ކުޅިވަރު

އަމާޒަކީ ރާއްޖޭގައި ބައިނަލްއަގުވާމީ ގިނަ މުބާރާތްތަކެއް ބޭއްވުން: ރާފިޢު


ހަވަނަ އޭޝިއަން ކެރަމް ޗެމްޕިއަންޝިޕުގެ ކާމިޔާބާއެކު، މި ސަރުކާރުގެ އަމާޒަކީ މުސްތަގުބަލުގައިވެސް ބައިނަލްއަގުވާމީ ގިނަ މުބާރާތްތަކެއް ރާއްޖޭގައި ބޭއްވުން ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.

ކުޅިވަރާ ބެހޭ ވަޒީރު މިހެން ވިދާޅުވީ އޭޝިއާ ބައްރުގެ ހަތް ގައުމަކާއެކު މާލޭގައި ބޭއްވި އޭޝިއަން ކެރަމް ޗެމްޕިއަންޝިޕް ނިންމުމުގެ ގޮތުން ޒުވާނުންގެ މަރުކަޒުގެ އެތެރޭ ހޯލުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ރަސްމިިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފެވެ. މީގެ އިތުރުން ކުޅިވަރާ ބެހޭ ވަޒީރު ރާފިޢު އާއި ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް އަދި އިންޓަރނޭޝަނަލް ކެރަމް ފެޑެރޭޝަން (އައިސީއެފް) ގެ ޖެނެރަލް ސެކްރެޓަރީ ވީޑީ ނަރަޔަން ބައިވެރިވެވަޑައިގެންނެވިއެވެ.

މި މުބާރާތުގައި ރާއްޖޭގެ ކެރަމް ޓީމުން ވަނީ ތާރީޚީ ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން މުބާރާތުގެ ޓީމު އިވެންޓުގެ ފައިނަލުގައި ވާދަކޮށް ފިރިހެން ޓީމުން ރިހި މެޑަލް ހޯދިއިރު، މިއީ މިދިޔަ 21 އަހަރުގެ ތެރޭގައި ބައިނަލްއަގުވާމީ ކެރަމް މުބާރާތެއްގެ ފައިނަލުގައި ރާއްޖޭގެ ފިރިހެން ޓީމު ވާދަކުރި ފުރަތަމަ ފަހަރެވެ. މި ބައިން ރަން މެޑަލް ހޯދީ ދުނިޔޭގެ ޗެމްޕިއަން އިންޑިއާއެވެ. އިންޑިއާއިން ވަނީ ފައިނަލުގައި 3-0 ގެ ނަތީޖާއަކުން ރާއްޖެ ބަލިކޮށްފައެވެ.

ޓީމު އިވެންޓުން ރާއްޖޭގެ އަންހެން ޓީމު ލޯ މެޑަލް ހޯދިއިރު، އަންހެން ޓީމުން ވަނީ މި ބައިގެ ސެމީގައި ވާދަކޮށްފައެވެ. ސެމީ ފައިނަލަށް ދަތުރުކުރުމުގެ ކުރިން އަންހެން ޓީމުން ވަނީ 3-0 ގެ ނަތީޖާއަކުން ދެކުނު ކޮރެއާ ބަލިކޮށްފައެވެ. އެކަމަކު ވަރުގަދަ އިންޑިއާ އަތުން ބަލިވީ 3-0 ގެ ނަތީޖާއަކުންނެވެ.

އޭޝިއަން ކެރަމް ޗެމްޕިއަންޝިޕުން ރާއްޖޭގެ ފިރިހެން ޓީމާއި އަންހެން ޓީމުން މެޑަލް ހޯދިއިރު، މުބާރާތުގެ ފިރިހެން ޑަބަލްސް ފައިނަލުގައި ވާދަކޮށް ރާއްޖޭގެ އަޒްމީން އާއި ނާނަގެ ޕެއާ ވަނީ ރިހި މެޑަލްވެސް ހޯދާފައެވެ.

ވަނަވަނައަށް ދިޔަ ޓީމުތަކާއި ކުޅުންތެރިންނަށް އިނާމުދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރާފިޢު ވިދާޅުވީ ރާއްޖެއަކީ އަބަދުވެސް ބޭރުން އަންނަ މީހުންނަށް މެހުމާންދާރީ ރަނގަޅު ގައުމެއް ކަމަށާއި، ރާއްޖޭގެ ރީތިކަމާއެކު، މި ހުރިހާ ކަމެއް ބޭރުގެ ކުޅިވަރު އެތުލީޓުންނަށް ތަޖުރިބާކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން ބައިނަލްއަގުވާމީ ގިނަ މުބާރާތްތަކެއް ރާއްޖޭގައި ބޭއްވުމަކީ މި ސަރުކާރުގެ ބޮޑު އަމާޒެއް ކަމަށެވެ.

10 އަހަރުގެ މެދުކެނޑުމަކަށްފަހު އޭޝިއަން ކެރަމް ޗެމްޕިއަންޝިޕް ބޭއްވިއިރު، މި ފަހަރުގެ މުބާރާތުގައި ރާއްޖެ ހިމެނޭ ގޮތަށް އޭޝިއާ ބައްރުގެ ހަތް ގައުމަކުން 100 އެއްހާ ކުޅުންތެރިން ވާދަކުރިއެވެ. މި މުބާރާތުގައި ވާދަކުރި އިންޑިއާ، ސްރީ ލަންކާ، ބަންގްލަދޭޝް، ރާއްޖެ އާއި ސިންގަޕޫރުގެ އިތުރުން މެލޭޝިއާ އަދި ދެކުނު ކޮރެއާއެވެ. މީގެއިތުރުން މި މުބާރާތުގައި ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވާ ހަތަރު ކުޅުންތެރިއެއް ފެނިގެންދިޔައެވެ.