ކުޅިވަރު

ބެޑްމިންޓަން އެސޯސިއޭޝަންގެ އިންތިޚާބު ބޭއްވުމަށް 20 ދުވަހުގެ ފުރުސަތެއް


ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) ގެ އިންތިޚާބު، ކަނޑައެޅިގެންވާ އުސޫލުގެ ތެރެއިން 20 ދުވަހުގެ ތެރޭގައި ބޭއްވުމަށް ސްޕޯޓްސް ކޮމިޝަނުން ފުރުސަތެއް ދީފިއެވެ.

ބެޑްމިންޓަން އެސޯސިއޭޝަނުން މީގެ ކުރިން އިންތިޚާބު ބާއްވަން މަސައްކަތްކުރީ މިދިޔަ މާޗު މަހުގެ 22 ވަނަ ދުވަހުގެރޭ އައްޑޫ ސިޓީގައެވެ. އެ އިންތިޚާބުގެ ކަންކަން މަޑުޖައްސާލަން ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް ދެ ފަހަރެއްގެ އަންގެވި ނަމަވެސް، ބެޑްމިންޓަން އެސޯސިއޭޝަނުން ވަނީ އެ އިންތިޚާބުގެ ކަންކަން ކުރިއަށްގެންދަން މަސައްކަތް ކޮށްފައެވެ.

ނަމަވެސް އިންތިޚާބު ފަސްކުރަން ޖެހުނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ އެންގުމަކާއެކުއެވެ. އެގޮތުން ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތަކެއް ބެޑްމިންޓަން އެސޯސިއޭޝަނުގެ ވެރިންގެ މައްޗަށް އަމާޒުވެފައިވާތީ، އޭސީސީގެ ތަހުގީގީ ޓީމެއް ވަނީ އެ އެސޯސިއޭޝަނަށް ވަދެފައެވެ. އަދި ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދު (މޫސަ) އެޑްރެސްކޮށް އޭސީސީން ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ އެ އެސޯސިއޭޝަނުގެ މި އަހަރުގެ އިންތިޚާބާ ގުޅިގެން ކޮރަޕްޝަނާ ގުޅުންހުރި ގިނަ މައްސަލަތަކެއް އެ ކޮމިޝަނަށް ހުށަހެޅި ތަހުގީގު ކުރަމުންދާތީ، އެ ކޮމިޝަނުން އެ މައްސަލަ ތަހުގީގުކޮށް ވަކި އެއްޗެއް އަންގަންދެން، އިންތިޚާބުގެ ކަންކަން ކުރިއަށް ނުގެންގޮސް މަޑުޖައްސާލުމަށް އަންގާ ކަމަށެވެ. އެއާއެކު ބެޑްމިންޓަން އެސޯސިއޭޝަނުން އިންތިޚާބު ފަސްކުރީ އެ އެސޯސިއޭޝަނުގެ އަހަރީ އާންމު ޖަލްސާގެ ކަންކަން ކުރިއަށް ގެންދާނެ އެކަށިގެންވާ މާހައުލެއް ނެތް ކަމަށް ބުނެއެވެ.

މައުލޫމާތު ލިބޭ ގޮތުން ދާދި ފަހުން ސްޕޯޓްސް ކޮމިޝަނުން ވަނީ ބެޑްމިންޓަން އެސޯސިއޭޝަނަށް 20 ދުވަހުގެ ތެރޭގައި ވަކި އުސޫލެއްގެ ތެރެއިން އިންތިޚާބުގެ ކަންކަން ކުރިއަށްގެންދިޔުމަށް ފުރުސަތުދީފައެވެ. އެއީ އިންތިޚާބުގައި ވޯޓުލުމުގެ ފުރުސަތު ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީ (ބީޑީސީ) ތަކަށް ނުދޭ ގޮތަށެެވެ. އަދި ބީޑީސީތަކަށް އިންތިޚާބުގެ ވޯޓުގައި ބައިވެރިވެވޭނީ، އެ ކޮމިޓީތައް ކޮމިޝަނަރ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީކޮށްގެން ކަންްވެސް ވަނީ އަންގާފައެވެ.

ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސްގެ މަގާމުގައި މޫސަ ތިން ދަައުރެއް ފުރުއްވިއިރު، އެ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީ އެންމެ ފަހުން އިންތިޚާބުކުރީ 2021 ވަަނަ އަހަރުގެ ފެބްރުއަރީ 24 ވަނަ ދުވަހެވެ. އަދި އެ ކޮމިޓީ ސްޕޯޓްސް ކޮމިޝަންގައި ރަޖިސްޓްރީ ކޮށްފައިވަނީ އެ އަހަރުގެ މާޗު މަހުގެ 11 ވަނަ ދުވަހެވެ. އެންމެ ފަހުން އޮތް ހިންގާ ކޮމިޓީގެ ދައުރު ހަމަވިއިރު، ސްޕޯޓްސް ކޮމިޝަނުން އިތުރު ކޮށްދިން މުއްދަތުވެސް މިހާރު ވަނީ ހަމަވެފައެވެ.

ބެޑްމިންޓަން އެސޯސިއޭޝަނުން މީގެ ކުރިން ބާއްވަން އުޅުނު އިންތިޚާބުގައި ރައީސްގެ މަގާމަށް މޫސަ ކުރިމަތިލައްވާފައެއް ނުވެއެވެ. އޭނާގެ ބަދަލުގައި ރައީސްގެ މަގާމަށް ކުރިމަތިލެއްވީ ގައުމީ ބެޑްމިންޓަން ޓީމުގެ ކުޅުންތެރިޔާ މުޙައްމަދު އަޖުފާން ރަޝީދާއި، އެ އެސޯސިއޭޝަންގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ އިޝްފާން މުޙައްމަދު (އިއްޕަ) އެވެ. އޭގެ ތެރެއިން އަޖުފާނުގެ ޓީމުގައި ނައިބު ރައީސްގެ މަގާމަށް މޫސަގެ ނަން ހުށަހެޅުއްވިއެވެ.