ޚަބަރު

މުޅި ރާއްޖެ ޢީދަށް ދިއްލާލުމުގެ ބޮޑު ހަރަކާތް ހޯމަ ދުވަހުގެ ރޭ


  • މިހާރު ކުރަމުންދަނީ ލައިޓްތައް ހަރުކޮށް ޓެސްޓުކުރުމުގެ މަސައްކަތް

  • މިއީ އާއްމުންގެ ޝައުގުވެރިކަން ވަރަށް ބޮޑަށް ލިބުނު މަސައްކަތެއް

  • މާލެ، ސިޓީތައް އަދި އަތޮޅުވެރިކަން ކުރާ ރަށްތަކުގައި މި ހަރަކާތް އޮންނާނެ

ފިޠުރު ޢީދަށް ލައިޓް ދިއްލުމުގެ ބޮޑު ހަރަކާތް ހޯމަދުވަހުގެ ރޭ އޮންނާނެއެވެ. މި ހަރަކާތް މާލެއާއި ސިޓީތައް އަދި އަތޮޅުވެރިކަން ކުރާ ރަށްތަކުގައި ކުރިއަށްދާނީ އެއް ވަގުތެއްގައެވެ.

އާއްމުކޮށް ރާއްޖޭގައި ކުލަގަދަކޮށް ފާހަގަކުރަމުން އައިސްފައިވަނީ އަޟްޙާ ޢީދެވެ. ނަމަވެސް މިއަހަރު ފިޠުރު ޢީދުގެ މުނާސަބާވެސް ކުލަގަދަކޮށް، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުގެ ރައްޔިތުންނަށްވެސް ޢީދުގެ އުފަލުގައި ބައިވެރިވެވޭގޮތަށް ކުރިއަށްގެންދިއުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

އެގޮތުން މިދިޔަ އަހަރު އަޟްޙާ ޢީދުގައި މާލޭގައި ދިއްލާލި ކުލަބޮކިތަކަކީ އާއްމުންގެ ޝަޢުގުވެރިކަން އެކަމަކަށް ވަރަށް ބޮޑަށް ހުއްޓިގެން ދިޔަ މަސައްކަތެކެވެ. އެއީ އިސްލާމީ ޤައުމުތަކުގައި ޢީދު ފާހަގަކުރުމުގައި ބޭނުންކުރާގޮތަށް، އެފަދަ ފަރުމާއަކަށް ކުރިއަށްގެންދިޔަ ހިތްގައިމު މަސައްކަތެކެވެ. ލައިޓްތަކުގެ އިތުރުން މުޅި މާލެއިން ތަކުބީރުގެ އަޑު އިއްވާފައިވެއެވެ.

މާލޭގައި މި ހަރަކާތް ކުރިއަށްގެންދެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާލެ ސިޓީގެ މޭޔަރުކަމުގައި ހުންނެވިއިރު، އެމަނިކުފާނުގެ އިސްނެންގެވުމަށް މާލޭ ސިޓީ ކައުންސިލުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަހަރުގެ ފިޠުރު ޢީދުގައި މި ހަރަކާތް މުޅި ރާއްޖޭގައި ކުރިއަށްގެންދެވުމަށް ނިންމަވާފައެވެ. އެގޮތުން މާލެ ސިޓީއާއި އައްޑޫ، ފުވައްމުލައް، ތިނަދޫ، ކުޅުދުއްފުށި ސިޓީގެ އިތުރުން ކޮންމެ އަތޮޅެއްގެ އަތޮޅުވެރިކަން ކުރާ ރަށުގައި ލައިޓްތައް ޖެހުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

މިހަރަކާތުގެ ތެރޭގައި ޢީދަށް ރަށްތައް ޒީނަތްތެރި ކުރުމުގައި އިސްލާމީވަންތަކަން ދައްކުވައިދޭ ލައިޓްތައް ހަރުކުރުމުގެ އިތުރުން ތަކްބީރުގެ އަޑު އިއްވުމަށް ރަށުތެރޭގައި ސްޕީކަރު ހަރުކުރުން ހިމެނެއެވެ. މިގޮތުން ރަށްރަށުގެ ބޮޑެތި މަގުތަކުގައި ޢީދަށް ޚާއްސަ ކުލަބޮކި ލުމާއި މަގުމަތީގައި ގިޑިގެ ހެދުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ސިޓީތަކާ އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މޫސާ ފަތުޙީ އާދަމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ބޭނުންފުޅަކަށްވީ އިސްލާމީ އެހެން ޤައިމުތަކުގައި ޢީދުފާހަގަކުރާގޮތަށް ރާއްޖޭގައިވެސް އިސްލާމީ ތަޞައްވުރާ ވަޙުދަތު ދައްކުވައިދިނުންކަމަށެވެ. އަދި ވީހާވެސް ގިނަ ރައްޔިތުންނަށް ބައިވެރިވެވޭ އުފަލެއްގެ ގޮތުގައި ހަމަޖެއްސެވުންކަމަށެވެ.


ފަތުޙީ ވިދާޅުވީ، މާލޭގައިވެސް އަދި އަތޮޅުތަކުގައިވެސް ކުރިއަށްދަނީ ލައިޓްތައް ހަރުމުގެ އެންމެ ފަހުގެ މަސައްކަތްތައްކަމަށެވެ. އަދި ތަކްބީރު ރަށަށް އިއްވޭނެ ވަސީލަތްތައްވެސް ޤާއިމުކުރާކަމަށެވެ.

ފަތުޙީ ވިދާޅުވީ މި ހަރަކާތް ހިންގާ ހުރިހާ ރަށްތައް އެއްފަހަރާ އެއްވަގުތެއްގައި ދިއްލާލުމުގެ ބޮޑު ހަރަކާތެއް ހޯމަ ދުވަހުގެ ތެރޭ އޮންނާނެކަމަށެވެ. މި ހަރަކާތް ފައްޓަވައިދެއްވާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

"މިހާރު މި ކުރަމުންދަނީ ރަސްމީކޮށް އިފްތިތާޙުކުމުގެ ޙަފްލާގެ ތައްޔާރީތައް. 7 ވަނަ ދުވަހު މަސައްކަތްތައް ނިންމާ 8 ވަނަ ދުވަހު އިފްތިތާޙިކުރާނީ. ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާނެ." ސިޓީތަކާ އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މޫސާ ފަތުޙީ އާދަމް ވިދާޅުވިއެވެ.

މިއީ ސަރުކާރުން ޢީދު ފާހަގަކުރުމުގައި އަތޮޅުތައް ޝާމިލުވާގޮތަށް ބާއްވާ މިފަދަ އެންމެ ބޮޑު ހަރަކާތެވެ. ރަށްތަކަށް ލައިޓްތައް ގެންދިއުމުގެ މަސައްކަތް ކުރިއަށްގެންގޮސްފައިވަނި ސްޓެލްކޯގެ އެހީތެރިކަމާއެކުއެވެ. އަދި އިންސްޓޯލްކުރުމުގެ މަސައްކަތްތައް ކައުންސިލްތަކާއި، ފެނަކަ އަދި ރައްޔިތުން ގުޅިގެން އަންނަނީ ކުރަމުންނެވެ.

ކަލަންޑަރުގައިވާގޮތުން ފިޠުރު ޢީދު ވަނީ އަންނަ ބުދަ ދުވަހަށެވެ. މިއަހަރުވެސް ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު ކުރުން ހުރިހާ ރަށެއްގައި ކުރިއަށްދާނެއެވެ. އަދި ޢީދު ކުޅިވަރުގެ ހަރަކާތްތަކާއި ސަޤާފީ ކުޅިވަރުތައް ކުރިއަށްދާނެއެވެ. މީގެއިތުރުން މާލޭގައި ހަވާއެރުވުންވެސް ޢީދު ދުވަހު އޮންނާނެއެވެ.