ޚަބަރު

ވ. ތިނަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެ


  • މޮބިލައިޒްކޮށްފައިވަނީ 16 އޭޕްރިލްގައި

  • ވ. ތިނަދޫގެ އާބާދީއަކީ 222

  • މި މަސައްކަތަކީ ރައީސްގެ ރިޔާސީ ވައުދުފުޅެއް

ވ. ތިނަދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށްޓަކައި އެމްޓީސީސީއިން އެރަށުގައި ސައިޓް މޮބިލައިޒްކޮށްފިއެވެ. ތިނަދޫގެ މިހާރު ބޭނުންކުރާ ބަނދަރަކީ 2007 ވަނަ އަހަރު ހަދާފައިވާ ބަނދަރެކެވެ. ނަމަވެސް މަރާމާތުނުކުރެވި ގިނަ ދުވަސްވުމުގެ ސަބަބުން މި ބަނދަރު ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ.

ވ. ތިނަދޫއަކީ އަބާދީގެ ގޮތުން ކުޑަނަމަވެސް ލޯކަލް ޓޫރިޒަމްގެ ފުޅާދާއިރާއެއްގައި ކުރިއަށްގެންދާ އެވިޔަފާރިއަށް މަޝްހޫރު ރަށެކެވެ. އެހެންކަމުން ދުވާލެއްގެ މައްޗަށް ރަށުގެ ބަނދަރުގެ ބޭނުން ކުރާމީހުންގެ އަދަދު ގިނައެވެ. އެހެންކަމުން އެރަށަށް އޮތް އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ގިނަދުވަސްވެ ބަނދަރު ޙަލާކުވެފައި އޮތުމުގެ ސަބަބުން ލަފާ ފުރުމަށް ދިމާވާ ދަތިތަކެވެ. މީގެއިތުރުން އެރަށު ބަނދަރުގެ ބޭރުތޮށިވެސްވަނީ ހާލާކުވެފައެވެ.

މިކަމުގެ ސަބަބުން އޮޑިދޯނިފަހަރަށާއި ދަތުރުކުރާ ފަރާތްތަކަށް ރައްކާތެރިކަން ކަށަވަރުނުކުރެވޭކަމަށް ތިނަދޫ ކައުންސިލުންވަނީ މަޢުލޫމާތުދެއްވާފައެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އެ ރަށު ކައުންސިލުން ވިދާޅުވީ، ތިނަދޫގައި މިހާރު ބޭނުން ކުރަމުންދާ ބަނދަރަކީ 2007 ވަނަ އަހަރު ސިމެންތި ބަސްތާ ބޭނުންކޮށްގެން ހަދާފައިވާ 300 ފޫޓުގެ ބަނދަރެއްކަމަށެވެ.

ކައުންސިލުން ވިދާޅުވީ ތިނަދޫއަކީ ލޯކަލް ޓޫރިޒަމް ވަރަށް ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ރަށަކަށް ވުމާއެކު ބަނދަރު ބޭނުންކުރާ މިންވަރު އިތުރު ވަމުން ދާއިރު، ތިނަދޫގެ ރައްޔިތުންގެ އުންމީދަކީ އެރަށު ބަނދަރަކީ ލަފާފުރާ ހުރިހާ އުޅަނދަކަށް ފަސޭހަ ބަނދަރަކަށް ވެގެންދިއުމަށްކަމަށެވެ.

"ވަރަށް މުހިންމު ބޭރު ތޮށި ހެދުން. މިހާރު އޮތް ތޮށި އޮތީ ވެއްޓިފައި. ދެކުނު ފަރާތުގައި އޮންނަ ތިލައެއްގެ ސަބަބުން ބޭރުތޮށި އޮތީ ވައްޓާލާފައި. މިހެން މި ވަނީ ބަސްތާ ޖައްސާގެން ހަދާފައިވީމައި. އަޅުގަނޑުމެންނަށް ވަރަށް ދަތިވޭ ލަފާ ފުރުމަށް ދެން ޖާގައިގެ ދަތިކަންވެސް ވަރަށް ބޮޑު" ތިނަދޫ ކައުންސިލުން ވިދާޅުވިއެވެ.

ތިނަދޫ ކައުންސިލުން ވިދާޅުވީ ޒަމާނީ ފެންވަރުގެ ބަނދަރެއް ލިބުމާއެކު މިހާރަށްވުރެއް ބޮޑަށް ލޯކަލް ޓޫރިޒަމަށް އޮތް ފުރުސަތުތައް ތަނަވަސްވެގެން ދާނެކަމަށެވެ. އަދި މުދާ ބޭލުމުގައި ދިމާވި ދަތިތައްވެސް ހައްލުވެގެން ދާނެކަމަށެވެ.

ތިނަދޫ ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫޢު އެމް.ޓީ.ސީ.ސީއާއި ޙަވާލުކޮށްފައިވަނީ 360 ދުވަހުން ނިންމާގޮތަށެވެ. މި މަޝްރޫޢުގެ ދަށުން ބަނދަރަށް އިތުރުކުރެވޭ ބައިގެގޮތުގައި 12800 ކިއުބިކް މީޓަރ ފުންކުރުމާއި 860 ކިއުބިކް މީޓަރުގެ ނެރު ފުންކުރުން އަދި 71 މީޓަރުގެ ބޮޑު ހިލައިގެ ބޭރުތޮށި ޖެހުމާއެކު 6 މީޓަރުގެ ސަބްމާޖް ބްރޭކްވޯޓަރ ޖެހުމާއި 482 މީޓަރުގެ ރިވެޓްމަންޓް ޖެހުން ހިމެނެއެވެ. އަދި 354 މީޓަރުގެ ސްކޯރިންގ އެޕްރޮން ޖެހުމާއި، ނެވިގޭޝަން ލައިޓް ހަރުކުރުމާއި، 249 މީޓަރުގެ އެއްގަމު ތޮށި ޖެހުމާއި، 59 މޫރިންގ ރިންގް ހަރުކުރުންވެސް ހިމެނެއެވެ.

އަދި ކޮންކްރީޓް ބްރިޖެއް ހެދުމާއި، 90 އަކަ މީޓަރުގެ ރޭންޕެއް ހެދުމުގެ އިތުރުން 18 މަގުބައްތި ހަރުކޮށް 1847 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ދަށުން ކުރެވިގެންދާނެއެވެ.

ވ. ތިނަދޫގައި ޒަމާނީ ބަނދަރު ތަރައްގީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެއެވެ.