ޚަބަރު

ކުޅުދުއްފުށީ އެއަރޕޯޓްގައި އެންމެ ޒަމާނީ ވަސީލަތްތަކާއެކު މުޅިން އައު ޓަރމިނަލެއް އަޅަނީ


  • ކުޅުދުއްފުށީ އެއަރޕޯޓް ރީޑިވެލޮޕްމަންޓް މާސްޓަރ ޕްލޭން ވަނީ އެކުލަވާލާފައި

  • މުބީން ވިދާޅުވީ ޓަރމިނަލް މަސައްކަތް ބީލަމަށް ހުޅުވާލުމަށް ތައްޔާރުވަމުންދާކަމަށް

  • ޖާގަ ބޮޑު އައު ޓަރމިނަލްގައި ޒަމާނީ ވަސީލަތްތައް ޤާއިމުކުރާނެ

ކުޅުދުއްފުށީ އެއަރޕޯޓްގައި މުޅިން އައު ޒަމާނީ ޕެސެންޖަރ ޓާމިނަލެއް އެޅުމުގެ މާސްޓަރ ޕްލޭން އެކުލަވާލާ، އެމަސައްކަތް ކުންފުންޏަކާ ހަވާލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ފަށާފައިވާކަމަށް ރީޖަނަލް އެއަރޕޯޓްސްގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު މުބީން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މުބީން ވިދާޅުވީ އަތޮޅުތަކުގައި ހުރި އެއަރޕޯޓްތަކުގެ ހާލަތު ހުރީ ވަރަށް ދަށްކޮށްކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ ކުރިއަށްގެންދިޔަ މަސައްކަތަކީ އެއަރޕޯޓްތަކުގެ ހާލަތު ދެނެގަނެ، އެތަންތަނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ކަމަށެވެ.

މުބީން ވިދާޅުވީ ސަރުކާރުގެ ހަފްތާ-14ގައި ހިމަނާފައިވާގޮތަށް، އެންމެ ބޮޑު ބަދަލެއް ގެނައުމަށް ނިންމާފައިވަނީ ކުޅުދުއްފުށީ އެއަރޕޯޓަށްކަމަށެވެ. އެގޮތުން ޓަރމިނަލްގެ ޖާގަ ކުޑަވުމާއި ވަސީލަތްތަކުގެ ދަތިކަމާއި އެއަރޕޯޓް ބޭނުންކުރުމުގައި އާއްމުންގެ ހުރި ޝަކުވާތަކަށް ރިއާޔަތްކޮށް، ޒަމާނީ ބަދަލުތަކާއެކު މުޅިން އައު ޓަރމިނަލެއް އެޅުމުގެ މާސްޓަރ ޕްލޭން މިހާރު އެކުލަވާލާފައިވާކަމަށެވެ. މުބީން ވިދާޅުވީ މިހާރު ކުރަމުންދަނީ ބީލަމަށް ހުޅުވާލުމަށް ވާންޖެހޭ ތައްޔާރީތައްކަމަށެވެ.

"މިހާރުގެ ޓަމިނަލްއިން ޚިދުމަތް މުޅިން ހުއްޓާލާނަން. މިއީ 50 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއް. އެންމެ ޒަމާނީ ފެންވަރަށް ޒަމާނީ ވަސީލަތްތަކާއެކު ތަރައްޤީކުރާނީ." ރީޖަނަލް އެއަރޕޯޓްސްގެ އެމްޑީ މުބީން ވިދާޅުވިއެވެ.

މުބީން ވިދާޅުވީ މިހާރު ކުރަމުންދަނީ ޓަރމިނަލްގެ ކުރެހުންތައް ފައިނަލްކުރުމުގެ މަސައްކަތްކަމަށެވެ. އެގޮތުން އައު ޓަރމިނަލަކީ ޖާގައިގެ ގޮތުން ތަނަވަސް އަދި އެންމެ ފަހުގެ ވަސީލަތްތަކާއެކު ތަރައްޤީކުރާ ޓަރމިނަލަކަށް ވާނެކަމަށެވެ. އެގޮތުން ޓަމިނަލްގައި މަޑުކޮށްލައިގެން ތިބޭނެ އޭރިއާތައް އިތުރުކުރުމާއި ލަގެޖު ބެލްޓްވެސް ހިމަނާނެކަމަށް މުބީން ވިދާޅުވިއެވެ.

"ފީޑިން ރޫމް، ނަމާދު ކޮޓަރި އަދި ވީއަޕީ ލައުންޖްވެސް އެއީ އެއަރޕޯޓްގައި ހުރުން މުހިންމު ކަންކަން. ރީ ޑިވެލޮޕްމަންޓްގައި މިކަންކަން ހިމެނޭނެ. ޓަކް ޝޮޕް، ރެސްޓޯރަންޓް އަދި މެޑިކަލް ރޫމަކީވެސް އެއަރޕޯޓެއްގައި ކޮންމެހެން ހުންނަންޖެހޭ ކަމެއް." މުބީން ވިދާޅުވިއެވެ.

މުބީން ވިދާޅުވީ ކުޅުދުއްފުށީ އެއަރޕޯޓް ސަރަޙައްދުގައި ފެންބޮޑުވާ މައްސަލައަކީ ބޮޑު މައްސަލައެއްކަމަށެވެ. އެހެންކަމުން މިމައްސަލައަށްވެސް ލުޔެއްލިބޭގޮތަށް އަދި ވެހިކަލް އައިސް ވާރޭގައި ނުޖެހި ޓަރމިނަލަށް ކައިރިކޮށް މީހުން ބޭލޭގޮތަށް ފަސޭހަ އިންތިޒާމްތައް ހަމަޖައްސާނެކަމަށް ވިދާޅުވިއެވެ.

ކުޅުދުއްފުށީ އެއަރޕޯޓަކީ 2018ވަނަ އަހަރު، އޭރުގެ ސަރުކާރު ނިމެން ކުޑަތަންވެފައި ވަނިކޮށް ވަރަށް އަވަސް އަރުވާލައިގެން ނިންމި އެއަރޕޯޓެކެވެ. އެއަރޕޯޓްގެ ޚިދުމަތްތައް ޤާއިމުވެފައި ހުރިގޮތުން، ރައްޔިތުން ޚިދުމަތް ހޯދަމުން އަންނަނީ ބޮޑެތި ތަކުލީފުތަކާއެކުއެވެ.