ޚަބަރު

ދިވެހިބަހަށް އެންމެ ބޮޑު އާރޯކަމެއް ގެނެވޭނީ ނޫސްވެރިންގެ ޤަލަމުން: އާދަމް ނަޞީރު


  • ނޫސްތަކުން އަދަބުވެރި ރީތި ބަސްމަގަށް އިސްކަން ދިނުން މުހިންމު

  • ޚަބަރު ލިޔަންވާނީ ކަންކަން އިސްލާހުކުރުމަށްކަމަށް ވަޒީރު ވިދާޅުވި

ދިވެހިބަހަށް އެންމެ ބޮޑު އާރޯކަމެއް ގެނެވޭނީ ނޫސްވެރިންގެ ޤަލަމުންކަމަށް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ އޮންލައިން ނޫހެއް އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތެއް ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުންނެވެ.

ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ވިދާޅުވީ މިހާރު ރާއްޖޭގައި ކުރެވެމުންދާ ނޫސްވެރިކަމަށް ބަލާއިރު ވަރަށް ގިނަ ކަންކަން ރަނގަޅު ކުރަންޖެހޭ ކަމަށެވެ. އެގޮތުން ޢާންމު އަޚުލާޤީ މިންގަނޑުތަކާ އެއްގޮތަށް ބަސްމަގު ގެންގުޅުމާއި ދިވެހިބަހުގެ ގަވައިދުތަކާއި ހަމަތަކާ އެއްގޮތަށް ލިޔުން މުހިއްމުކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މުޖުތަމަޢުގައި ހުރި މައްސަލަތައް ޙައްލުކުރުމަށް ކަމާގުޅޭ ލިޔުންތައް ޝާޢިރުކުރެވިގެންކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ ބަހުގެ ޤަވައިދާ އެއްގޮތަށް ޚަބަރުތަކުގަ ޢިބާރާތްކުރުން ރަނގަޅުނަމަ، ކިޔުންތެރިންނަށް ބަސް ބޭނުންކުރަންޖެހޭ ހަމައާ އެއްގޮތަށް ބަސް ބޭނުންކުރެވޭނެ ކަމަށެވެ. އެހެންކަމުން ދިވެހި ބަހަށް އާރޯކަން ގެނައުމަށް އެންމެ މުހިއްމު އަދި ފައިދާކުރުވަނިވި މަސައްކަތްތަކެއް ކުރެވޭނީ ނޫސްވެރިންނަށްކަމަށް ވަޒީރު ވިދާޅުވިއެވެ.

"ބަހުގެ ޤަވައިދާ އެއްގޮތަށް ލިޔުމުގެ އިތުރަށް، ނޫސްވެރިކަމުގެ ލިޔުންތަކުގައި އަދަބުވެރި ރިވެތި ބަސްމަގަށް އިސްކަން ދިނުން މުހިންމު" ވަޒީރު އާދަމް ނަޞީރު ވިދާޅުވިއެވެ.

ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު ވިދާޅުވީ 1933 ވަނަ އަހަރު ފުރަތަމަ ފަހަރަށް ރާއްޖޭގައި ނޫސް މަޖައްލާއެއް އުފެދުނީންސުރެ، ނޫސްވެރިކަން ކުރެވެމުން އައީ ކަންކަން ރަނގަޅު ކުރުމުގެ މަޤުޞަދުގައި ކަމަށެވެ. ވީމާ އަދުގެ ނޫސްވެރިކަން ކުރަންވާނީވެސް މުޖުތަމަޢުގެ އުޅުންތަކާއި ރަށްވެހިކަމުގައި ހުރި ކަންކަން ރަނގަޅުކުރުމަށްކަން ވަޒީރު ފާހަގަކުރެއްވިއެވެ.