ޚަބަރު

ޙަމާސުން އެމެރިކާގެ ޖާސޫސީ އިދާރާއާ އެކު މަޝްވަރާތައް ބާއްވަނީ


އެމެރިކާގެ ޖާސޫސީ އިދާރާ, ސެންޓްރަލް އިންޓެލިޖެންސް އޭޖެންސީ (ސީއައިއޭ)އާ އެކު މަޝްވަރާތައް ބޭއްވުމަށް ފަލަސްޠީނުގެ ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ އިސްވެރިންގެ ވަފުދެއް މިޞްރުގެ ވެރިރަށް ޤާހިރާއަށް ވަޑައިގަންނަވައިފިއެވެ. މިޞްރުން މެދުވެރިއެއްގެ ދައުރު އަދާ ކުރާ މަޝްވަރާތަކުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ސީއައިއޭގެ ޑިރެކްޓަރ ވިލިޔަމް ބަރންސް ވެސް ވަނީ ޤާހިރާއަށް ވަޑައިގަންނަވާފައެވެ.

ޣައްޒާގެ މުސްލިމުން ޝަހީދުކޮށް, ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާންތައް ހުއްޓުމަކަށް ގެނައުމާ ގުޅޭ ގޮތުން ކުރަމުންދާ މަޝްވަރާތައް ވިލަރެސް ކުރުމުގައި ޤަޠަރާއި އެމެރިކާއިން ވެސް ބައިވެރިވެއެވެ. މިޞްރުގެ އޮފިޝަލަކު ބުނީ, ޙަމާސާއި ސީއައިއޭގެ އިސްވެރިން މޭ 4ވަނަ ދުވަހު މިޞްރުގެ އޮފިޝަލުންނާ ބައްދަލު ކުރައްވާނެ ކަމުގައެވެ.

ޙަމާސުން ބުނީ, އެ ޖަމާޢަތުގެ ވަފްދު ޤާހިރާއަށް ވަޑައިގަންނަވާފައި ވަނީ, ޢުދުވާން މެދުކަނޑައިލުމާ ގުޅޭ ގޮތުން ޔަހޫދީން އެންމެ ފަހުން ހުށަހަޅާފައިވާ ހުށަހެޅުންތައް ދިރާސާ ކުރުމަށް ފަހު ކަމުގައެވެ. އަދި, ޤާހިރާގައި ބާއްވާ މަޝްވަރާތަކުގައި ކުރިއެރުންތަކެއް ލިބޭނެ ކަމުގެ އުންމީދު ބޮޑު ކަމުގައެވެ.

"[ޤާހިރާގައި ބާއްވާ މަޝްވަރާތަކުގައި] ފަލަސްޠީނުން ބޭނުންވާ ކަންކަން ހާސިލު ކުރެވޭ އެއްބަސްވުމަކަށް އާދެވޭނެ ކަމުގެ އުންމީދު އެބައޮތް،" ޙަމާސުން ނެރުނު ބަޔާނެއްގައި ބުންޏެވެ. އެމެރިކާއިން ބުނީ, މިހާތަނަށް ބާއްވާފައިވާ މަޝްވަރާތަކުގައި ކޮންމެ ވެސް ވަރެއްގެ ކުރިއެރުންތަކެއް ހޯދިފައިވާ ކަމަށް ގަބޫލު ކުރާ ކަމުގައެވެ. ނަމަވެސް, މި ކަމާ ގުޅޭ ގޮތުން އެއްވެސް މަޢުލޫމާތެއް ހާމަ ކުރަން ސީއައިއޭން ވަނީ ދެކޮޅު ހަދާފައެވެ.

މަޝްވަރާތައް ކޮޅެއްގައި ޖެހިފައި ނުވަނީ, ޙަމާސާއި ޔަހޫދީންނާ ދެމެދު އޮތް ޚިޔާލު ތަފާތުވުންތަކުގެ ސަބަބުންނެވެ. ޔަހޫދީން ބޭނުން ވަނީ ޣައްޒާގެ ވެރިކަމުން ޙަމާސް ދުރު ކުރާށެވެ. އަދި, ޙަމާސުން ބޭނުން ވަނީ, ޣައްޒާއަށް އަރާފައިވާ ޔަހޫދީ ފައުޖުގެ ލަޝްކަރުތައް އެ ސަހަރުން ފައިބައި, މުސްލިމުން ނެތިކޮށްލަން ހިންގަމުންދާ ލާއިންސާނީ ޢުދުވާނަށް ނިމުމެއް ގެންނާށެވެ.

ޙަމާސާއި ސީއައިއޭގެ އިސްވެރިޔާއާ ދެމެދު މަޝްވަރާތައް ފަށަން ތައްޔާރުވެފައި މި ވަނީ, ޣައްޒާގެ އެންމެ ދެކުނުން އޮތް ރަފަޙަށް އެއްގަމު މަގުން އަރައި ޢުދުވާން ފުޅާކޮށް, ގަތުލުއާންމު ހިންގައި މުސްލިމުންގެ ލޭއޮހޮރުވައިލަން ޔަހޫދީ ފައުޖުން ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ. އެ ސަހަރުގައި މި ވަގުތު ފަލަސްޠީނުގެ 1.5 މިލިޔަނެއްހާ ރައްޔިތުން އެބަތިއްބެވެ.

އެ މީހުން ދިރިއުޅެމުން ދަނީ ތޮއްޖެހިފައިވާ ފޭލިގެތަކާއި ވަގުތީ ހިޔާތަކުގައި ވަރަށް ނިކަމެތި ހާލުގައެވެ. ޔަހޫދީ ފައުޖުން ރަފަޙަށް އަރައިފި ނަމަ, ޣައްޒާގެ ރައްޔިތުންގެ އިންސާނީ ހާލަތު އިތުރަށް ގޯސްވާނެއެވެ. އަދި, ރަފަޙަށް ނޭރުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢުން ދަނީ ޔަހޫދީ ފައުޖަށް ގޮވައިލަމުންނެވެ. ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު, އެމެރިކާއިން ވެސް ވަނީ ރަފަޙަށް ޢުދުވާންތައް ފުޅާ ކުރަން އެއްބާރުލުން ނުދޭނެ ކަމަށް ބުނެފައެވެ.

މީގެ ހަ މަސް ކުރިން ޔަހޫދީ ފައުޖުން ފެށި ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 34,622އަށް އުފުލިފައެވެ. އޭގެ ތެރޭގައި 25,000އެއްހާ އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނޭއިރު, ޔަހޫދީ ފައުޖުން ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވާ ޢިމާރާތްތަކުގެ ދަށުގައި އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމަށް ބެލެވެއެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 77,867އަށް އުފުލިފައެވެ. އދއިން ބުނީ, ޣައްޒާގައި ހައިހޫނު ކަމާ ކުރިމަތިލާން ޖެހިފައިވާ މީހުންގެ ޢަދަދު މިލިޔަނަކަށް އުފުލިފައިވާ ކަމުގައެވެ.