ޚަބަރު

ކޯރަމް ހަމަނުވުމުން މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމާލައިފި


  • މިއަދު ބާއްވަން ތާވަލުކުރީ މިއަހަރުގެ ފުރަތަމަ ދައުރުގެ 22 ވަނަ ޖަލްސާ

  • މިޖަލްސާގެ އެޖެންޑާގައި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. ޢަބްދުالله މުއްޠަލިބްއާ ސުވާލުކުރަން އޮތް

ކޯރަމް ހަމަނުވުމުގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަށް ނުގެންދެވި ނިންމާލައިފިއެވެ.

މިއަދު 09:00 ގައި ބާއްވަން އެޖެންޑާކުރެވުނު 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 22 ވަނަ ޖަލްސާ 09:30 ވީއުރުވެސް ފެށޭގޮތް ނުވުމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް ވަނީ ކޯރަމް ހަމަވެފައި ނުވާތީ ޖަލްސާ ނިންމަވާލެއްވިކަން އިއުލާންކުރައްވާފައެވެ.

މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވާ މަސައްކަތްތަކުގެ ތެރޭގައި 2 ރަށެއްގައި ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫޢުތަކާއި ގުޅޭގޮތުން މިޖަލްސާއަށް ވަނީ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު ޢީސާ، މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުالله މުއްޠަލިބްއާ ސުވާލުކުރުމާއި، ކޮޕީރައިޓްސްއާ ގުޅޭ އެހެނިހެން ޙައްޤުތަކުގެ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލުގެ އިބްތިދާޢީ ބަހުސްވެސް ހިމެނެއެވެ.

ގާނޫނުގައިވާ ގޮތުން މަޖިލީހުގެ ޖަލްސާތައް ފަށަން 22 މެންބަރުން ޖަލްސާއަށް ހާޒިރުވެ ތިބެންޖެހެއެވެ.

އާދީއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މިހާރު މަޖިލީހުގައި ތިއްބެވި ގިނަ މެންބަރުންނަށް ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައެވެ. އެ އިންތިޚާބުގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުން 93 ދާއިރާގެ ތެރެއިން 66 ގޮނޑި ކާމިޔާބުކޮށް 20 ވަނަ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ސަރުކާރު ހިއްސާވާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ކޮންގްރެސް ޕާޓީން ވަނީ ހޯދާފައެވެ.