ޚަބަރު

ގެވެށި އަނިޔާގެ މައްސަލަތައް ހުއްޓުވޭނީ މުޖުތަމަޢުގެ ވިސްނުން ބަދަލުކޮށްގެން: އެފްޕީއޭ


  • އަނިޔާ ލިބޭ ފަރާތް ކުށްވެރިނުކޮށް އެ މީހުން ރައްކާތެރިކުރާ ބަޔަކަށް ވާންޖެހޭ

  • ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ގާތުން ޚިދުމަތް ނުދެވުމަކީ ގޮންޖެހުމެއް

  • ގެވެށި އަނިޔާގެ ޤާނޫނު ރިވިއުކޮށް، ފުރިހަމަކުރުމުގެ މަސައްކަތް ދަނީ ކުރަމުން

ގެވެށި އަނިޔާގެ މައްސަލަތައް ހުއްޓުވޭނީ މުޖުތަމަޢުގެ ވިސްނުމާއި އެފަދަ މީހުންނާ މެދު މުޖުތަމަޢުން ދެކޭގޮތް ބަދަލުކޮށްގެންކަމަށް ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އައިމިނަތު ޝިރާނީ ނަޢީމް ވިދާޅުވެއްޖެއެވެ.

ޝިރާނީ މިހެން ވިދާޅުވީ ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނަށް ޢަމަލުކުރަން ފެށިތާ 12 އަހަރު ފުރުމާ ގުޅިގެން ޕީއެސްއެމް ނިއުސްއަށް ދެއްވ އިންޓަރވިއުއެއްގައެވެ.

މިއަދަކީ ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު ވުޖޫދުވެ ޢަމަލުކުރަން ފެށި ދުވަހެވެ. އެއީ 2012 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 23 ވަނަ ދުވަހެވެ.

މި ޤާނޫނުގެ ދަށުން ގެވެށި އަނިޔާގެ އަމަލުން މީހުން ސަލާމަތްކުރުމަށްޓަކައި ރާއްޖޭގައި އެކި ފަރާތްތަކުންކުރާ މަސަތްކަތްތައް ވިލަރެސްކޮށް ޤައުމީ ސިޔާސަތު އެކުލަވާލައި އޭގެ ދަށުން މަސައްކަތްތައް ކުރުމަށް ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ އެފްޕީއޭގެ ނަމުގައި މިނިވަން އިދާރާއެއް އުފެދުނެވެ.

އެފްޕީއޭ އުފެދުނީންސުރެ އެ އިދާރާއިން އަންނަނީ ގެވެށި އަނިޔާއާމެދު މުޖުތަމަޢުގައި ހޭލުންތެރިކަން އުފެއްދުމުގެ މަސައްކަތްތަކާއި ދާއިރާއިން ތަމްރީން ދިނުމުގެ އިތުރުން ދިރާސާތައްކުރުމުގެ މަސައްކަތްތައް ކުރަމުންނެވެ. އަދި ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް އެކަށީގެންވާ ފަރުވާ ހޯދައިދިނުމުގައިވެސް އެފްޕީއޭއިން މުހިންމު ދައުރެއް އަދާކުރެއެވެ.

ގެވެށި އަނިޔާގެ ޤާނޫނަށް ޢަމަލުކުރަން ފެށި ދުވަހުގެ މުނާސަބަތުގައި ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ، އެފްޕީއޭގެ ސީއީއޯ އައިމިނަތު ޝިރާނީ ވިދާޅުވީ ދިވެހި މުޖުތަމަޢުގައި ގެވެށި އަނިޔާގެ މައްސަލަތައް އިތުރުވެފައިވާ މައިގަނޑު އެއް ސަބަބަކީ އަނިޔާ ލިބޭ މީހުންނާމެދު މުޖުތަމަޢުން ދެކޭގޮތް ކަމަށެވެ. އެގޮތުން ވަކި ޖިންސަކަށްވީތީ ޢާއިލާއާއި މުޖުތަމަޢުގެ ތެރޭގައި ހުންނަ ތަފާތުކުރުމާއި ޢާންމު ގޮތެއްގައި އަނިޔާ ލިބޭ ފަރާތް ކުށްވެރިކުރާ ކުރުން ޝިރާނީ ފާހަގަކުރެއްވިއެވެ. މިހެންވެ ގެވެށި އަނިޔާގެ މައްސަލަތައް ހުއްޓުވުމަށް ކުރެވިދާނެ އެއް ކަމަކީ މުޖުތަމަޢުން އަނިޔާ ލިބޭ ފަރާތްތަކާމެދު ދެކޭ ގޮތް ބަދަލުކުރުން ކަމަށް ޝިރާނީ ވިދާޅުވިއެވެ.

ޝިރާނީ ވިދާޅުވީ އަނިޔާ ލިބޭ ފަރާތް ކުށްވެރިނުކޮށް އެ މީހުން ރައްކާތެރިކުރާ ބަޔަކަށް ކޮންމެ މީހަކުވެސް ވާންޖެހޭ ކަމަށެވެ. އަދި އަނިޔާ ލިބޭ މީހުންނަށް އެހީވުމަކީ މުޖުތަމަޢުގެ އެހެން ފަރުދުންގެ ޒިންމާއަކަށް ހަދަންޖެހޭކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ގެވެށި އަނިޔާގެ ސަބަބުން އަނިޔާ ލިބޭ މީހާއަށް ޖިސްމާނީ ނުކުޅެދުންތެރިކަން ކުރިމަތިވޭ. އަދި ބައެއްފަހަރު ދަރިމައިވުމުގެ ސިއްޙަތަށްވެސް ނުރައްކާވޭ. އަދި މުޖުތަމަޢުގައި އަނިޔާ ލިބޭ މީހުންނަކީ މީހެއްގެ ގޮތުގައި ބަލައިނުގަނޭ. މިއީ އަޅުގަނޑުމެންގެ ވިސްނުން ބަދަލުކުރަންޖެހޭ ހިސާބަކީ. ބައެއް މީހުންގެ ހުންނަނީ އަނިޔާ ލިބޭ މީހާ ޒިންމާ ނަގަންޖެހޭ ވިސްނުން." ޝިރާނީ ވިދާޅުވިއެވެ.

ގެވެށި އަނިޔާގެ މައްސަލަތައް ހުއްޓުވުމަށް ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޝިރާނީ ވިދާޅުވީ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ގެވެށި އަނިޔާގެ މައްސަލަތަކުގެ ޝިކާރައަކަށްވާ ފަރާތްތަކަށް ގާތުން ޚިދުމަތްދެވޭނެ ގޮތެއް ނެތުން ކަމަށެވެ. މިހެންވެ އަތޮޅުތަކުގައި ވެސް ކައުންސެލިން ދިނުމާއި ކައުންސިލްތަކާ ގުޅިގެން މިފަދަ މައްސަލަތަކަށް ފަރުވާދެވޭނެ ނިޒާމެއް ޤާއިމްކުރަންޖެހޭކަން ޝިރާނީ ފާހަގަކުރެއްވިއެވެ.

"ބައެއްފަހަރު ރަށްރަށުގައިނަމަ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް ގެވެށި އަނިޔާގެ މައްސަލަތައް މޮނިޓަރކުރުމުގައި ބޭނުންކުރެވޭ. އެގޮތުން ރަށްރަށުގައި މޮނިޓަރކުރުމަށް ބެލިޔަސް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގައި އަނިޔާ ލިބޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ވަސީލަތްތަކެއް ގާއިމު ކުރެވުމަކީ އެދެވޭ ބަދަލެއް ފެންނާނެ ކަމެއް." ޝިރާނީ ވިދާޅުވިއެވެ.

އެފްޕީއޭގެ މަސައްކަތްތައް:

ޝިރާނީ ވިދާޅުވީ އެފްޕީއޭއިން މިހާރު ކުރަމުން އަންނަ އެއް ކަމަކީ ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކުގެ ތެރެއިން ކޯޓު މައްސަލަތަކަށް ޤާނޫނީ ވަކީލުން އަމިއްލައަށް ހަމަޖެއްސުމަށް މާލީ ތަނަވަސްކަން ނެތް ފަރާތްތަކަށް ވަކީލުން ހަމަޖައްސައިދިނުމެވެ. އެގޮތުން މިހާތަނަށް އައިރު 22 ފަރާތަކަށް ވަކީލުން ހަމަޖައްސާދީފައިވާކަމަށް ޝިރާނީ ވިދާޅުވިއެވެ.

ޝިރާނީ ވިދާޅުވީ މިހާތަނަށް އައިރު އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް ޚިދުމަތްދިނުމުގައި ހުރި ގޮންޖެހުންތައް ދެނެގަތުމަށް 19 އަތޮޅެއްގައި މޮނިޓަރިންގެ މަސައްކަތްކޮށްފައިވާ ކަމަށާއި މިއަހަރު ތެރޭ ބާކީ ހުރި އަތޮޅުތަކުގައިވެސް މޮނިޓަރިންގެ މަސައްކަތް ކުރިއަށްގެންދާނެކަމަށެވެ.

ޝިރާނީ ވިދާޅުވީ މޮނިޓަރިންގެ މަސައްކަތް ނިމުމުން ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް ޚިދުމަތްދިނުމުގައި ހުރި ގޮންޖެހުންތަކާއި ހުރަސްތައް ނައްތާލުމަށްކުރެވޭނެ ކަންކަމާ ގުޅޭގޮތުން އެފްޕީއޭއިން ނިންމެވުންތަކެއް ނިންމަވާނެކަމަށެވެ. އަދި އެއަށްފަހު އުޞޫލުތަކެއް އެކުލަވާލެވި ކުރިއަށްވުރެ ފަސޭހައިން އަނިޔާ ލިބޭ ފަރާތްތަކަށް ޚިދުމަތް ދެވޭނެކަން ޝިރާނީ ފާހަގަކުރެއްވިއެވެ.

ޝިރާނީ ވިދާޅުވީ ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު ރިވިއުކޮށް، ޤާނޫނު އިތުރަށް ފުރިހަމަކުރުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށެވެ. އަދި އެ އިދާރާއިން އަތޮޅު ތެރޭގައި މޮނިޓަރކުރާ އިދާރާތަކުގައި ރަނގަޅުކުރަންޖެހޭ ކަންކަން ދެނެގަނެ ޕޮލިސީތަކަށް ބަދަލުގެނައުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށެވެ.

އެފްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ 5 އަހަރު ގެވެށި އަނިޔާގެ މައްސަލަތައް ރިޕޯޓުކޮށްފައިވާ އަދަދު އުޅެނީ 500އަށްވުރެ މަތީގައެވެ. އެގޮތުން މިދިޔަ 5 އަހަރު އެންމެ ގިނައިން މައްސަލަ ރިޕޯޓުކޮށްފައިވަނީ 2022 ވަނަ އަހަރުއެވެ. އެއީ 720 މައްސަލައެވެ. މިދިޔަ އަހަރު ހުށައަޅާފައިވަނީ 614 މައްސަލައެވެ.