ޚަބަރު

ދިރާސީ އަހަރުގެ ކިޔެވުން ނިންމާ ދަރިވަރުން ބޮޑު ޗުއްޓީއަށް


  • ދިރާސީ އަހަރުގެ ކިޔެވުން ފެށީ 6 އޮގަސްޓު 2023ގައި

  • ދެވަނަ ޓާރމްގެ ކިޔެވުން ފެށީ 7 ޖެނުއަރީ 2024ގައި

  • ދިރާސީ އަހަރުގެ ކިޔެވުން ދެން ފަށާނީ 26 މެއިގައި

ހިނގަމުންމިދާ 2023-2024 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ނިންމާ ދަރިވަރުން ޗުއްޓީއަށް ގޮސްފިއެވެ. މާލެއާއި އަތޮޅުތަކުގެ ހުރިހާ ސްކޫލަކުންވެސް މި ދިރާސީ އަހަރުގެ ދެވަނަ ޓާރމްގެ ރިޕޯޓު ފޮތް މިއަދު ވަނީ ހަވާލުކޮށްފައެވެ.

2023 ވަނަ އަހަރުގެ ދިސާރީ އަހަރުގެ ކިޔެވުން ފެށީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 6 ވަނަ ދުވަހުއެވެ. އަދި ދެވަނަ ޓާރމްގެ ކިޔެވުން ފަށާފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 7 ވަނަ ދުވަހުއެވެ. މި އަހަރުގެ ކިޔެވުން ފަށާފައިވަނީ 84000 އަށްވުރެ ގިނަ ދަރިވަރުންނާއެކުއެވެ. ސަރުކާރުގެ 216 ސްކޫލްގައި 73,000 ދަރިވަރުން ތަޢުލީމު ހާސިލުކުރިއިރު، 25,000 އަށްވުރެ ގިނަ ދަރިވަރުން ތަޢުލީމު ހާސިލްކުރީ މާލޭގައެވެ.

ތަޢުލީމީ ވުޒާރާއިން ނެރެފައިވާ ކުރިއަށް އޮތް ދިރާސީ އަހަރުގެ ކަލަންޑަރުގައިވާގޮތުން 2024-2025 ވަނަ އަހަރުގެ ކިޔެވުން ފަށާނީ އަންނަ މެއި މަހުގެ 26 ވަނަ ދުވަހުއެވެ. އަދި ފުރަތަމަ ޓާރމްގެ ކިޔެވުން ނިމޭނީ ސެޕްޓެންބަރު މަހުގެ 26 ވަނަ ދުވަހުއެވެ. 6 އޮކްޓޫބަރުގައި ދެވަނަ ޓަރމް ފެށޭއިރު، ދެވަނަ ޓާރމް ނިމި ބޮޑު ޗުއްޓީއާ ދަރިވަރުން ބައްދަލުކުރާނީ 2025 ވަނަ އަހަރުގެ މާރޗް މަހުގެ 6 ވަނަ ދުވަހުއެވެ. އަދި އަންނަ އަހަރުގެ ބޮޑު ޗުއްޓީ ދިމާވަނީ އަންނަ އަހަރުގެ ރަމަޟާން މަހާކަންވެސް ފާހަގަކޮށްލެވެއެވެ.

މިއަހަރުގެ ރިޕޯޓު ފޮތް ބަލައިގަތުމަށްފަހު ބައެއް ދަރިވަރުން ވަނީ ޕީއެސްއެމް ނިއުސްއާ ވާހަކަދައްކާފައެވެ. އެ ކުދިން ވަނީ ރިޕޯޓު ލިބުނު ގޮތާމެދު ހިތްހަމަޖެހޭ ކަމަށާއި އަންނަ އަހަރު ނަތީޖާ ރަނގަޅުކުރުމަށް އިތުރަށް މަސައްކަތްކުރާނެކަމަށް ބުނެފައެވެ.

"ހިތްހަމަޖެހޭ ރިޕޯޓާ މެދު. އެކަމަކު އަންނަ އަހަރު އަދި އިތުރަށް މަސައްކަތް ކޮށްފިއްޔާ ރަނގަޅުވާނެކަމަށް އުންމީދުކުރެވެނީ." ކުއްޖަކު ބުންޏެވެ.

މި ސަރުކާރުން އަމާޒު ހިފާފައިވަނީ ދިރާސީ އަހަރުގެ ކިޔެވުން ކުރިންވެސް އޮންނަ ގޮތަށް ޖެނުއަރީ މަހަށް ބަދަލުކުރުމަށެވެ. ކިޔެވުން ފެށުން ޖޫން މަހަށް ބަދަލުކުރުމަށް ނިންމާފައިވަނީ ނިމިދިޔަ ސަރުކާރުން ކޮވިޑު-19އާ ގުޅިގެންނެވެ. އެހެންނަމަވެސް ސަރުކާރުން ވަނީ ގިނަ ބެލެނިވެރިންނާއި ދަރިވަރުން ބޭނުންވަނީ ޖެނުއަރީ މަހު ދިރާސީ އަހަރުގެ ކިޔެވުން ފަށަންކަމަށް ވިދާޅުވެފައެވެ.

މިގޮތުން ތަޢުލީމީ ވުޒާރާއިން މިހާރު އެކެޑެމިކް ކަލަންޑަރ އެކުލަވާލާފައިވާގޮތުން ދިރާސީ އަހަރުގެ ކިޔެވުން ޖެނުއަރީ މަހަށް ބަދަލުކުރެވޭނީ 2026 ވަނަ އަހަރުއެވެ.