ޚަބަރު

މާދަމާގެ ވޯޓަކީ ޤައުމުގެ މިނިވަންކަން ޔަޤީންކޮށްދީ ތަރައްޤީއަށް ދެވޭ ވޯޓަކަށް ހައްދަވައިދެއްވާ: ރައީސް


  • މާދަމާގެ ވޯޓަކީ ނަތީޖާ ނެރުމަށްދެވޭ ވޯޓަކަށް ހެއްދެވުމަށް ރައީސް ގޮވާލެއްވި

  • ތަރައްޤީ ޙާޞިލުކޮށްދިނުމުގައި މަޖިލީހުގެ ދައުރު ބޮޑުކަންވެސް ފާހަގަކުރެއްވި

މާދަމާ ނެގޭ ވޯޓަކީ ޤައުމުގެ މިނިވަންކަން ޔަޤީންކޮށްދީ ތަރައްޤީއަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށް ދެވޭ ވޯޓަކަށް ހައްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަމަށް ގޮވާލެއްވީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ މަޖިލިސް ކެމްޕެއިން ނިންމާލުމުގެ ގޮތުން ބޭއްވި ހަރަކާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ މަޖިލިސް އިންތިޚާބަށް ކުރިއަށްގެންދިޔަ ކެމްޕެއިން ނިންމާލުމަށް އާޓިފިޝަލް ބީޗް ސަރަހައްދުގައި ބޭއްވި އެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަކީ ޤައުމުގެ ކަންކަން ބައްޓަންކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ތަނެއްކަމަށެވެ. އަދި މާދަމާ ނެގޭ ވޯޓަކީ ޤައުމުގެ ކަންކަން ނިންމުމުގައި ވަރަށް މުހިންމު ވޯޓެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ރައްޔިތުންގެ މަޖިލީހަކީ ޤައުމުގެ ކަންކަން ބައްޓަންކުރުމުގައި ވަރަށް މުހިންމު ތަނެއް. އެތަނަކާ ނުލައި ކަންކަން ނުނިންމޭ ތަނެއް. އެހެންވީމަ ދިވެހީންގެ ރާއްޖޭގެ މި މާތް މަޤްޞަދު ޙާޞިލުކުރުމަށްޓަކާ މާދަމާ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިނެގޭ ވޯޓަކީ ވަރަށް މުހިންމު ވޯޓެއް. އަޅުގަނޑުމެންގެ ޤައުމުގެ ކަންކަން އަޅުގަނޑުމެންނަށްޓަކާ އަދި އަޅުގަނޑުމެންގެ ދަރިންނަށްޓަކާ، އަދި ދަރިންގެ ދަރިންނަށްޓަކާ ހެޔޮގޮތުގައި ނިންމުމަށްޓަކާ މާދަމާގެ ވޯޓަކީ ވަރަށް ޒިންމާދާރުކަމާ އެކީގައި ޤައުމު ދެކެ ލޯބިވާ ދިވެހި ލޮބުވެތި ރައްޔިތުން ނިންމާ މުހިންމު ނިންމުމަކަށް ހަދަންޖެހޭ." ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އެމަނިކުފާނުގެ ހުރިހާވެސް އަމާޒެއް އަދި މިސްރާބެއް ހުރީ ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދަވައިދެއްވާ، ނަތީޖާ ނެރެދެއްވުމަށްކަމަށެވެ. އަދި ރައްޔިތުންނަށް ގެނެސްދޭން ބޭނުންވާ ތަރައްޤީ އެގޮތުގައި ގެނެސްދިނުމުގައި މަޖިލީހުގެ ދައުރު މުހިންމުކަން ފާހަގަކުރައްވާ، ސަރުކާރާއި ގުޅިގެން މަސައްކަތްކުރައްވާނެ އަދި އެއްބާރުލުން ދެއްވާނެ މެންބަރުންތަކެއް މަޖިލީހަށް އިންތިޚާބުކުރުން މުހިންމުކަން ރައީސް ފާހަގަކުރެއްވިއެވެ.

ސަރުކާރުން ވެފައިވާ ވަޢުދުތައް ފުއްދަވައިދެއްވާ ރައްޔިތުންނަށް ނަތީޖާ ނެރެދިނުމަށް ކުރައްވާ މަސައްކަތުގައި އެންމެ ވަގުތެއްވެސް ބޭކާރު ނުކުރައްވާނެކަމަށް ވިދާޅުވާ ވިދާޅުވުން މި އެއްވުމުގައިވެސް ރައީސް ޑރ. މުޢިއްޒު ވަނީ ތަކުރާރުކުރައްވާފައެވެ.

"އަޅުގަނޑު ދެންނެވިން އަޅުގަނޑު ބޭނުންވަނީ ރައްޔިތުން އެދޭ ކަންކަމުގައި ނަތީޖާ ނެރެދިނުމަށޭ. ރިޒަލްޓް ނޫން އެއްޗެއް އަޅުގަނޑު ބޭނުމެއްނޫނޭ. ރިޒަލްޓް އޮރިއެންޓެންޑް ސަރުކާރެކޭ ޤާއިމުކުރަން ބޭނުންވަނީ، އަޅުގަނޑު ވަޢުދުވީމަ ރައްޔިތުން ޤަބޫލުކޮށް އިތުބާރުކުރީ އަޅުގަނޑަށް. އެކަންކުރުމަށްޓަކާ ރައްޔިތުންގެ މަޖިލިސް އެއީ ކޮންމެހެން މުހިންމު ތަނެއް." ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ސަރުކާރުން ވެފައިވާ ވަޢުދުތައް ހަޤީޤަތަކަށް ހެދުމަށްޓަކާ މަޖިލީހުގެ ތެރެއިންވެސް މުހިންމު މަސައްކަތްތަކެއް ކުރަން ހުރިކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ދިވެހީންގެ ރާއްޖޭގެ މިނިވަންކަން ކަށަވަރުކޮށް، ތަރައްޤީގެ އައު ޒަމާނަކަށް ރާއްޖެ ގެންދިއުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގައި ދިވެހި ރައްޔިތުން ބައިވެރިވެ، މަޖިލީހުގެ ތެރެއިން ސަރުކާރަށް ފުރުޞަތު ތަނަވަސްކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ގޮވާލައްވާފައެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ފަރާތުން މަޖިލިސް އިންތިޚާބުގައި 93 ކެންޑިޑޭޓުން ވާދަކުރައްވައެވެ.