ޚަބަރު

މަޖިލިސް އިންތިޚާބު: ބޭރުގެ އޮބްޒަރވަރުންނަށް މައުލޫމާތުދިނުމުގެ ސެޝަނެއް ބާއްވައިފި


  • ބޭރުގެ 45 އޮބްޒަރވަރުންނާއި މޮނިޓަރެއް ބައިވެރިވާނެ

  • ޖުމްލަ 6000 އަށްވުރެ ގިނަ އޮބްޒަރވަރުންނާާއި މޮނިޓަރުން އަދި މަންދޫބުން ބައިވެރިވާނެ

ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ހަރަކާތްތެރިވާ ބޭރުގެ އޮބްޒަރވަރުންނަށް މަޢުލޫމާތު ދިނުމުގެ ޚާއްސަ ސެޝަނެއް ބާއްވައިފިއެވެ.

މި ސެޝަން ބާއްވާފައިވަނީ މިރޭ ކްރޮސްރޯޑްސްގައި ބޭއްވި ހަފްލާއެއްގައެވެ. މި ހަފްލާގައި އިލެކްޝަންސް ކޮމިޝަނުގެ ދައުވަތަށް އެކި ޤައުމުތަކުން ރާއްޖެ ވަޑައިގެންނެވި އޮބްޒަރވަރުން ބައިވެރިވިއެވެ.

އިލެކްޝަންސް ކޮމިޝަނުން މައުލޫމާތު ދޭ ގޮތުގައި އާދީއްތަ ދުވަހު ބާއްވާ މަޖިލިސް އިންތިޚާބުގައި ބޭރުގެ 45 އޮބްޒަރވަރުންނާއި މޮނިޓަރެއް ބައިވެރިވާނެއެވެ.

އޮބްޒަރވަރުން ނިސްބަތްވާ ޤައުމުތައް:

• އިންޑިއާ
• ބަންގްލަދޭޝް
• ސްރީލަންކާ
• ޖޯރޖިއާ
• ތައިލެންޑް
• ރަޝިއާ
• އަޒަރްބައިޖާން
• ފިލިޕީންސް
• ތުރުކީ
• ބޫޓާން
• ކެމްބޯޑިއާ

މި ޓީމުގެ ޗީފް އޮބްޒަރވަރގެ ގޮތުގައި ހަރަކާތްތެރިވެވަޑައިގަންނަވީ އިންޑިއާގެ އިލެކްޝަން ކޮމިޝަނުގެ ކުރީގެ ޗީފް، ޑރ. ޝަހަބުއްދީން ޔައުޤޫބް ޤުރެއިޝީއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލުމާތު ދެއްވަމުން ޑރ. ޤުރެއިޝީ ވަނީ މި މަޖިލިސް އިންތިޚާބަކީ މިނިވަން އަދި އިންސާފުވެރި އިންތިޚާބަކަށް ވެގެންދާނެ ކަމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވެފައެވެ. އަދި ވީހާވެސް ގިނަ ރައްޔިތުން މި އިންތިޚާބުގައި ވޯޓުލުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.

މަޖިލިސް އިންތިޚާބުގައި ރާއްޖެއާއި ބޭރުގެ އޮބްޒަރވަރުންނާއި މޮނިޓަރުން އަދި ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި 6000 އަށްވުރެ ގިނަ މީހުން ހަރަކާތްތެރިވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ. އެގޮތުން، 2495 އޮބްޒަރވަރުންނާއި، 4614 މޮނިޓަރުންނާއި 1816 މަންދޫބުން ހަރަކާތްތެރިވާނެއެވެ.