ޚަބަރު

ޞައްހަ ނޫންގޮތުގައި ޑޮމެއިން ގެންގުޅޭ ފަރާތްތަކަށް ޤާނޫނުގެ ތެރެއަށް ވަނުމަށް ފުރުޞަތެއް ދެނީ


  • 1400 އެއްހާ ޑޮމެއިން ނަންބަރު ރާއްޖޭގައި ގެންގުޅޭ

  • ދެބައިކުޅަ އެއްބަޔަކީ ޞައްހަ ޑޮމެއިންތަކެއް ނޫންކަން ވަޒީރު ފާހަގަކުރެއްވި

  • ޞައްހަ ނަންބަރަކަށް ބަދަލުކުރުމަށް ވަރަށް އަވަހަށް ހުޅުވާލާނެކަމަށް ވަޒީރު ވިދާޅުވި

ރާއްޖޭގައި ޑޮމެއިން ނަންބަރުތައް ބޭނުންކުރާ ފަރާތްތަކުގެ ނަންބަރުތަކުގެ ތެރެއިން ދެބައިކުޅަ އެއްބައި ނަންބަރަކީ ޞައްހަ ނޫންގޮތުގައި ބޭނުންކުރަމުންދާ ނަންބަރުތަކެއްކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

"އަހާ"ގެ ނަމުގައި ކުރިއަށްގެންދާ ވަޒީރުންގެ ދެވަނަ ޕަބްލިކް ފޯރަމުގައި ދަތުރުފަތުރާބެހޭ ވަޒީރު ވަނީ ޞައްހަ ނޫންގޮތުގައި ޑޮމެއިން ނަންބަރު ގެންގުޅޭ ފަރާތްތަކަށް ޤާނޫނުގެ ތެރެއަށް ވަނުމަށް ފުރުޞަތެއްދޭން ނިންމާފައިވާކަމަށް ވިދާޅުވެފައެވެ.

ސަރުކާރުގެ ވުޒާރާތަކުގެ މަސައްކަތްތަކާގުޅޭގޮތުން ސީދާ ވަޒީރުންނަށް ސުވާލުކުރެވޭގޮތަށް އާންމުންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި ފޯރަމްގެ ތެރެއިން އާންމު ރައްޔިތަކު ވަނީ ޑޮމެއިން ނަންބަރު ދޫކުރުމުގެ ކަންކަން ހުއްޓިފައިވާތީ، އެކަމާގުޅޭގޮތުން ސުވާލުކޮށްފައެވެ.

މި ސުވާލަށް ޖަވާބު ދެއްވަމުން ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ، ޑޮމެއިންގެ ކަންކަން ހުއްޓިފައިވަނީ މިދިޔަ ސަރުކާރުގައި ރައީސުލްޖުމްހޫރިއްޔާގެ 2 ސިޓީއަކުން ޓްރާންސްޕޯޓް މިނިސްޓްރީއަށް އޭރު އެންގި އެންގުމަކާއެކުކަމަށެވެ. ޑޮމެއިންގެ މައްސަލައަކީ ވަރަށް ބޮޑުކޮށް އޮތް މައްސަލައެއްކަން ފާހަގަކުރައްވާ މިކަމުގައި މައިގަނޑު 3 ކަމެއް ފާހަގަކުރެވިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

އެގޮތުން އެއްކަމަކަށް ވަޒީރު ފާހަގަކުރެއްވީ ވަރަށް ކުރިންސުރެ ރަނގަޅަށް ޑޮމެއިން ނަގައިގެން ގެންގުޅުނު ފަރާތްތަކަށްވެސް އެ ސިޓީއާއެކު ޚިދުމަތް ދިނުން ހުއްޓާލާފައި އޮތްއޮތުމެވެ. ދެވަނަ ކަމަކަށް ޤާނޫނުން ލާޒިމްކުރާ އުޞޫލުން ބޭރުން އެތައް ޑޮމައިންތަކެއް ގެންގުޅުމެވެ. އަދި ފޭކް ނޫންގޮތުގައި ޑޮމެއިން ނަންބަރު އަމިއްލައަށް ޖަހައިގެން އުޅޭ އުޅުންވެސް ފާހަގަކުރެވޭކަމަށް ވަޒީރު ވިދާޅުވިއެވެ.

ކުރީ ސަރުކާރުންވެސް މިކަން ހުއްޓުވާފައި އޮތީ ޓްރާންސްޕޯޓް މިނިސްޓްރީ ތެރޭގައިވެސް ގޯސްތަކެއް ހިނގާފައިވާތީކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެންނަމަވެސް ވަކި ބަޔަކު ޤަވާއިދާ ޚިލާފަށް މިކަން ކުރުމަކީ ޤަވާއިދާ އެއްގޮތަށް އުޅޭ ފަރާތްތަކަށް ދޭންޖެހޭ ޚިދުމަތެއް މެދުކެނޑިފައި އޮންނަންޖެހޭނެ ކަމެއްގެގޮތުގައި ސަރުކާރުން ދެކެވަޑައިނުގަންނަވާކަމަށް ވަޒީރު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ފުރަތަމަ ކަމަކަށް ފެއްޓިކަމަކީ ޑޮމެއިންގެ ކްލެސިފިކޭޝަންތަކެއް ހަދަންފެށީ. މިހާރު އަޅުގަނޑުމެންނަށް އެނގޭ ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި 1400 އެއްހާ ޑޮމެއިން އެބައުޅޭ ރިކޯޑްސްތަކަށް ބަލާއިރު. އޭގެތެރެއިން ރަނގަޅު ޑޮމެއިންގެ ގޮތުގައި އޮތީ %50. އަނެއް %50 ރަނގަޅުނޫން ޑޮމެއިން." ވަޒީރު ފާހަގަކުރެއްވިއެވެ.

ފޭކް ޑޮމެއިންގެ މައްސަލަ ބޮޑުވެގެންދިޔައީ ހަމައެކަނި އެ ނަންބަރު ގެންގުޅޭ ފަރާތުގެ މައްސަލައަކުންނޫން ކަމަށާއި، އެކަމުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ތެރެއިންވެސް ބަޔަކު އިހުމާލުތަކެއްވެފައިވާކަން ފާހަގަކުރެވޭކަމަށް ވަޒީރު ވިދާޅުވިއެވެ.

"ޓްރާންސްޕޯޓުގެ ތެރެއިން ބެކްއެންޑުން އަމިއްލައަށް ކްރިއޭޓްކޮށްގެން ސިސްޓަމް ތެރެއަށް ވަދެގެންނާއި، އަދި މިނިސްޓްރީގެ ތެރޭގައި ހިންގަވަމުން ގެންދެވި ބައެއް ފަރާތްތަކާ ގުޅިގެން ކޮށްފައިހުރި ވަރަށް ބޮޑެތި ގޯސްތައް އެއީ. އެހެންވީމަ ދައުލަތުގެ ނިޒާމުގެ ތެރެއަށް ނުވަދެ މިގޮތަށް ހަދާފައިހުރި ބައެއް ޑޮމެއިންތައް އެބަހުރި އަމިއްލަ ފަރާތްތަކަށް ވިއްކާފައިވެސް." ވަޒީރު ވިދާޅުވިއެވެ.

ދަތުރުފަތުރާބެހޭ ވަޒީރު ވިދާޅުވީ ޞައްހަ ނޫންގޮތުގައި ބޭނުންކުރާ ޑޮމެއިން ނަންބަރުތައް އެ ބޭނުންވާ ލިޔެކިޔުންތަކާއެކު ހުށަހަޅައިގެން ޤާނޫނީ ނިޒާމުގެ ތެރެއަށް ވަނުމުގެ ފުރުޞަތު ދޭން ސަރުކާރުން ނިންމަވާފައިވާކަމަށެވެ. އަދި ވަރަށް ކައިރި މުސްތަޤުބަލެއްގައި އެކަމަށް އެ ވުޒާރާއިން ހުޅުވާލާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

"އަޅުގަނޑުމެން އިޢުލާންކުރާނަން ކުރިއަށްއޮތް ދެތިން ހަފްތާއެއްގެ ތެރޭގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ވަރަށް ފަސޭހަ ނިޒާމެއްގެ ތެރެއިން އެބޭފުޅުންތަކުގައި ހުރި ރިކޯޑްސްތަކާއެކީގައި ޓްރާންސްޕޯޓް މިނިސްޓްރީއަށް ގެނެސްދެއްވައިގެން އެ އެއްޗެހި ޞައްހަ ޑޮމެއިންގެގޮތުގައި ބަދަލުކުރަން. އެގޮތަށް ހަދަންޖެހޭ ސަބަބަކީ ފެންނަންހުރި އެވިޑެންސްތަކާއެކީގައި އަޅުގަނޑުމެންނަށް އެބަ އެނގޭ ދެވަނަ ފަރާތަކަށް ނުވަތަ ތިންވަނަ ފަރާތަކަށް ގޮސްފައި މިހިރީ ހަމައެކަނި އާންމު ރައްޔިތުންގެ ގޯސް އޮވެގެންނޫންކަން." ވަޒީރު ވިދާޅުވިއެވެ.

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ، ވެހިކަލް ރަޖިސްޓްރޭޝަންގެ ކަންކަމުގައިވެސް ހުރި ގޯސްތައް ބަލައި، އެކަންކަން އިސްލާޙުކޮށް ޤާނޫނީ އިމުގެ ތެރެއިން ވެހިކަލް ރަޖިސްޓްރޭޝަންގެ ކަންކަން މިހާރު ކުރިއަށްގެންދާކަމަށެވެ. އަދި އެ ވުޒާރާގެ ތެރެއިން އާންމުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކަކީ ވީހާވެސް ފަސޭހައިން ލިބޭނެ ޚިދުމަތްތަކަކަށް ހެދުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.