ޚަބަރު

މިއަހަރު 2.4 މިލިއަން ފަތުރުވެރިން އަންނާނެ ކަމަށް ލަފާކުރެވޭ: ވަޒީރު ސައީދު


  • ވަޒީރު މިހެން ވިދާޅުވީ ތުރުކީގެ ޓީއާރުޓީ ނޫހަކަށް ދިން އިންޓަވިއުއެއްގައި

  • ފްލައިޓްތަކުގެ އަދަދުވެސް އަންނަނީ އިތުރުވަމުން

މިއަހަރު ރާއްޖެއަށް 2.4 މިލިއަން ފަތުރުވެރިން އަންނާނެކަމަށް މިހާރު ލަފާކުރެވޭކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ތުރުކީގެ ޓީއާރުޓީ ނިއުސްއަށް ދެއްވި އިންޓަވިއެއްގައެވެ.

ޓީއާރުޓީ ނިއުސްއިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، ދުނިޔެއަށް އަންނަ ކޮންމެ ލޮޅުމެއްގެ އަސަރު ރާއްޖޭގެ ފަތުރުވެރިކަމަށް ކުރާކަމަށެވެ. އެގޮތުން ޔޫކްރެއިން ހަނގުރާމައާއި އަދި އެނޫންވެސް ދުނިޔޭގެ މަޝްރަހަށް އަންނަ ބަދަލުތަކުގެ އަސަރު ފަތުރުވެރިކަމަށް ކޮށްފައިވާކަމަށެވެ. ނަމަވެސް މިކަންކަމުން މިހާރު އަރައިގަނެވެމުން އަންކަމަށް ވިދާޅުވިއެވެ.

އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު ސައީދު ވިދާޅުވީ، ފަތުރުވެރިކަން މިހާރު ކުރިއަރަމުންދަނީ ހަލުވި ދުވެލީގައިކަމަށެވެ. އެގޮތުން އަހަރުގެ މިހާތަނަށް 5 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާކަމަށް ވިދާޅުވިއެވެ. އެހެންކަމުން މިއަހަރުގެ ތެރޭގައި ރާއްޖެއަށް 2.4 މިލިއަން ފަތުރުވެރިން އަންނާނެކަމަށް މިހާރު ލަފާކުރެވޭކަމަށް ވިދާޅުވިއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން ރާއްޖެއަށް އަންނަ ފްލައިޓްތަކުގެ އަދަދު އިތުރުވަމުން އަންނަކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ޗައިނާއިން މުޅިން އައު 3 އެއަރލައިނަކުން ދަތުރު ފަށާފައިވާކަމަށާއި، މެލޭޝިއަން އެއަރލައިނުންވެސް އަލަށް ދަތުރު ފަށާފައިވާކަމަށް ވިދާޅުވިއެވެ. އަދި ވާޖިން އެޓްލާންޓިކާއި އެމިރޭޓްސް އާއި ގަތަރު ފަދަ އެއަރލައިންތަކުން ފްލައިޓްތައް އަޅަމުންދާކަން ފާހަގަކުރެއްވިއެވެ.

ރާއްޖެއަކީ ހުރިހާ ޤައުމަކާވެސް ރަހުމަތްތެރި ޤައުމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. ސަބަބަކީ ރާއްޖެއަކީ މުޅި ދުނިޔެއަށް ހުޅުވިފައިވާ ފަތުރުވެރިކަމުގެ މަންޒިލަކަށް ވުމެވެ. ބައެއް ފަހަރު ބައެއް ޤައުމުތަކުން އަންނަ ފަތުރުވެރިންގެ އަދަދު ދަށްވުމަކީ އެކަށީގެންވާ ކަމެއްކަމަށާއި ސަބަބަކީ ބައެއް މާކެޓްތަކުން އިތުރު ކުރިއެރުން ހޯދަމުން ދިއުންކަމަށް ވިދާޅުވިއެވެ. ވަޒީރު މިގޮތަށް ވިދާޅުވީ އިންޑިއާއިން އަންނަ ފަތުރުވެރިންގެ އަދަދު މަދުވުމުގެ ސަބަބުން ބައެއް ފަރާތްތަކުން ދައްކާ ވާހަކަތަކާއި ގުޅިގެންނެވެ.

ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު 69000 ފަތުރުވެރިންނާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ 1 ވަނައިގައި އޮތީ ޗައިނާއެވެ. އަހަރުގެ މިހާތަނަށް ރާއްޖެއަށް 620،000 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

ސަރުކާރުން އެންމެ ފުރަތަމަ އަމާޒުހިފީ މިއަހަރު ރާއްޖެއަށް 2 މިލިއަން ފަތުރުވެރިން ގެނައުމަށެވެ. ނަމަވެސް ފަހުން ފަތުރުވެރިކަމާއި ބެހޭ ވަޒީރު ވަނީ މިއަހަރު ރާއްޖެއަށް 2.3 މިލިއަން ފަތުރުވެރިން އަންނާނެކަމަށް އަންދާޒާކުރެވޭކަމަށް ވިދާޅުވެފައެވެ.