ޚަބަރު

އެންމެ ގިނަ ވޯޓު ހޯދި ކެނޑިޑޭޓުގެ ޝަރަފާއެކު ޝުޖާއު އެނބުރި މަޖިލީހަށް!


  • ޝުޖާއުއަށް 2442 ވޯޓު ނުވަތަ 83.46 އިންސައްތައިގެ އަގްލަބިއްޔަތެއް ލިބިފައިވޭ

އާދިއްތަދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެންމެ ގިނަ ވޯޓް ހޯދި ކެންޑިޑޭޓަކަށް ބާރަށު ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި އިބްރާހިމް ޝުޖާޢު ވެވަޑައިގެންފިއެވެ.

ޝުޖާއުއަކީ 2014 އިން 2019 އަށް ހިނގި 18 ވަނަ ރައްޔިތުންގެ މަޖިލީހުގައިވެސް ބާރަށު ދާއިރާގެ ގޮނޑި ފުރުއްވި ބޭފުޅެކެވެ.

19 ވަނަ މަޖިލީހަށް އިންތިހާބުވެވަޑައި ނުގެންނެވިނަމަވެސް، ޝުޖާއު މިފަހަރުގެ މަޖިލީހަށް އިންތިހާބުވެވަޑައިގެންނެވީ ރެކޯޑަކާއެކުއެވެ. އެގޮތުން މިހާތަނަށް އާއްމުކޮށްފައިވާ ވަގުތީ ނަތީޖާ ދައްކާގޮތުން ބާރަށު ދާއިރާއަށް ވޯޓްލުމުގެ ހައްގު ލިބިފައިވާ 3483 މީހުންގެ ތެރެއިން، 2442 މީހުން ޝުޖާއުއަށް ވަނީ ވޯޓް ދީފައެވެ. އެއީ އިންތިހާބުގައި ވޯޓްލީ މީހުންގެ 83.46 އިންސައްތައެވެ.

3 ކެންޑިޑޭޓުން ވާދަކުރި އިންތިހާބުގައި ޝުޖާއުއާ އެންމެ ގާތުން ވާދަކުރި ކެނޑިޑޭޓަށް ލިބުނީ 468 ވޯޓެވެ. އެއީ ވޯޓްލީ މީހުންގެ 15.99 އިންސައްތައެވެ.

ތާރީހީ ކާމިޔާބީއާއެކު ޝުޖާއު ވެވަޑައިގެންފައި ވަނީ ފަހުގެ ތާރީހެއްގައި މަޖިލިސް އިންތިހާބެއްގައި އެންމެ ގިނަ ވޯޓް ހޯދި ކެންޑިޑޭޓަށެވެ. އެންމެފަހުން 2019 ވަނަ އަހަރު ބޭއްވި މަޖިލިސް އިންތިހާބުގައި އެންމެ ގިނަ ވޯޓް ހޯދީ ހިތަދޫ ދެކުނު ދާއިރާ ކެންޑިޑޭޓް އިބްރާހިމް ނާޒިލްއެވެ. ނާޒިލްއަށް އެފަހަރު 1930 ވޯޓް ލިބިވަޑައިގެންނެވިއެވެ. ނަމަވެސް ޝުޖާއުއަށް މިފަހަރުގެ އިންތިޚާބުގައި ލިބިވަޑައިގެންނެވި ވޯޓްގެ އަދަދު ނާޒިލްއަށް ލިބިވަޑައިގެންނެވި ވޯޓަށްވުރެ މާބޮޑަށްވެސް އިތުރުކަން ފާހަގަކޮށްލެވެއެވެ.