ކުޅިވަރު

ރިސޯޓް ވޮލީ މުބާރާތުގެ ކުރިން ލަފާ ހޯދުމަށް ވީއޭއެމްގެ ޚާއްސަ ހަރަކާތެއް


ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ ރިސޯޓް ވޮލީބޯލް ޗެމްޕިއަންޝިޕް 2024 ގެ ކުރިން، މުބާރާތް ކުރިއަށްގެންދާނެ ގޮތަކާ މެދު ޚިޔާލު ހޯދުމަށް ބައިވެރިވާ ޓީމުތަކަށް ފުރުސަތު ހުޅުވާލައިފިއެވެ.

އޮންލައިންކޮށް ފޯމެއް ފުރިހަމަކުރުމަށް މިހާރު ހުޅުވާލާފައިވާއިރު، ވީއޭއެމްގެ ރިފޯމް ޕްރޮސެސްގެ ތެރެއިން ކުރިއަށް ހުރި މުބާރާތްތައް ރާވައި ހިންގުމުގައި، މި ސާވޭގައި ރިސޯޓުތަކުން ބޭނުންވާ ގޮތާއި، މުބާރާތް ކުރިއަށްގެންދާނެ ގޮތުގެ ތަފްސީލު ހުށަހެޅުމަށް އެދިފަވާނެ ކަމަށް އެ އެސޯސިއޭޝަނުން މައުލޫމާތުދެއެވެ.

މި ހަރަކާތުގެ އެންމެ ބޮޑު ބޭނުމަކީ ވިހާވެސް ރޭވުންތެރިކަމާއެކު، މައްސަލަ މަދު މުބާރާތެއްގެ ގޮތުގައި މުބާރާތް ކުރިއަށްގެންދިޔުމެވެ. އެގޮތުން މުބާރާތުގެ ސްޓޭކް ހޯލްޑަރުންގެ ޚިޔާލުތައް ހޯދުމަށް ހުޅުވާލާފައިވާކަމަށް ވޮލީ އެސޯސިއޭޝަނުން މައުލޫމާތުދެއެވެ. ވީއޭއެމްގެ ރައީސް މުޙަމަދު ލަތީފް ވިދާޅުވީ ރިސޯޓުތަކަށް ސާވޭއަށް ހުޅުވާލުމުން ވަރަށް ބޮޑު ތަރުހީބެއް މިހާތަނަށް ލިބިފައިވާ ކަމަށެވެ. އަދި މިއަދާ ހަމައަށް ސާވޭގައި 15 ރިސޯޓަކުން ބައިވެރިވެފައިވާކަން ލަތީފް ފާހަގަކުރެއްވިއެވެ.

ރިސޯޓް ވޮލީބޯލް ޗެމްޕިއަންޝިޕްގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ އަށްވަނަ ދުވަހު ހުޅުވާލުމަށް ވަނީ ހަމަޖެހިފައެވެ. އަދި އަންނަ ޖޫން މަހުގެ ހަތަރުވަނަ ދުވަހު މުބާރާތް ފަށާއިރު، ބޮޑު އީދަށްފަހު ރިސޯޓް ޗެމްޕިއަންސް ލީގު އޮންނާނެ ކަމަށް ވީއޭއެމްއިން މައުލުމާތުދެއެވެ.