ޚަބަރު

މަޖިލީހަށް އަލަށް ހުށަހަޅަންޖެހޭ ޤާނޫނުތައް ހުށަހެޅުމަށް އިދާރީގޮތުން މިދަނީ ތައްޔާރުވަމުން: ހީނާ


  • 20 ވަނަ މަޖިލިސް ފެށުމާއެކު އިސްލާޙުތަކާއި އައު ޤާނޫނުތައް ހުށަހެޅިގެންދާނެކަމަށް ވިދާޅުވި

  • އިސްކަންދޭ ދާއިރާތަކުގެ ތެރޭގައި ބޯހިޔާވަހިކަމާއި ޖިނާޢީ އަދުލުގެ ނިޒާމާގުޅޭ ޤާނޫނުތައް ހިމެނޭ

  • މެޖޯރިޓީގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފާނެކަމަށް ވިދާޅުވި

ރައްޔިތުންގެ މަޖިލީހަށް އަލަށް ހުށަހަޅަންޖެހޭ ޤާނޫނުތައް ހުށަހެޅުމަށް އިދާރީގޮތުން ވާންޖެހޭ ތައްޔާރީތައްވަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް ވަނީ ސުޕަރ މެޖޯރިޓީ ލިބިވަޑައިގެންފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަންގެ މަޤާމާއި ހީނާ ވަލީދު ޙަވާލުވެވަޑައިގެން ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ލިބުމާއެކު، ސަރުކާރުގެ ފަރާތުން އަލަށް ހުށަހަޅަންޖެހޭ ޤާނޫނުތަކާއި، އިސްލާޙުތައް ހުށަހެޅުމަށްޓަކާ އިދާރީގޮތުން ވާންޖެހޭ ތައްޔާރީތައް ވަމުންދާކަމަށެވެ.

ހީނާ ވިދާޅުވީ، ސަރުކާރުގެ ހަފްތާ-14 ގައި ހިމެނޭ ލެޖިސްލޭޓިވް އެޖެންޑާގެ ތެރެއިން މަޖިލީހަށް ހުށަހަޅަންޖެހޭ މުހިންމު ޤާނޫނުތަކެއް އެބަހުރިކަމަށެވެ. އޭގެ ތެރޭގައި ބޯހިޔާވަހިކަމާއި، ޖިނާޢީ އަދުލުގެ ނިޒާމާއި، އިޖްތިމާޢީ ރައްކާތެރިކަމާއި، ހިންގުމުގެ ނިޒާމާ ގުޅޭ ޤާނޫނުތައް ހިމެނޭކަން ހީނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މިހާރުވެސް ކޮމެޓީ މަރުޙަލާގައި ތާށިވެފައި ހުރި ޤާނޫނުތަކާއި އިސްލާޙްތައްވެސް ކުރިއަށްއޮތް ދައުރުގައި ނިންމުމަށްޓަކާ އިސްކަމެއް ދެއްވާނެކަމަށް ހީނާ ވިދާޅުވިއެވެ.

"އޭގެ ތެރެއިން އަޅުގަނޑު ފާހަގަކޮށްލާނަން ބިމާބެހޭ ޤާނޫނު، ރިއަލް އެސްޓޭޓް ޤާނޫނު، ވިޔަފާރިއާބެހޭ ޤާނޫނާއި، އިޖްތިމާޢީ ބޯހިޔާވަހިކަމުގެ ޤާނޫނާއި، އަރބަން ޑިވެލޮޕްމަންޓްގެ ޤާނޫނާއި، ކޮޕީ ރައިޓްސް ޤާނޫނަށް ހުށަހަޅާ އިސްލާޙާއި، ޕްރިވެންޓިވް ހެލްތު ކެއަރގެ ޤާނޫނަށް ހުށަހަޅާ އިސްލާޙުގެ އިތުރުން މަޖިލީހުން މިފަހުން ބޭރުކޮށްލި އެސްޑީއެފްގެ ޤާނޫނު، އެ ޤާނޫނުވެސް އަޅުގަނޑުމެން އަލުން ހުށަހަޅާނަން." ހީނާ ވިދާޅުވިއެވެ.

ހީނާ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި ހިމެނޭ ކަންކަން ތަންފީޒުކުރުމަށްޓަކާ ގާތްގަނޑަކަށް 200 އެއްހާ ޤާނޫނު އެކުލަވާލަންޖެހޭއިރު، ކުރިއަށްއޮތް މަޖިލީހުގެ ދައުރުގައި މިކަމަށް ޚާއްސަ އަހަމިއްޔަތުކަމެއް ސަރުކާރުން ދެއްވާނެކަމަށެވެ.

ނިމިދިޔަ މަޖިލިސް އިންތިޚާބުގައި ސަރުކާރަށް ސުޕަރ މެޖޯރިޓީ ރައްޔިތުން ދެއްވީ ރައީސް ޑރ. މުޢިއްޒަށް އޮތް ފުރިހަމަ އިތުބާރުގެ ސަބަބުންކަން ފާހަގަކުރައްވާ ހީނާ ވިދާޅުވީ، ސަރުކާރަށް މި ލިބުނު ފުރިހަމަ މެޖޯރިޓީގެ ބޭނުން ނަހަމަގޮތުގައި ނުހިފާނެކަމަށެވެ. އަދި މި މެޖޯރިޓީގެ ބޭނުންކުރާނީ ރައްޔިތުންނަށް ފައިދާހުރި ސިޔާސަތުތައް ތަންފީޒުކުރުމަށް އެ ކަނޑައެޅިފައި އޮންނަ އުޞޫލުގެ ތެރެއިންކަމުގެ ޔަޤީންކަން ސަރުކާރުން ދެއްވާކަމަށްވެސް ހީނާ ވިދާޅުވިއެވެ.