ޚަބަރު

ވިލުފުށި އެއަރޕޯޓް ތަރައްޤީކުރަން އެމްޓީސީސީއާ ހަވާލުކޮށްފި


  • ހަވާލުކޮށްފައިވަނީ އިމާރާތްކުރުމާއި ގުޅޭ މަސައްކަތްތައް

  • ޕްރޮޖެކްޓް ހަވާލުކުރުމަށް ވިލުފުށީގައި ވަނީ ރަސްމިއްޔާތެއް ބާއްވާފައި

ތ.ވިލުފުށި އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

މި ޕްރޮޖެކްޓްގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ، ވިލުފުށީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

އެއްބަސްވުމުގައި އިމާރާތްކުރުމާ ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ޙަސަން ރަޝީދުއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް ޕްރޮޖެކްޓް މެނޭޖްމަންޓް އޮފިސަރ އަޙުމަދު ލަތީފްއެވެ.

ވިލުފުށި އެއަރޕޯޓްގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ.އަބްދުﷲ މުއްޠަލިބުއެވެ.

މި ރަސްމިއްޔާތުގައި ވިލުފުށީ ކައުންސިލްގެ ރައީސް ޙުސައިން ޖަބީން އާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ހާހެއްހާ މީހުން ދިރިއުޅެމުންދާ ވިލުފުށީގައި އެއަރޕޯޓް އެޅުމުގެ މަޝްރޫޢުއަކީ، ސަރުކާރުން އަލަށް ތަރައްޤީކުރުމަށް ނިންމާފައިވާ 15 އެއަރޕޯޓް ޕްރޮޖެކްޓްގައި ހިމަނައިގެން ކުރިއަށްގެންދިއުމަށް ނިންމާފައިވާ މަޝްރޫޢުއެކެވެ.