ޚަބަރު

ފިކުރީ މުދަލުގެ ދުވަހާއި ގުޅުވައިގެން ހާއްސަ ފޯރަމެއް ބާއްވައިފި


  • އޮންލައިންކޮށް ބޭއްވި ފޯރަމް ބައިވެރިވުމަށް 121 ފަރާތަކުން ރަޖިސްޓަރކުރި

ދުނިޔޭގެ ފިކުރީ މުދަލާބެހޭ ޖަމްޢިއްޔާ ނުވަތަ ވަރލްޑް އައިޕީ އޯގަނައިޒޭޝަން (ވައިޕޯ) އިން، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާއާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަނާއި ގުޅިގެން ޚާއްޞަ އޮންލައިން ފޯރަމެއް ބާއްވައިފިއެވެ.

ފިކުރީ މުދަލުގެ ދުވަހާއި ގުޅުވައިގެން، ފަންނުވެރިންނާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޚާއްޞަކޮށްގެން ބޭއްވި މި ފޯރަމްގައި، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާގެ ނައިބު ޑޮކްޓަރ ޢާއިޝަތު ޝަހުދާ ޢަބްދުﷲ އާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުގެ، ޑިރެކްޓަރ ހިއުމަން ރިސޯސް، މަރިޔަމް ޝައިރާއު ވަނީ ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދައްކަވާފައެވެ.

މި ދެބޭފުޅުންވެސް ވަނީ ފިކުރީ މުދާ ރައްކާތެރި ކުރުމުގެ މުހިންމު ކަމާއި އެކަމުގައި ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން މުހިންމު ވާހަކަފުޅުތަކެއް ދައްކަވާފައެވެ.

ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކުންވެސް ބައިވެރިވި މި ފޯރަމްގައި، ފަންނުވެރި އެކި ސިނާއަތްތަކުގައި ޙަރަކާތްތެރިވާ ފަރާތްތަކުގެ ފިކުރީ މުދާ ރައްކާތެރި ކުރުމަށް ހުރި ގޮންޖެހުންތަކާއި އެކަންކަމުގެ ހައްލާއި ގުޅޭގޮތުން ޚިޔާލު ބަދަލުކޮށް، މުހިންމު މަޝްވަރާތަކެއް ވަނީ ކޮށްފައެވެ.

ތިން ގަޑިއިރަށް ކުރިއަށްދިޔަ މި ވެބިނަރގައި ބައިވެރިވުމަށް 121 ފަރާތަކުން ރަޖިސްޓަރ ކޮށްފައިވެއެވެ.

މާދަމާ ފާހަގަކުރާ ދުނިޔޭގެ ފިކުރީ މުދަލުގެ ދުވަހުގެ މިއަހަރުގެ ޝިޔާރަކީ، ބިނާކުރަނިވި ވިސްނުމާއި އުފެއްދުންތެރި ޚިޔާލާއެކު އެއް އަމާޒެއް ހާސިލްވެވޭނެ މުސްތަޤްބަލެއް ބިނާކުރުމެވެ.