ޚަބަރު

ގުރައިދޫ އަދި ކޮމަންޑޫ އެއަރޕޯޓްގެ ސަރވޭއާއި ޑިޒައިން މަސައްކަތް ހަވާލުކޮށްފި


  • ދެ ރަށުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާ

  • ސޮއިކުރުމަށް ގުރައިދޫ އަދި ކޮމަންޑޫގައި ޚާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވާފައި

  • މި ދައުރުގައި 15 އެއަރޕޯޓް ތަރައްޤީކުރުމަށް ސަރުކާރުން ނިންމާފައިވޭ

ތ.ގުރައިދުއާއި ށ.ކޮމަންޑޫގައި އެއަރޕޯޓް ތަރައްޤީކުރުމަށް ބޭނުންވާ ސަރވޭއާއި ޑިޒައިން މަސައްކަތް ކުރިއަށްގެންދިއުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

މި އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ ތ.ގުރައިދުއާއި ށ.ކޮމަންޑޫގައެވެ.

ތ.ގުރައިދޫގެ އެއަރޕޯޓް މަޝްރޫޢުއާއި ގުޅުންހުރި މަސައްކަތްތައް ހަވާލުކުރުމުގެ އެއްބަސްވުމުގައި އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރީ ވަޒީރު ޑރ.އަބްދުﷲ މުއްޠަލިބުއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް ޕްރޮޖެކްޓް މެނޭޖްމަންޓް އޮފިސަރ އަޙުމަދު ލަތީފުއެވެ.

އެއްބަސްވުމުގެ ދަށުން އެއަރޕޯޓް ސަރވޭ، ޑިޒައިން އަދި އީއައިއޭގެ މަސައްކަތް ހިމެނެއެވެ.

ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ގުރައިދޫ ކައުންސިލް ރައީސް އާއި ރަށުގެ ސަރުކާރުގެ މުޢައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ގުރައިދޫއަކީ 1200އެއްހާ މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ.

މިއަދު ވަނީ ށ.ކޮމަންޑޫ އެއަރޕޯޓް ތަރައްޤީކުރުމަށް ސަރވޭ ކުރުމާއި ޑިޒައިން އަދި އީއައިއޭ ހެދުމަށްވެސް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާއި ހަވާލުކޮށްފައެވެ. އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ، ސްޓޭޓް މިނިސްޓަރު އިބްރާހީމް ނަޡީމްއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު ހަސަން މުޣުނީއެވެ.

މިކަމަށްޓަކައި ކޮމަންޑޫގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛު މޫސާ ފަތުޙީ އާދަމްއެވެ. ރަސްމިއްޔާތުގައި ކޮމަންޑޫ ކައުންސިލްގެ ރައީސް މުޙައްމަދު ސިނާންއާއި ރަށުގެ ސަރުކާރުގެ މުވައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮމަންޑޫގެ ރެޖިސްޓަރޑް އާބާދީއަކީ 2000އާއި ގާތްކުރެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ވަނީ މުޅިން އަލަށް 15 އެއަރޕޯޓެއް މި ދަޢުރުގެ ތެރޭގައި ތަރައްޤީކުރައްވާނެކަމަށް އިޢުލާނުކުރައްވާފައެވެ. މި ދެ އެއަރޕޯޓަކީ އޭގެތެރެއިން ކުރިއަށްގެންދާ ދެ މަޝްރޫޢުކަމަށް ސަރުކާރުން ވިދާޅުވެއެވެ.