ޚަބަރު

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެމްޑަބްލިޔުއެސްސީއަށް ބޮޑު ފައިދާއެއް


  • ފުރަތަމަ ކުއާޓަރުގައި 76.2 މިލިޔަން ރުފިޔާ ފައިދާގެ ގޮތުގައި ލިބިފައިވޭ

  • ފުރަތަމަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި 334 މިލިޔަން ރުފިޔާ ލިބިފައިވޭ

މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރއާ އަޅާބަލާއިރު މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮންޕެނީ، އެމްޑަބްލިޔުއެސްސީއަށް ބޮޑު ފައިދާއެއް ލިބިއްޖެއެވެ.

ކުއާޓަރު ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 35.9 މިލިޔަން ރުފިޔާ އެމްޑަބްލިއުއެސްސީއަށް ލިބިފައިވެއެވެ. އަދި މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ކުންފުންޏަށް ލިބިފައިވަނީ 76.2 މިލިޔަން ރުފިޔާގެ ފައިދާއެކެވެ. މިއީ 40.3 މިލިޔަން ރުފިޔާގެ އިތުރުވުމެކެވެ.

އެކުންފުނީގެ މާލީ ހިސާބުތަކުން ދައްކާގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާއި މިއަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު އެމްޑަބްލިޔުއެސްސީގެ އާމްދަނީ ދަށެވެ. އެގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި 369 މިލިޔަން ރުފިޔާ، އާމްދަނީގެ ގޮތުގައި އެ ކުންފުންޏަށް ލިބިފައިވެއެވެ. މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބިފައިވަނީ 334 މިލިޔަން ރުފިޔާއެވެ. އެހެންނަމަވެސް ޚަރަދުތައް ކުޑަކޮށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ކުންފުންޏަށް ވަނީ ބޮޑު ފައިދާއެއް ލިބިފައެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި 334 މިލިޔަން ރުފިޔާގެ އާމްދަނީއެއް އެމްޑަބްލިއުއެސްސީއަށް ލިބިފައިވާއިރު، ޖުމްލަ ފައިދާގެ ގޮތުގައި ލިބިފައިވަނީ 181 މިލިޔަން ރުފިޔާއެވެ. އަދި ހިންގުމުގެ ފައިދާގެ ގޮތުގައި ކުންފުންޏަށް ލިބިފައިވަނީ 95 މިލިޔަން ރުފިޔާއެވެ.

އެމްޑަބްލިޔުއެސްސީއަކީ މާލެ ސަރަހައްދަށް ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދޭ މައި ކުންފުންޏެވެ. މާލެ ސަރަހައްދުގެ އިތުރަށް 3 ރަށަކަށް ފެނާއި ނަރުދަމާގެ ޚިދުމަތް ކުންފުނިން ފޯރުކޮށްދޭއިރު، އެއް ރަށަކަށް ކަރަންޓުގެ ޚިދުމަތްވެސް ފޯރުކޮށްދެއެވެ.