަނުން ރާއްޖޭގެ އެތުލީޓުން ތަމްރީނުހޯދުމާއި، އިތުރު ވަސީލަތްތައް ހޯދުމުގެ ބާރަކަށް ވެގެންދާނެ ކަމަށެވެ.

"
މި ދެންނެވީ ސަޕޯޓިން ސްޓާފުން އިތުރަށް ތަމްރީނު ހޯދުމައްޓަކައި ސްކޮލާޝިޕް ހޯދައިގެން، ބޭރަށް ފޮނުވައިގެން އިތުރަން ތަމްރީނުދިނުމަށް. އަދި ރާއްޖެ އައިސް އެ ބޭފުޅުންގެ ސާވިސް ލިބުން އެއީ އަޅުގަނޑު ދެކޭގޮތުގައި މިކަން ކުރިއެރުވުމަށްޓަކައި އިންޓަރނޭޝަނަލް ސްޓޭޖުގައި ޕޯޑިއަމް ފިނިޝްއާ ހަމައަށް އައުމަށް އަޅުގަނޑުމެންނަށް ކުރެވޭނެ އެންމެ ބޮޑު މަސައްކަތަކީ.
ޢަބްދުﷲ ރާފިޢު - ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު

މީގެ އިތުރުން ވަޒީރު ވަނީ މި މަސައްކަތުގެ ދަށުން މި ވަގުތު އިތުރު ދެ ގައުމަކާއެކު މަޝްވާރާކުރަމުންދާ ކަމަށްވެސް ވިދާޅުވެފައެވެ. އެއީ ސައުދީ އަރަބިއްޔާ އާއި ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) އެވެ.