ޚަބަރު

އިންޑަސްޓްރިއަލް ވިލެޖު ސާފުކުރަން ފަށައިފި، މޭޔަރ އެދިލެއްވީ މާލެ ސާފުކޮށް ބޭއްވުމަށް


  • މާލެ އިންޑަސްޓްރިއަލް ވިލެޖް ސަރަހައްދު ސާފުކުރަނީ ސަރުކާރާއި ގުޅިގެން

  • ކުރިއަށް އޮތްތަނުގައި މި ސަރަޙައްދު ގޭޓު ލައި ބަންދު ކުރެވޭނެ

މާލެ ސިޓީ ސާފުކޮށް ބާއްވައި އެއްވެސް ތަނަކަށް ކުނި ނޭޅުމަށް މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް އިލްތިމާސްކުރައްވައިފިއެވެ.

މޭޔަރ އާދަމް އާޒިމް މިގޮތަށް އިލްތިމާސްކުރެއްވީ، ސޯޝަލް މީޑީއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.

މާލޭ ސިޓީގެ އިންޑަސްޓްރިއަލް ވިލެޖް ސަރަޙައްދު ސާފުކުރުމުގެ މަސައްކަތް ބިމާއި ބެހޭ ވުޒާރާއާއި، ސިޓީތަކާއި ބެހޭ ވުޒާރާ އަދި ވެމްކޯ ގުޅިގެން ވަނީ ފަށާފައެވެ. މި މަސައްކަތުގައި ފުލުހުން އަދި ޕޯޓްސް ލިމިޓެޑްގެ ފަރާތުންވެސް އެހީތެރިކަން ދަނީ ފޯރުކޮށްދެމުންނެވެ.

އެ ސަރަޙައްދު ސާފުކުރުމުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށް ފަހު ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި މޭޔަރ އާޒިމް ވަނީ މާލެ ސާފުކޮށް ބޭއްވުމަށް އެދިވަޑައިގެންފައެވެ.


އެގޮތުން މާލެ ސިޓީގެ އެއްވެސް ތާކަށް އެއްވެސް ބޭފުޅަކު ކުނި ނޭޅުމަށް އަދި މާލެ ސިޓީ ހަޑިވާޒާތުގެ އެއްވެސް ކަމެއް ނުކުރުމަށް މޭޔަރ ވަނީ އެދިވަޑައިގެންފައެވެ. މީގެ ތެރެއިން ކުޅުޖެހުމާއި، ޓީޝޫ، ޕެކެޓު އަދި ދަޅު ފަދަ ތަކެތި އެއްލާނުލުމަށް މޭޔަރ އިލްތިމާސް ކުރެއްވިއެވެ.

މާލެ އިންޑަސްޓްރިއަލް ވިލެޖް ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، މޭޔަރ ވިދާޅުވީ އެ ސަރަހައްދު ކުރިއަށް އޮތްތަނުގައި ގޭޓު ލައި ބަންދު ކުރެވޭނެ ކަމަށެވެ. އަދި ކުނި ގެންދަން ޖެހޭނީ އޮންނަ އުޞޫލުގެ ތެރެއިން ވެމްކޯ ޔާޑަށް ކަމަށެވެ.

މާލެތެރެ ސާފުކޮށް ބޭއްވުމަށް ސިޓީ ކައުންސިލުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މާލެ އެކި ސަރަހައްދުތަކަށް ކުނި އަޅާ ފަރާތްތައް ފާހަގަކޮށް ޖޫރިމަނާ ކުރަމުންދާއިރު އެ ފަރާތްތަކުގެ ފޮޓޯއާއެކު ސޯޝަލް މީޑިއާގައި ދަނީ އާންމުކުރަމުންނެވެ.