ޚަބަރު

އީދު ބަންދާއި ދިމާކޮށް ބައެއް މަންޒިލްތަކަށް މޯލްޑިވިއަންގެ އިތުރު ދަތުރުތަކެއް


  • މި ދަތުރުތައް ޝެޑިއުލްކޮށްފައިވަނީ މިމަހުގެ 11 އަދި 12 ވަނަ ދުވަހު

  • ބަންދާއި ދިމާކޮށް އަބަދުވެސް މޯލްޑިވިއަނުން އިތުރު ދަތުރުތައް ޝެޑިއުލްކުރޭ

އީދު ބަންދާއި ދިމާކޮށް އެތެރޭގެ އުދުހުމުގެ ބާރުބޮޑުވެ ޤައުމީ އެއަރލައިން މޯލްޑިވިއަނުން ބައެއް މަންޒިލްތަކަށް ކުރާ ދަތުތުތައް އިތުރުކޮށްފިއެވެ.

މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުން ބުނީ މިމަހުގެ 11 އަދި 12 ވަނަ ދުވަހު ބައެއް މަންޒިލްތަކަށް އިތުރު ދަތުރުތައް ބޭއްވުމަށް ނިންމާފައިވާކަމަށެވެ.

އެގޮތުން މިމަހުގެ 11 ވަނަ ދުވަހު އިފުރު އެއަރޕޯޓަށް އިތުރު ދަތުރެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރު ކުރާނީ މާލެއިން އިފުރަށް އައި އިފުރުން މާލެއަށެވެ.

މިމަހުގެ 12 ވަނަ ދުވަހު މާލެއިން ހަނިމާދޫއަށް އަދި ހަނިމާދޫއިން މާލެއަށް އިތުރު ދަތުރެއް ބާއްވާއިރު ހަމަ އެދުވަހު ކުޅުދުއްފުށި އެއަރޕޯޓަށްވެސް އިތުރު ދަތުރެއް ކުރުމަށް މޯލްޑިވިއަނުން މިހާރު ވަނީ ޝެޑިއުލްކޮށްފައެވެ.

މިމަހުގެ 12 ވަނަ ދުވަހު މާފަރު އަދި މަޑިވަރަށްވެސް އިތުރު ދަތުރެއް މޯލްޑިވިއަނުން ވަނީ ޝެޑިއުލްކޮށްފައެވެ. މި ދަތުރު އޮންނާނީ މާލެއިން މާފަރަށް، މާފަރުން މަޑިވަރަށް އަދި މަޑިވަރުން މާލެއަށްކަމަށް މޯލްޑިވިއަނުން މައުލޫމާތުދެއެވެ.

މިއީ ޗުއްޓީ ދުވަސްވަރަށް ވުމާއިއެކު އެތެރޭގެ އުދުހުންތަކަށް އޮންނަ ޑިމާންޑް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އަދި ކޮންމެ ބަންދަކާއި ދިމާކޮށްވެސް ޑިމާންޑް އިތުރުވާ ސަރަހައްދުތަކަށް މޯލްޑިވިއަނުން އަބަދުވެސް އިތުރު ދަތުރުތައް ކުރެއެވެ.