ކުޅިވަރު

އިންޑިއާގައި ބާއްވާ ސްކޭޓިން މުބާރާތުގައި ބައިވެރިވާ އެތުލީޓުންނަށް ކިޓު ހަވާލުކޮށްފި


އިންޑިއާގައި ބާއްވާ ސްކޭޓިން މުބާރާތަކާއި، ޓްރެއިނިން ކޭމްޕުގައި ބައިވެރިވާ ސްކޭޓް މޯލްޑިވްސްގެ އެތުލީޓުން ބޭނުންކުރާ ކިޓު ހަވާލުކޮށްފިއެވެ.

ނިއު ދިއްލީގައި މި މަހުގެ 2 އިން 13 ގެ ނިޔަލަށް ބާއްވާ ސްކޭޓިންގެ މި ބޮޑު ހަރަކާތްތަކުގައި ވާދަކުރާ ރާއްޖޭގެ 12 އެތުލީޓުންނަށް ކިޓު ހަވާލުކޮށްދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލެވެ.

މުބާރާތުގައި ވާދަކުރުމުގެ ކުރިން ރާއްޖޭގެ އެތުލީޓުން 11 ދުވަހުގެ ތަމްރީނު ޕްރޮގްރާމެއް އިންޑިއާގައި ކުރިއަށްގެންދާނެއެވެ. ސްކޭޓް މޯލްޑިވްސްއިން މައުލޫމާތުދޭ ގޮތުގައި މި ޓްރެއިނިން ކޭމްޕުގައި 16 ސެޝަނެއް ބާއްވާނެއެވެ. އަދި މި ދަތުރުގައި 12 އެތުލީޓުންނާއެކު ބެލެނިވެރިންގެ ޓީމެއްވެސް ދަތުރުކުރާނެއެވެ.

މި ޓްރެއިނިން ކޭމްޕަށްފަހު ދެ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މުބާރާތެއްގައި ރާއްޖެއިން ބައިވެރިވާނެއެވެ. މިއީ ކުޅިވަރާ ބެހޭ ވުޒާރާގެ ބޮޑު އެއްބާރުލުމަކާއެކު ކުރާ ދަތުރެއް ކަމަށް ސްކޭޓް މޯލްޑިވްސްއިން މައުލޫމާތުދެއެވެ.