ކުޅިވަރު

ކްރިކެޓް ބޯޑުން މި އަހަރަށް ހަ މިލިޔަން ރުފިޔާގެ ބަޖެޓެއް


ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން މި އަހަރަށް ހަ މިލިޔަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފިއެވެ.

ކްރިކެޓް ބޯޑް މި އަހަރުގެ ބަޖެޓް ފާސްކޮށްފައިވަނީ އެމްއެންއައިއެސްގެ ސެމިނާ ރޫމުގައި މިއަދު ބޭއްވި އަހަރީ އާންމު ޖަލްސާގައެވެ. މި ޖަލްސާގައި ވަނީ ބަޖެޓުގެ އިތުރުން މިދިޔަ އަހަރުގެ އަހަރީ ރިޕޯޓާއި، އޮޑިޓް ރިޕޯޓުގެ އިތުރުން މި އަހަރުގެ ކްރިކެޓް ބޯޑުގެ ހަރަކާތްތަކުގެ ކަލަންޑަރުވެސް ފާސްކޮށްފައެވެ. މިކަންކަން ފާސްކޮށްފައިވަނީ ޖަލްސާއަށް ހާޒިރުވި މެންބަރުންގެ އިއްތިފާގުންނެވެ.

މި ޖަލްސާގެ ރައީސްގެ ބަޔާނާއި، މިދިޔަ އަހަރުގެ އަހަރީ ރިޕޯޓު އިއްވައިދެއްވީ ކްރިކެޓް ބޯޑުގެ ރައީސް މުޙައްމަދު ފައިސަލެވެ. އޭނާ ގެ ވާހަކަފުޅުގައި ވަނީ މިދިޔަ އަހަރަކީ ކްރިކެޓް ބޯޑުގެ ހަރަކާތްތައް ކާމިޔާބުކަމާއެކު ބޭއްވުނު އަހަރެއްކަން ފާހަގަކުރައްވާފައެވެ. އަދި މިދިޔަ އަހަރުގެ އުސައަލިތަކަށް އަލި އަޅުވާލައްވަމުން، އަހަރުތަކަކަށް ފަހު 16 އަހަރުން ދަށުގެ ޓީމެއް ބައިނަލްއަގުވާމީ މުބާރާތަކަށް ދިޔަކަން ފާހަގަކުރެއްވިއެވެ. ހަމަ އެއާއެކު މިދިޔަ އަހަރުގެ އެއް ދުވަސްވަރެއްގައި ރާއްޖޭގެ ސީނިއަރ ދެ ޓީމު ބައިނަލްއަގުވާމީ ދެ މުބާރާތެއްގައި ވާދަކުރިކަންވެސް ފާހަގަކުރެއްވިއެވެ.

މި ޖަލްސާގައި ކްރިކެޓް ބޯޑުގެ މި އަހަރުގެ ކަލަންޑަރު ހުށަހަޅުއްވައިދެއްވީ ނައިބު ރައީސް އަޙްމަދު ހުސެއިން (ދޮނާ) އެވެ. މި ކަލަންޑަރުގައި ފާހަގަކޮށްފައިވާ ގޮތުން ބައިނަލްއަގުވާމީ ގިނަ މުބާރާތްތަކުގެ އިތުރުން ރާއްޖޭގެ ސީނިއަރ ކްރިކެޓް އަންހެން އަދި ފިރިހެން ކުޅުންތެރިންނަށް 12 މުބާރާތެއް މި އަހަރު ބޭއްވުމަށް ވަނީ ތާވަލުކޮށްފައެވެ. އަދި ޖޫނިއަރ ކުޅުންތެރިންނަށް 11 ހަރަކާތެއް ވަނީ މި އަހަރަށް ރާވާފައެވެ.

މީގެ އިތުރުން މި ޖަލްސާގައި މި އަހަރުގެ ބަޖެޓުވެސް ހުށަހަޅުއްވައިދެއްވީ ނައިބު ރައީސްއެވެ. މި އަހަރަށް ލަފާކުރާ ބަޖެޓަކީ 6,083,440.00 (ހަ މިލިޔަން އަށްޑިހަ ތިންހާސް ހަތަރުސަތޭކަ ސާޅީސް) ރުފިޔާއެވެ.

އަހަރީ އާންމު ޖަލްސާގައި މިދިޔަ އަހަރުގެ އޮޑިޓް ރިޕޯޓް ހުށަހަޅުއްވައިދެއްވީ ކްރިކެޓް ބޯޑުގެ ހަޒާންދާރު އަޙްމަދު މާއިޒެވެ. ބަޖެޓާއި އޮޑިޓް ރިޕޯޓާ ގުޅިގެން މެންބަރުން ކުރި ސުވާލުތަކަށާއި، ބައެއް ހުށަހެޅުންތަކަށް ރިޔާސަތުން ޖަވާބުދިންއިރު، ބަޖެޓާއި އޮޑިޓް ރިޕޯޓް ފާސްކޮށްފައިވަނީ މެންބަރު ކުލަބުތަކުގެ އިއްތިފާގުންނެވެ.

ބަޖެޓާއި އޮޑިޓް ރިޕޯޓާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން، ބަޖެޓް ތައްޔާރުކުރުމުގައި ކުލަބުތަކާއެކު ކުރެވުނު މަޝްވަރާތައް ވަނީ ފާހަގަކޮށްފައެވެ. އަދި ބަޖެޓް ނިންމާފައިވަނީ އިންޓަރނޭޝަނަލް ކްރިކެޓް ކައުންސިލުން ދިން ލަފާގެ މަތިން ކަމަށް ރައީސް ފައިސަލް ވިދާޅުވިއެވެ.

މި ޖަލްސާ ނިންމާލުމުގެ ކުރިން ފައިސަލް ވަނީ ކުލަބުތަކުން ކްރިކެޓް ތަރައްގީކުރުމަށް ދޭ އެހިތެރިކަމާއި، އެއްބާރުލުމަށް ވަރަށް ބޮޑަށް ތައުރީފުކޮށް، އެ ފަރާތަކުން ކުރަމުންގެންދާ މަސައްކަތްތަކަށް ޝުކުރުއަދާކުރައްވާފައެވެ. މި ޖަލްސާގާއި ގައުމީ ކުޅިވަރު ކައުންސިލުންނާއި، ސްޕޯޓްސް ކޮމިޝަނުގެ އޮބްސާވަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.